ކުއާޓާގައި ޔުނައިޓެޑާއި ބާސެލޯނާގެ ކުރިމަތިލުމެއް

ނިޔޯން، ސްވިޒަލެންޑް (މާޗް 15) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ ބައްދަލުކުރަން ޖެހިއްޖެ އެވެ.


އަނެއް ތިން މެޗުގައި ބައްދަލުކުރާނީ ޔުވެންޓަސް އާއި އަޔަކްސް، މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާސް އަދި ލިވަޕޫލާއި ޕޯޓޯ އެވެ.

މިއީ 2011 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑް ކުއާޓާ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ބާސެލޯނާ އާއި ޔުނައިޓެޑް ވަނީ 2009 އާއި 2011 ވަނަ އަހަރުގެ ފައިނަލުގައި ކުޅެފަ އެވެ. އެ ދެ ފަހަރު ވެސް ޔުނައިޓެޑް އަތުން ބާސެލޯނާ މޮޅުވިއިރު، އެ ޓީމުގެ ކޯޗަކީ މެންޗެސްޓާ ސިޓީގައި މިހާރު ހުރި ކޯޗު ޕެޕް ގާޑިއޯލާ އެވެ.

އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި ކުޅޭ ޔުނައިޓެޑް މި ފަހަރުގެ ކުއާޓާ އިން ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި ހައިރާންކުރަނިވި ގޮތަކަށް ފްރާންސްގެ ގަދަބާރު ޕީއެސްޖީ ކަޓުވާލުމަށް ފަހު އެވެ. މި ފަހަރު ޗެމްޕިއަންސް ލީގަށް އަމާޒުހިފާފައިވާ ބާސެލޯނާ އިން ދެ ވަނަ ބުރުގައި ކުރިހޯދީ ފްރާންސްގެ އޮލިމްޕިކް ލިޔޯންގެ މައްޗަށެވެ.

ޔުވެންޓަސްއާ ވާދަކުރަން ޖެހުނު އަޔަކްސް އަކީ އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލުމަށް ކުއާޓާ އިން ޖާގަ ހޯދި ޓީމެކެވެ. އަނެއްކޮޅުން ޔުވެންޓަސް އަންނަނީ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ތަފާތު ދައްކަމުންނެވެ. ޔުވެންޓަސް ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި ނަމަވެސް އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން ނަތީޖާ އަނބުރާލި އެވެ.

ލިވަޕޫލް ވަނީ މިދިޔަ ސީޒަނުގެ މުބާރާތުގެ ދެ ވަނަ ބުރުގައި ޕޯޓޯގެ މައްޗަށް ކުރި ހޯދައިފަ އެވެ. ޔާގެން ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލުން ވަނީ ޔޫރަޕްގެ ނޮކައުޓު ބުރުގައި ފުރިހަމަ ރެކޯޑެއް ދަމަހައްޓައިފަ އެވެ. ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ބަޔާން އަތުން ފަސް ފަހަރު މި މުބާރާތް ކާމިޔާބުކުރި ލިވަޕޫލުން ވަނީ ފުރިހަމަ މޮޅެއް ހޯދައިފަ އެވެ.

މި ފަހަރުގެ ކުއާޓާ ފައިނަލުގައި ހަތަރު އިނގިރޭސި ޓީމު ކުޅޭއިރު މިއީ 2009 ވަނަ އަހަރަށް ފަހު ހަތަރު އިނގިރޭސި ޓީމު މި ހިސާބަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިއީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނަ ޓޮޓެންހަމުން 2011 ވަނަ އަހަރަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ސެމީ ފައިނަލުގައި ކުޅެން ޖެހެނީ ޔުވެންޓަސް އާއި އަޔަކްސް ތެެރެއިން މޮޅުވާ ޓީމަކާއި ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. އަދި އަނެއް ސެމީގައި ބައްދަލުކުރާނީ ޕޯޓޯ އާއި ލިވަޕޫލް ބައްދަލުކޮށްގެން މޮޅުވާ ޓީމަކާއި ބާސެލޯނާ އާއި ޔުނައިޓެޑް ކުޅެގެން މޮޅުވާ ޓީމެކެވެ.

މި ފަހަރުގެ ފައިނަލް މެޗު އޮންނާނީ އަންނަ ޖޫން މަހު އެއް ވަނަ ދުވަހު އެތުލެޓިކޯ މެޑްރިޑްގެ ސްޓޭޑިއަމް ވަންޑާ މެޓްރޮޕޮލިޓާނޯގަ އެވެ. ކުއާޓާގެ މެޗުތައް ފަށާނީ އަންނަ މަހު 9 ވަނަ ދުވަހު އެވެ.