ކްލޮޕަށް މުހިއްމީ ފުޓްބޯޅަ، ކުޅޭ ދަނޑެއް ނޫން

ލަންޑަން (ޖޫން 3) - ކޮވިޑް-19 ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލުމަަށް ފަހު މި މަހު އަލުން ފަށާއިރު ލިވަޕޫލްގެ ބައެއް މެޗުތައް ނިއުޓްރަލް ދަނޑެއްގައި ކުޅުމުގެ ވާހަަކަތަކެއް ދެކެވުނު ނަމަވެސް އެއީ މުހިއްމު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އޭނާ ބޭނުންވަނީ ފުޓްބޯޅަ އެނބުރި އަންނަން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.


މި މަހު 17 ވަނަ ދުވަހު އަލުން ލީގުގެ މެޗުތައް ފަށާއިރު، ސަޕޯޓަރުން ދަނޑަށް ނުވައްދައި މެޗުތައް ކުޅުނު ނަމަވެސް ދަނޑު ބޭރުގައި ސަޕޯޓަރުން އެއްވެ، ސޯޝަލް ޑިސްޓެންސިން އުސޫލުތަކާ ހިލާފުވާ ގިނަ ކަންތައްތަކެއް ހިނގައިފާނެ ކަމަށް ފުލުހުންނަށް ފެންނަ ފަސް މެޗެއް ނިއުޓްރަލް ދަނޑެއްގައި ކުޅެން ވަނީ ލަފާދީފަ އެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ ތިން މެޗެއް ހިމެނެ އެވެ.

ބީބީސީ އަށް އިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ މި ހާލަތުގައި ވަކި ދަނޑެއްގައި ކުޅެން އޭނާ ވިސްނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"އަހަރެންގެ ވިސްނުމަކީ ފުޓްބޯޅަ އެނބުރި އައުން. އަހަރެން ވަރަށް ބޮޑަށް ބޭނުންވާ ކަމަކީ އަހަރެން ޝައުގުވެރިވާ މަސައްކަތް އަލުން ފެށުން. މި ވަގުތަށް ވިސްނަނީ އަދި މުހިއްމީ ވެސް އެކަން،" ކްލޮޕް ބުންޏެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް 25 ޕޮއިންޓުގެ ލީޑަކާ އެކު އޮތްއިރު، 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގުގެ ތަށި އުފުލާލަން އެ ޓީމަށް ބޭނުންވަނީ ދެ މޮޅެވެ. އެކަމަކު ލީގު ފުރަތަމަ ފަށާއިރު މި މަހު 17 ވަނަ ދުވަހު މެންޗެސްޓާ ސިޓީ އަތުން އާސެނަލް މޮޅުވެ، ލިވަޕޫލް ކުޅޭ މެޗުން އެ ޓީމު އެވަޓަން ބަލިކޮށްފިނަމަ އެނބުރި އަންނަ ފުރަތަމަ މެޗުން ވެސް ލިވަޕޫލަށް ލީގު ޗެމްޕިއަން ޔަގީންވާނެ އެވެ.

"އަހަރެމެންނަކީ އަދި ޗެމްޕިއަނުންނެއް ނޫން. ފުޓްބޯޅަ މެޗުތަކަކުން މޮޅުވާން ޖެހޭ. ދެ މެޗުން މޮޅުވެގެން ޔަގީން ވިޔަސް އެއީ ނިމުމެއް ނޫން. އަދި އަހަރެމެންނަށް ހޯދޭނެ 27 ޕޮއިންޓް އެބައޮތް. އެ އަށް މަސައްކަތްކުރާނަން،" ކްލޮޕް ބުންޏެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ހަ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފަހު ލިވަޕޫލުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އެއްވެ ޓްރޮފީ ޕެރޭޑެއް ބޭއްވި އެވެ. ކްލޮޕް ބުނީ ލީގުގެ ޗެމްޕިއަންކަން ލިބިއްޖެނަމަ ފުރުސަތު ލިބޭ ދުވަހަކުން ސަޕޯޓަރުން ހިމެނޭ ގޮތަށް ޓްރޮފީއާ އެކު އުފާފާޅުކުރާނެ ކަމަށެވެ.