ނިއުކާސަލް ޑީލް ހުއްޓުވުމުގައި ވާދަވެރި ކްލަބްތަކުގެ ނުފޫޒު އޮތް

ލަންޑަން (އޮގަސްޓް 1) - ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ޔުނައިޓެޑް ގަންނަން ކުރި މަސައްކަތް ހުއްޓާލަން ޖެހުނީ ވާދަވެރި ކްލަބްތަކުގެ ނުފޫޒު ވެސް އޭގެ ތެރެއަށް ވަނުމުން ކަމަށް ޕީސީޕީ ކެޕިޓަލް ޕާޓްނާސްގެ ވެރިޔާ އަމަންޑާ ސްޓަވިލީސް ބުނެފި އެވެ.


ނިއުކާސަލް ސައުދީ ޑީލްގެ ތެރެއިން ވިއްކާލަން ނިންމާފައި އޮތީ 300 މިލިއަން ޕައުންޑަށެވެ. ނިއުކާސަލްގެ މި ޑީލް ކުރިއަށްދިޔަނަމަ އެ ކްލަބްގައި ޕީއައިއެފްގެ ޗެއާމަންގެ ހައިސިއްޔަތުން ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާ އަކީ 80 ޕަސެންޓެވެ. ބާކީ 20 ޕަސެންޓް ބެހިފައި އޮތީ އަމަންޑާ އާއި ރިއުބެން ބްރަދާސްގެ ތެރެއިން ކޮންމެ ބަޔަކަށް 10 ޕަސެންޓް ލިބޭ ގޮތަށެވެ.

މީގެ ތިން މަހެއްހާ ދުވަސްކުރިން ނިއުކާސަކް ގަންނަން ހުރިހާ ލިޔެކިއުންތަކެއް ހުށަހަޅައި މަސައްކަތްތައް ކުރިއަށްގެންދިޔަ ނަމަވެސް އެކަން ކުރިއަށްދާ ގޮތްނުވުމުން އެންމެ ފަހުން ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް ނިއުކާސަލް ގަންނަން ކުރި ބިޑް އަނބުރާ ގެންގޮސްފައިވާކަން ޕީއައިއެފް އިން އިއުލާނުކުރި އެވެ.

ސިޔާސީ ގޮތުންނާއި ތަފާތު ގިނަ ގޮތްގޮތުން ނިއުކާސަލް ޑީލާ ދެކޮޅަށް ޕްރެޝަރު އައި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އަމަންޑާ ބުނީ އޭގައި ވާދަވެރި ކްލަބްތަކުން ވެސް އިސް ރޯލެއް ކުޅުނު ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ނިއުކާސަލް ޑީލާ ދެކޮޅަށް މަސައްކަތްކުރި ކްލަބްތަކުގެ ތެރޭގައި ލިވަޕޫލާއި ޓޮޓެންހަމް އަދި އާސެނަލް ހިމެނެ އެވެ.

"އަަހަރެމެންނަށް އެނގޭ މި ޑީލާ ދެކޮޅަށް ވާދަވެރި ކްލަބްތަކުން ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރިކަން. ހަގީގަތުގައި އެ ޓީމުތަކުން ހަސަދަވެރިވީ ނިއުކާސަލް ފަދަ ފުޓްބޯޅައިގެ ސަރަހައްދެއް އަނެއްކާ ވެސް މި ގައުމުގެ ފުޓްބޯޅައިގެ ބާރަކަށް ވެދާނެތީ،" އަމަންޑާ ބުންޏެވެ.

އަމަންޑާ އަކީ 2008 ވަނަ އަހަރު މެންޗެސްޓާ ސިޓީ ގަންނަން ޔޫއޭއީގެ މަހުޖަނު އަބޫދާބީ ގްރޫޕުގެ ވެރިޔާ ޝެއިހް މަންސޫރަށް ވެސް އެހީތެރިވެދިން ފަރާތެކެވެ. އެ ފަހަރު ވެސް ސިޓީ ގަތުމުގެ ޑީލުގައި ބްރޯކަރެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުގެ ތެރެއިން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ނިންމުމުގައި އެންމެ އިސްކޮށް އުޅުނީ އަމަންޑާ އެވެ.

