ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ވެލެންސިއާ ބަލިކޮށް ދަ ގްރާންޑޭ ތިން ވަނަ އަށް

ލަނޑު ޖެހުމަށް ފަހު ދަ ގްރާންޑޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

16 ޖެނުއަރީ 2021 - 19:00

2 comments

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ 2-1 އިން ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ތިން ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ރޭ ކްލަބް އީގަލްސް ބަލިކޮޑް ގްރީން ސްޓްރީޓްސް ވަނީ ތިން ވަނަ އަށް އަރައިފަ އެވެ. މިއަދުގެ މޮޅާ އެކީ ދަ ގްރާންޑޭ ތިން ވަނަ އަށް އެރީ ހަ މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ވެލެންސިއާ ލީގުގައި ފުރަތަމަ ފަހަރަށް ބަލިވިއިރު އެ ޓީމަށް ވަނީ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރަން އޮތް ފުރުސަތު ގެއްލިފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ވެލެންސިއާ ދެ ވަަނައިގައި އޮތީ ހަ މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.

ވެލެންސިއާ އިން ލީގުގެ މެޗެއްގައި މިއަދު ވަނީ ފުރަތަމަ އެގާރަ އަށް ބަދަލެއް ގެނެސްފަ އެވެ. އަނިޔާގެ ސަބަބުން ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ނުލައި ފެށިއިރު، އޭނާގެ ބަދަލުގައި ޓީމަށް އެރީ މެދުތެރެއަށް ކުޅޭ އަހުމަދު ޒާދު އެވެ. އެންމެ ކުރިއަށް ކުޅުނީ އަލީ ފާސިރު (ސެންޓޭ) އެވެ.

މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކީ ދަ ގްރާންޑޭ އިންނެވެ. ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް އެ ޓީމުން ތަަނަވަސްކުރި އެެވެ. އެގޮތުން އުޒްބެކިސްތާން ފޯވާޑް ހައިދަރޯފް އޮޓަބެކް އާއި އުމަރުޔޯނޯފް އަހްރޯރް ޖެހި ބޯޅަތައް ވެލެންސިއާގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާގެ ފުރަތަމަ ހަމަލާ ފެނުނީ މެޗުގެ 14 ވަނަ މިނިޓްގަ އެވެ. ސްޕެއިނުގެ މިޑްފީލްޑަރު އެންޓޯނިއޯ ސޮލާ (ޓޯނީ) މަތިން ހުސްކޮށްލާފައި އޭރިއާތެރެއަށް ފޮނުވާލި ބޯޅަ ހޯދައި ސެންޓޭ އެއް ފަހަރުން އެ ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން ވެލެންސިއާ އިން ކުޅުން ރަނގަޅުކޮށް އިތުރު ހަމަލާތަކެއް ފޮނުވާލި އެވެ. މެޗުގެ 30 ވަނަ މިނިޓްގައި އޭރިއާތެރެއިން ސެންޓޭ ޖެހި ބޯޅައެއް ދަ ގްރާންޑޭގެ ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) ވަނީ މަތަކޮށްފަ އެވެ. އަދި ހާފު ނިމުމުގެ ކުރިން ސެންޓޭ ޖައްސާލި ބޯޅައަކުން އޭރިއާތެރެއިން ހަސަން ސުފިއާން (ސޫފީ) ޖެހުމުން ދިޔައީ އަރިމަތިން ބޭރުންނެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ދަ ގްރާންޑޭ އިން ވަނީ ހުސެއިން އައިކްގެ ބަދަލުގައި އަޔާޒް އަހުމަދު (އަޔާ) ކުޅެން އަރުވައިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ އަޔާ ވަނީ ދަ ގްރާންޑޭ އަށް ލީޑުނަގައިދީފަ އެވެ. އޭރިއާބޭރުން އަޔާ ޖެހި ބޯޅަ ގޯލުގެ ދުރު ކަނަށް ވަންއިރު ކީޕަރު ޗެކް ހުރީ ހަރަކާތް ހުއްޓިފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހްރޯރް (ވ) ވެލެންސިއާގެ އަލީ ސަމްދޫހު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ވެލެންސިއާ އިން ވަނީ ފަހު 25 މިނިޓަށް އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)ގެ ބަދަލުގައި ދަގަނޑޭ ކުޅެން އަރުވައިފަ އެވެ. ވެލެންސިއާގެ ކުޅުން އެ ފަހުން ރަނގަޅުވެ ހަމަލާތަކެއް ފެނިގެންދިޔަ އެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ފޮނުވާލި ބޯޅަ ޗިކީ ވަނީ މަތަކޮށްފަ އެވެ. ވެލެންސިއާ އިން އެއްވަރުކުރީ މެޗުގެ 86 ވަނަ މިނިޓްގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު އިމާޒް (އާއްކޮ) ނަަގައިދިން ހުރަހަކުން ދަގަނޑޭ މި ގޯލު ޖެހީ ބޮލުންނެވެ. ދަ ގްރާންޑޭ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ އަހްރޯރް އެވެ. އޭރިއާތެރެއިން އަހްރޯރް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

