މެޗެއް ކުޅެން އަދި ތައްޔާރެއް ނޫން: ޑި ޔޮން

ބާސެލޯނާ (މޭ 22) – މެދުކެނޑުމަށް ފަހު އަލުން ފަރިތަކުރުންތައް ފެށުމުން ހިތްހަމަޖެހޭ ކަމަށާއި އެކަމަކު އަދި މެޗެއް ކުޅެން ތައްޔާރު ނޫން ކަމަށް ބާސެލޯނާގެ ނެދަލެންޑްސް މިޑްފީލްޑަރު ފްރޭންކީ ޑި ޔޮން ބުނެފި އެވެ.


ކޮވިޑް-19 އާ ގުޅިގެން މާޗު މަހު މެދުކަނޑާލި ސްޕެނިޝް ލީގު އަލުން ފަށަން ހަމަޖެހިފައިވަނީ އަންނަ މަހު އެވެ. އެކަމަކު ސީދާ ތާރީހެއް އަދި ނޭގެ އެވެ. ޖަރުމަން ލީގު ފަށާފައިވާއިރު އިނގިރޭސި ލީގާއި އިޓަލީ ލީގު ވެސް ފަށާނީ އަންނަ މަހު އެވެ. ޗެމްޕިއަންސް ލީގު ފަށާނެ ކަމަށް ބެލެވެނީ ލީގުތައް ޖުލައިގެ ނިޔަލަށް ނިންމާލުމަށް ފަހު އޮގަސްޓުގަ އެވެ.

ސްޕެނިޝް ޓީމުތަކުން މި މަހު ކުރީކޮޅު ޕްރެކްޓިސްތައް ފެށީ ކުޅުންތެރިން ވަކިވަކިންނެވެ. އެކަމަކު މިހާރު ވަނީ ކުދި ކުދި ގްރޫޕްތަކަށް ބަހާލައިގެން ޕްރެކްޓިސް ފަށައިފަ އެވެ. ޑި ޔޮން ބުނީ އަދި މެޗެއް ކުޅެން އޭނާ ތައްޔާރު ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށާއި އަދި ވެސް ހަފުތާތަކެއްގެ ތަމްރީން ބޭނުންވާ ކަމަށެވެ.

"ޓްރެއިނިން އާއި ޓީމުގެ ކުޅުންތެރިންނާއި ފުޓްބޯޅަ ކުޅުމާއި އެ ހުރިހާ ކަމެއް ވަރަށް މިސްވި. (ގާތްގަނޑަކަށް( ދޭއް ނުވަތަ ތިން މަސް ދުރުގައި ތިބުމަކީ ދިގު މުއްދަތެއް. ޗުއްޓީއަކަށް ނުވަތަ އެހެން ގޮތަކަށް ވަކިވުމަށް ފަހު އަލުން ބައްދަލުވުމަކީ އުފާވެރިކަމެއް. އާއްމުކޮށް އެއީ ތިން ހަފުތާ އެކަމަކު މި ފަހަރު މިއީ ގާތްގަނޑަކަށް ތިން މަސް ދުވަސް،" ބާސެލޯނާގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

"ފުރަތަމަ އިންޑިވިޖުއަލީ، ދެން ކުދި ގްރޫޕްތަކަށް ބަހާލައިގެން، އޭގެ ފަހުން މުޅި ޓީމު އެއްކޮށް (ޕްރެކްޓިސް ކުރިއަށްގެންދާނީ). އަލުން ކުޅެން ފަށަން އަހަރެމެން ތިބޭނީ ތައްޔާރުގައި މަދު ހަފުތާތަކެއްގެ ތެރޭގައި."

އަޔަކްސް އިން ވިދާލައި މި ސީޒަނުގައި ބާސެލޯނާއާ ގުޅުނު ޑި ޔޮން ވަނީ އެ ޓީމަށް 37 މެޗު ކުޅެދީފަ އެވެ. އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ވަނީ ނެދަލެންޑްސް ގައުމީ ޓީމަށް 15 މެޗު ކުޅެދީފަ އެވެ.