ޗެމްޕިއަންސް ލީގު ފައިނަލާ މެދު ތުރުކީ އުއްމީދުގައި

އިސްތަންބޫލް، (މޭ 31) – މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ރޭވިފައިވާ ގޮތަށް އިސްތަންބޫލުގައި ކުޅޭނެ ކަމަށް ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނާއި ބައެއް އެ ގައުމުގެ ސަޕޯޓަރުން އަންނަނީ އުއްމީދުކުރަމުންނެވެ.


ކުރިން ރޭވިފައި އޮތް ގޮތުން ނަމަ އިއްޔެ އަކީ އިސްތަންބޫލުގެ އޮލިމްޕިކް ސްޓޭޑިއަމުގައި އެ މުބާރާތުގެ ފައިނަލް ކުޅޭނެ ދުވަހެވެ. އެކަމަކު ކޮވިޑް-19 ފެތުރެން ފެށުމުން އެ މުބާރާތް އޮތީ މެދުކަނޑާލާފައިފަ އެވެ.

މުބާރާތް އަލުން ކުޅޭނެ ކަމަށް ބެލެވެނީ އޮގަސްޓް މަހުގަ އެވެ. ފޯމެޓް ބަދަލުކޮށް މިނީ މުބާރާތެއްގެ ގޮތުގައި އެހެން ގައުމެއްގައި ބާއްވަފާނެ ކަމަށް ވާހަކަދެކެވެ އެވެ. އަދި ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެ މާހައުލެއް ތަނަވަސްދި ދުވަހަކުން އިސްތަންބޫލަށް މި މުބާރާތުގެ ފައިނަލެއް ހޯސްޓްކުރަން ފުރުސަތު ދޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު އެ ގައުމުގެ ސަޕޯޓަރުންގެ އުއްމީދަކީ، 2005 ގެ ފަހުން އެ ޓީމަށް މި މުބާރާތުގެ ފައިނަލެއް ބާއްވަން ލިބުނު ފުރަތަމަ ފުރުސަތުގައި އެކަން ކުރިއަށް ދިއުމެވެ.

"އިސްތަންބޫލުގައި އަލުން ފައިނަލެއް ކުޅުމަކީ، އަހަރެމެންނަށް ފަހުރުވެރިވެވޭނެ ކަމެއް ކަމަށް ޔަގީނުން ވެސް. އިސްތަންބޫލަކީ ފުޓްބޯޅައިގެ ސިޓީއެއް. އަހަރެމެން ފުޓްބޯޅަ ދެކެ ވަރަށް ލޯބިވޭ،" ތުރުކީގެ ގަލަތަސަރާއީގެ މައި ސަޕޯޓަރުންގެ ގްރޫޕުގެ މެމްބަރު އަޓަކަން ބޮޑާން ބުންޏެވެ.

އިސްތަންބޫލުގައި އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލަކީ އެ މުބާރާތުގެ ތާރީހުގެ ވެސް އެންމެ ހާއްސަ އެއް ފައިނަލެވެ. އޭސީ މިލާނުން ތިން ލަނޑު ޖަހާފައި އޮއްވާ ލިވަޕޫލް ފަހަތުން އަރައި އެއްވަރުކޮށް ޕެނަލްޓީން މޮޅުވި މެޗު އެތައް ބަޔެއްގެ ހަނދާނުގައި ހަރުލާފައިވެ އެވެ.

ޖަރުމަން ލީގު ފަށާފައިވާއިރު ސްޕެނިޝް ލީގާއި އިނގިރޭސި ލީގާއި އިޓާލިއަން ލީގު އަންނަ މަހު އަލުން ފަށާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޔުއެފާގެ ވިސްނުމަކީ ލީގުތައް ޖުލައިގެ ނިޔަލަށް ނިންމާލައި އޮގަސްޓް މަހު ޗެމްޕިއަންސް ލީގު ބޭއްވުމެވެ. އެކަމަކު ޔުއެފާ އިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ހަމައެކަނި ފައިނަލް ވިޔަސް ނުވަތަ މިނީ މުބާރާތެއްގެ ގޮތުގައި ބާއްވަން ވިޔަސް އެ ގައުމު އޮތީ ތައްޔާރަށް ކަމަށެވެ. ތުރުކީގެ ހާލަތަށް ބަލާއިރު މިހާތަނަށް 163,103 މީހުންނަށް ކޮވިޑް ޖެހި 4,515 މީހުން ވަނީ މަރުވެފަ އެވެ. އެހެން ގައުމަކަށް ފުރުސަތު ދޭ ނަމަ އެ ފުރުސަތު އެންމެ ބޮޑީ ޖަރުމަނަށެވެ. އެ ގައުމަކީ ޔޫރަޕުން ފުޓްބޯޅަ ލީގު އެންމެ އަވަހަށް ފެށި ގައުމެވެ.