ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

އަޔާގެ ލަނޑުން ދަ ގްރާންޑޭ އިން ޔޫވީ ބަލިކޮށްފި

ލަނޑު ޖެހުމަށް ފަހު އަޔާ (ވ) އާއި އަހްރޯރް އުފާފާޅުކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

22 ޖެނުއަރީ 2021 - 00:16

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފަހު ވަގުތު އަޔާޒު އަހުމަދު (އަޔާ) ވައްދާލި ގޯލުން ދަ ގްރާންޑާ އިން 2-1 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށްފި އެވެ.

މި މޮޅާ އެކު ދަ ގްރާންޑޭ އިން ފުރަތަމަ ބުރު ނިންމާލީ ތިން ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވެސް ހަތް މެޗުން ލިބުނީ 12 ޕޮއިންޓެވެ. ވެލެންސިއާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ތިން ޕޮއިންޓަށް ޓާގެޓްކޮށްގެން މެޗަށް ނުކުމެ އެކަން ހާސިލްވުމުން ހިތްހަމަޖެހުނުކަމުގައި ވިޔަސް ހަގީގަތުގައި ފެނުނު ކުޅުން އެންމެ ރަނގަޅެއް ނޫން ކަމަށެވެ.

"އެންމެ މުހިއްމު ކަމަކަށް މިރޭ ޓީމު ތެރޭގައި މިސް ޕާސްތައް ދިޔަ ވަރަށް ގިނައިން. ބޮޑަށް ކުރީގައި ބޯޅަ ނުހިފެހެއްޓި ކުރީކޮޅުގައި ޕްރެޝަރަށް ދިޔަ. އެހެންވެ އެ ވަގުތުކޮޅަށް ވިސްނާފައި ބަދަލެއްގެ ގޮތުގައި އަޔާ އަރުވަން ވިސްނީ. އެއީ ޓެކްޓިކަލް ބަދަލެއް،" އިންމަ ބުންޏެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ 14 މިނިޓް ތެރޭ ޔުނައިޓެޑް ވިކްޓްރީގެ އަލީ ހައިޝަމް (ޗުމްޕު) އަށް ގޯލު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. މެޗުގެ ހަތް ވަަނަ މިނިޓްގައި އިސްމާއިލް އީސަ (މެސީ) ޖައްސާލި ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ހައިޝަމް ޖެހި ބޯޅަ ދަ ގްރާންޑޭގެ ގޯލުގައި ހުރި އިޔާން އަބްދުލް އަލީމް (ޗިކީ) ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތް މިނިޓް ފަހުން ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ހައިޝަމް ބޮލުން ފޮނުވާލިއިރު ކީޕަރު އިޔާން ވަނީ އެ ބޯޅަ ވެސް ހުއްޓުވައިފަ އެވެ.

ދަ ގްރާންޑޭގެ ކެޕްޓަން މުލަކޭ (ވ) ބޯޅަ ހިފައިގެން.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ދަ ގްރާންޑޭ އިން ލީޑުނެގީ މެޗުގެ 23 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން ޔަސްފާދު ހަބީބު (މުލަކޭ) ޖެހި ގޯލުންނެވެ. ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ މުލަކޭ ޖެހި ބޯޅަ ތިރިތިރިން ގޮސް އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. ދަ ގްރާންޑޭގެ ލީޑުފުޅާކުރަން އެ ޓީމުގެ އަހުމަދު ހަސަން (އަައްމަޑޭ) އޭރިއާތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދެ ވަަނަ ހާފް ފަށައިގެން ޔުނައިޓެޑް ވިކްޓްރީން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރި އެވެ. މެޗުގެ 55 ވަނަ މިނިޓްގައި އީސަ ދިން ބޯޅައަކުން ޔުނައިޓެޑް ވިކްޓްރީގެ ގޯލު ޖެހީ ހައިޝަމް އެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީން ލީޑުނަގަން ލިބުނު ދެ ފުރުސަތެއް ނަގާލި އެވެ. ދަ ގްރާންޑޭ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން ހައިޝަމް އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅައެއް ކީޕަރު އިޔާން މަތަކުރިއިރު، އީސަ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޔާ ދަ ގްރާންޑޭ މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 87 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ދަ ގްރާންޑޭގެ އުޒްބެކިސްތާން މިޑްފީލްޑަރު އުމަރުޔޯނޯފް އަހްރޯރް ދިން ބޯޅަ އަޔާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަަރައި އަޔާ މި ސީޒަނުގައި ޖެހި ތިން ވަނަ ގޯލެވެ. މީގެ ކުރިން އޭނާ ވަނީ ވެލެންސިއާ އާއި މާޒިޔާ ކޮޅަށް ވެސް ދެ ވަނަ ހާފުގައި ލަނޑު ޖަހައިފަ އެވެ.

އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ދަ ގްރާންޑޭ އަށް ތިން ވަނަ ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. އަޔާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަހްރޯރް ފޮނުވާލި ނަމަވެސް އެ ބޯޅައިގައި ބާރެއް ނެތި އަމާޒުވީ ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން ކީޕަރު ރުސްލާން އާމިރޯފް އަތަށެވެ.

ޔުނައިޓެޑް ވިކްޓްރީގެ އަޒީމް (ކ) ކައިރިން އަޔާ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މިއީ ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުން މުހައްމަދު އާދަމް އިސްތިއުފާދިން ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މިރޭގެ މެޗުގައި ޔުނައިޓެޑް ވިކްޓްރީ އަށް އިރުޝާދުދިނީ އެ ޓީމުގެ ހެޑް ކޯޗުކަމާ ދާދި ފަހުން ހަވާލުވި ކުރިން އެސިސްޓަންޓަކަށް ހުރި އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ. ސާންތީ ބުނީ މި މެޗުގައި ވެސް ތަކުރާރުވީ ޔުނައިޓެޑް ވިކްޓްރީ އަށް ސީޒަނުގެ މިހާތަނަށް ދިމާވާ މައްސަލަ ކަމަށެވެ.

"އެންމެ ބޮޑު މައްސަލަ އަކީ ސްޓްރައިކަރެއް ނެތުމުގެ މައްސަލަ. އަބަދުވެސް އަޅުގަނޑުމެން މި ޖެހެނީ ޗޭސް ކުރަން އަޅުގަނޑުމެން ކޮޅަށް މި ވަންނަ ގޯލު ދެން މި ހުރިހާ ކަންތައްތައް. މި އަށް އަޅުގަނޑު ކުރިއަށް އޮތް ބުރުގައި މަަސައްކަތްތަކެއް ކުރާނަން. ހަމައެކަނި ގޯލު ނުޖެހުމެއް ވެސް ނޫން. ޑިފެންސްކުރުމުގައި ވެސް އެބަހުރި މައްސަލަތައް. އެންމެ ގިނަ ގޯލު ކޮޅަށް ވަދެފައި އެންމެ މަދުން ގޯލު ޖެހި ޓީމަކަށް ވުމަކީ ބައިވަރު ކަންތައް ރަނގަޅުކުރަން ޖެހޭނެކަމެއް،" އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި އީގަލްސްގެ ބެންޗުން ފެނުނު ސާންތީ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ ފުރަތަމަ ބުރު ނިންމާލީ ތާވަލުގެ އެންމެ ފުލުގައި އޮވެ އެވެ. އެ ޓީމަށް ހަތް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ލީގުގައި ހަމައެކަނި މޮޅެއް ނުލިބި އޮތީ ވެސް އެ ޓީމެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454