އިތުރުވަގުތުގައި ވެލެންސިއާ އިން ދެ ވަނަ ފަހަރަށް ނަތީޖާ ހަަމަހަމަކުރަން ލިބުނު ރަނުގެ ފުރުސަތު ނަގާލި އެވެ. ޕެނަލްޓީ އަކުން ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. މިއީ ދަގަނޑޭ ޖެހި ބޯޅައެއް ދަ ގްރާންޑޭގެ ކޮމިލޯފް އަބްދުރަސުލް އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މި މެޗަކީ މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި ދެކިގެން ވެލެންސިއާ އިން ވަރަށް މަސައްކަތްކުރި ދުވަހެއް ކަމަށާއި އެކަމަކު ޓެކްޓިކަލީ ހެދުނު ގޯސްތަކެއްގެ ސަބަބުން މެޗުން މޮޅުނުވެވުނީ ކަމަށެވެ.

"މީކީ މައްސަލައެއް ނޫން. މިއީ ޕްލޭޔަރުންނަށް އެކްސްޕީރިއަންސެއް. މި ކަންތައް ބަލައި ދެން ޖެހޭނީ ރަނގަޅުކުރަން،" އާތީ ބުންޏެވެ. "އަހަރެމެންނަށް ވެސް ޗާންސް ލިބުނު ސްކޯކުރަން ދެން ޕެނަލްޓީއެއް ވެސް ލިބުނު. ހުރިހާ ކަމަކާލާ މެހިފައި އޮންނަ އެއްޗެއް ރިޒަލްޓަކީ އަހަރެމެން ބަލި ވަރަށް ބޮޑަށް ގަބޫލުކުރަން އަދި ގްރާންޑޭ އަށް މަރުހަބާ ކިޔަން،"

އާތީ ބުނީ ދަގަނޑޭ އެއްކޮށް ފިޓް ނޫން ނަމަވެސް އޭނާ އެރުވީ މެޗުގެ އޮއެވަރު ދިޔަގޮތުން ކަމަށާއި އެއީ އޭނާ ވެސް ބޭނުންވެގެން ވެލެންސިއާ ބަލިވެފައި އޮތުމުން ނަތީޖާ ބަދަލުކޮށްލަން ބޭނުންވާތީ ކަމަށެވެ.

ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ފަހަތުން އަރައި މާޒިޔާއާ އެއްވަަރުކޮށްލެވިފައިވުމުން މި މެޗުން ވެސް ނަތީޖާއެއް ނެރެވިދާނެ ކަމުގެ އިތުބާރު ކުޅުންތެރިންނަށް އޮތް ކަމަށެވެ.

"އައިއިރު ވެސް އެނގޭ ވަރުގަދަ އޮޕޯނަންޓެއްކަން ވެލެންސިއާ އަކީ. އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު އޮތް ހާލަތުން މޮޅުވުން ނޫން އެ ނޫން ގޮތެއް ނެތްކަމަށް ބަަލައިގެން އަޅުގަނޑުމެން އައީ. ލީގުގެ އެންމެ ވަރުގަދަ ޓީމު މާޒިޔާއާ ޑްރޯ ކުރެވުނީމަ އަޅުގަނޑުމެން ޓީމު ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު ގަދަ ޓީމުތަކާ ކުޅޭއިރު ނަތީޖާ ނެރެން،" އިންމަ ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި މިދިޔަ ސީޒަނުގައި އަލަށް ވާދަކުރަން ފެށި ދަ ގްރާންޑޭ އިން ވެލެންސިއާ ބަލިމިކުރީ މި ދެ ޓީމު ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުންނެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޭޖޭ އޮކާޗާރ

16 January 2021

ވެލެންސިއާގެ ޑިފެންސް މިއަދު ވަރަށް ކަޑަ. ވެލެންސިއާ ކަހަލަ އެއްފެންވަރެއްގެ ކުޅުންތެރިން ގިނަ ޓީމަކުން ކޮންސިސްޓެންސީ އެއް ނެތުމަކީ މައްސަލައެއް. ޖ

The name is already taken The name is available. Register?

ފަހަރި

16 January 2021

ކޯޗް އިސްތިއުފާ ނުދޭބާ?

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454