ސީޒަން ނިމުމުގެ ކުރިން ސަޕޯޓަރުން ފެނިދާނެ: ގްރަވީނާ

ރޯމް (ޖޫން 2) – މި ސީޒަން ނިމުމުގެ ކުރިން، މަދު އަދަދެއްގެ ސަޕޯޓަރުންނަށް ވިޔަސް ދަނޑަށް ވަދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ގެބްރިއަލީ ގްރަވީނާ ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ އިޓާލިއަން ލީގު މަހު 20 ގައި ފަށަން ރާވާފައިވަނީ، ސަޕޯޓަރުން ނުވައްދަ އެވެ. ބެލެވިފައި އޮތީ މި ސީޒަނުގައި އަދި އަންނަ ސީޒަނުގެ ވެސް ކުރީކޮޅު ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭނެ ކަމަށެވެ.

"ސަޕޯޓަރުން ދަނޑުގައި؟ އަހަރެންގެ ހިތުގެ އަޑިން ކުރާ އުއްމީދަކީ، މުބާރާތުގެ ފަހުކޮޅު މަދު އަދަދެއްގެ ސަޕޯޓަރުން (ވިޔަސް) ދަނޑުން ފެނުން. އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން، 60،000، 80،000 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމްތަކަށް މަދު އަދަދެއްގެ ސަޕޯޓަރުންނަށް ޖާގަ ނެތުމަކީ، ވިސްނަން އުނދަގޫ ކަމެއް،" ގްރަވީނާ ވިދާޅުވި އެވެ.

ލީގު އަލުން ފަށާއިރު އެފަދަ އުސޫލަކުން ސަޕޯޓަރުން ވެއްދުމަށް އެއް ބަޔަކު އަންނަނީ ގޮވާލަމުންނެވެ. ބޮޑެތި ސްޓޭޑިއަމްތަކުގައި ސޯޝަލް ޑިސްޓެންސިންގެ އުސޫލުގެ ތެރެއިން ދުރުދުރުގައި ސަޕޯޓަރުން ބައިތިއްބޭނެ އެވެ.

"މިއަދު އަދި އެ ވާހަކަ ދައްކަން މާ އަވަސް. އެކަމަކު ލީގު އަލުން ފެށުމުން، މި ގައުމަށް އަލުން ކުޑަ އުއްމީދެއް ލިބިގެންދާނެ،" ގްރަވީނާ ވިދާޅުވި އެވެ.

ސިނެމާތަކާއި ތިއޭޓަރުތައް ސޯޝަލް ޑިސްޓެންސިންގެ އުސޫލުގެ ތެރެއިން ޖޫން 15 ގެ ފަހުން ހުޅުވޭނެ އެވެ. ގްރަވީނާ ވިދާޅުވީ އެކަންކަން ދާ ގޮތް ކައިރިން ބަލަމުންދާނެ ކަމަށެވެ.

ޔުއެފާގެ ރައީސް އެލެކްޒެންޑާ ކެފެރިން ވެސް ވަނީ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ވަރަށް ވުރެ އަވަހަށް ސަޕޯޓަރުން ދަނޑަށް އަންނަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަހަންނަށް އަމިއްލަ ގޮތުން ޔަގީން ކަށަވަރު، ފުޓްބޯޅަ ސަޕޯޓަރުންނާ އެކު ވަރަށް އަވަހަށް އަންނާނެކަމުގެ،" ކެފެރިން ވިދާޅުވި އެވެ.