ނިއުކާސަލް ޑީލް ކުއްލިއަކަށް ހުއްޓުނުއިރު، ފާއިތުވި ހަފްތާގައި ނިއުކާސަލްގެ އާ ބޯޑުގައި ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ނަންތަކާއި ސައުދީ ސަރުކާރާ ސީދާ ގުޅުމެއް ވޭތޯ ޕްރިމިއާ ލީގުން ވަނީ ބަލަން ފަށައިފަ އެވެ. އެއީ ޕީއައިއެފް އަކީ ސައުދީ ސަރުކާރާ ވެސް ސީދާ ގުޅޭ ފަންޑަކަށްވާތީ އެ ފަންޑުން ނިއުކާސަލް އަށް ހަރަދުކުރާނީ ކިހާ މިންވަރެއްތޯ ވެސް އޮޅުންފިލުވަން ޕްރިމިއާ ލީގު އޮފިޝަލުން އޮތީ ނިންމައިފަ އެވެ.

ޕީސީޕީ ކެޕިޓަލްގެ އަމަންޑާ: އޭނާ ވަނީ ނިއުކާސަލް ޑީލް މައްސަލައިގައި ވާދަވެރި ކްލަބްތަކަށް ތުހުމަތުތަކެއް ކޮށްފައި.

އަމަންޑާ ބުނީ ޕްރިމިއާ ލީގުގެ ފަރާތުން ލިބުނު ހުށަހެޅުމަކާ އެއްގޮތަށް ކުރިއަށްދާން ބޭނުންނުވި ކަމަށެވެ.

"ޕްރިމިއާ ލީގުން ބޭނުންވީ ހިއްސާދާރެއްގެ ބަދަލުގައި ސައުދީ އަކީ ނިއުކާސަލްގެ ޑިރެކްޓަރެއްގެ ގޮތުގައި އޮންނަން. އެއްވެސް ގައުމެއް ނެތް މިހާތަނަކަށް ކްލަބެއްގެ ޑައިރެކްޓަރަކަށްވެފައި. މިއީ ހަގީގަތުގައި މަލާމާތަކަށް އައި ހުށަހެޅުމެއް ފަދަ. އެ ގޮތަށް ބޭނުންނުވެގެން އަހަރެމެން ހުއްޓާލީ،" އަމަންޑާ ބުންޏެވެ.

ނިއުކާސަލް އިން އެންމެ ފަހުން އިނގިރޭސި ފުޓްބޯޅައިގެ ބޮޑު ކާމިޔާބެއް ހޯދީ މީގެ 65 އަހަރު ކުރިން 1955 ވަނަ އަހަރު އެވެ. ސައުދީން ނިއުކާސަލް ގަންނަން ކުރި ބިޑް ކާމިޔާބުވާނެކަމަށް އެ ކްލަބްގެ ގިނަ ސަޕޯޓަރުން ވަރަށް ބޮޑަށް އުއްމީދުކުރި އެވެ. ނިއުކާސަލް އަކީ އިންގްލެންޑަށް ބަލާއިރު އެ ގައުމުގައި އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބެވެ.

ނިއުކާސަލްގެ ތަރި އެލަން ޝިއަރާ ބުނީ އެ ކްލަބްގެ ވެރިޔަކަށް މިހާރު ހުރި މައިކް އެޝްލީއާ އެކު ވޭތުވެދިޔަ 13 އަހަރު އެ ކްލަބްގެ ސަޕޯޓަރުން ހިތި ތަޖުރިބާތަކެއް ކުރަން ޖެހިފައިވަނިކޮށް އުއްމީދެއް ލިބުނީ މި ސައުދީ ޑީލްގެ ސަބަބުން ކަމަށާއި މިކަން ވެސް ހުއްޓުމާ އެކު އަނެއްކާ ވެސް ކްލަބް މި އޮތީ ގޯސް މިސްރަބާކަށް ދިއުމާ ގާތުގައި ކަމަށެވެ.

ސައުދީން އިސްވެ ނިއުކާސަލް ގަންނަން ކުރި މަސައްކަތް ކާމިޔާބުވިޔަ ނުދޭން ދެން މަސައްކަތްކުރި ފަރާތްތަކަކީ ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލާގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް މަރާލި ނޫސްވެރިޔާ ޖަމާލް ހާޝިގުޖީގެ އަންހެނުންގެ ވަކީލުންގެ ޓީމާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަަނަލްގެ އިތުރުން ގަތަރުގެ މީޑިއާ ގްރޫޕެއް ކަމަށްވާ ބީން ސްޕޯޓްސް އަދި އިނގިރޭސި ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނެވެ.