މާޒިޔާގެ ކޯޗުކަމުން ސުޒޭން އިސްތިއުފާ ދީފި

ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުން މިރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން ބަލިވެ މުބާރާތުން ކަޓައި، އެންމެ ތަށްޓަކާ އެކު ސީޒަން ނިންމާލަން ޖެހުމުން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ ކޯޗު އަލީ ސުޒޭން މަގާމުން އިސްތިއުފާ ދީފި އެވެ.


ވަރުގަދަ ސްކޮޑަކާ އެކު ސީޒަނާ ކުރިމަތިލީ މާޒިޔާ އަށް ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށްނުދެވިއްޖެ ނަމަ އިސްތިއުފާ ދޭނެ ކަމަށް ސުޒޭން ވަނީ ސީޒަން ފެށުމުގެ ކުރިން ބުނެފަ އެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ގެނެސް އަދި ސީޒަނުގެ މެދުތެރެއިން ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ ސޮއި ހޯދައި މާޒިޔާ އިން އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ނަމަވެސް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގައި އެދެވޭ ކާމިޔާބެއް ނުހޯދުނެވެ. އެފްއޭ ކަޕުން ކެޓީ ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ.

މިރޭގެ މެޗަށް ފަހު މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކޮށް ސުޒޭން ވާހަކަދެއްކިއިރު އޭނާ ހުރީ ފެންކަޅިވެފަ އެވެ. ބައެއް ކުޅުންތެރިންނާ ސަލާމްކޮށް ވާހަކަދެއްކިއިރު ސުޒޭނަށް ވަނީ ރޮވިފަ އެވެ. ކުޅުންތެރިޔެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ވެސް ގިނަ ޒަމާންތަކެއް ހޭދަކުރި ވިކްޓަރީގެ ކޯޗުކަމުން 2012 ވަނަ އަހަރަށް ފަހު ސުޒޭން އިސްތިއުފާ ދިން ރޭ ވެސް ނޫސްވެރިންނާ ވާހަކަދެއްކީ ފެންކަޅިވެ ހުރެ އެވެ.

"މާޒިޔާގެ ކޯޗުގެ މަގާމުން އިސްތިއުފާ ދީފިން،" ސުޒޭން "މިހާރަ"ށް ކަށަވަރުކޮށްދިނެވެ.

އޭނާ ބުނީ ކުރިމަގުގައި ފުޓްބޯޅަ ކޯޗިން އިން ފެނިދާނެތޯ ނުވަތަ ނޫންތޯ އަދި ނުނިންމާ ކަމަށާއި ކުރިމަގާ މެދު ގޮތެއް ނިންމާނީ ވިސްނުމަށް ފަހު ކަމަށެވެެ.

މާޒިޔާގެ ކޯޗުގެ މަގާމާ 2014 ވަނަ އަހަރު ސީޒަނުގެ ކުރީކޮޅު ހަވާލުވެ އޭނާ ވަނީ އެ ޓީމަށް ވަނީ މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑުގެ އިތުރުން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކާމިޔާބުކޮށްދީފަ އެވެ. ރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތެއްގެ ތަށި މާޒިޔާ އަށް ހަމަކޮށްދީފައިވާއިރު ސުޒޭން ވެފައިވަނީ 20 އަހަރުވީ މާޒިޔާގެ އެންމެ ކާމިޔާބު ކޯޗަށެވެ.

މާޒިޔާގެ ކުޅުންތެރިން ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު އެ ޓީމުގެ ކޯޗު އަލީ ސުޒޭން އުރާލައިގެން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ސުޒޭން ފޭސްބުކުގައި ލިޔެފައިވާ ގޮތުގައި މާޒިޔާއާ އެކު ހޭދަކުރި ކޮންމެ ދުވަހެއް ވެސް ވެގެންދާނީ އުފާވެރި ހަނދާނަކަށް ކަމަށާއި އޭނާއާ އެކު މާޒިޔާގައި ބުރަކޮށް މަސައްކަތްކުރި ހުރިހާ ކުޅުންތެރިންނަށް ކާމިޔާބަށް އެދޭ ކަމަށެވެ.

"އަހަރެން އުއްމީދުކުރަން ހުރިހާ ކުޅުންތެރިންނާ އެކު، އަންނަ އަހަރުގެ އޭއެފްސީ ކަޕަށް މާޒިޔާ އިން ވަރުގަދަ ސްކޮޑެއް އޮންނާނެ ކަމަށް،" ސުޒޭން ލިޔެފައިވެ އެވެ.

ސުޒޭން ބުނީ މާޒިޔާގައި ހޭދަކުރި ދުވަސްތަކުގައި އޭނާ އަށް ލިބުނު ސަޕޯޓުގެ އަގުވަޒަންކޮށް ކުޅުންތެރިންނާއި މެނޭޖްމަންޓަށް ޝުކުރުއަދާކޮށް ދުވަހަކު ވެސް ނުނިމޭނެ ކަމަށާއި ކުޅުންތެރިންނާއި މެނޭޖްމަންޓް އަދި އޮފިޝަލުންގެ ފަރާތުން ލިބުނު ޕޮޒިޓިވް އިހުސާސްތަކުން އޭނާގެ ހިތަށް އުފަލާއި ހަމަޖެހުން ލިބިިއްޖެ ކަމަށެވެ.

"މި ވަރުގަދަ ކްލަބުގެ ޗެއާމަނާއި އެގްޒެކެޓިވް މެމްބަރުންނަށް ޝުކުރުއަދާކުރަން. ހުރިހާ ނަމަކާއި ހަނދާނެއް އަހަރެންގެ ހިތުގައި އަބަދަށް ބިންވަޅު ނެގިފައި ހުންނާނެ. ކްލަބާއި ކުޅުންތެރިންނަށް ކާމިޔާބަށް އެދެން،" ސުޒޭން ލިޔެފައިވެ އެވެ.

ވިކްޓަރީ އަށް ގިނަ ދުވަސްތަކެއް ކުޅެ އަދި ވެލެންސިއާގައި ވެސް ދުވަސްތަކެއް ހޭދަކުރި ސުޒޭން ކޯޗިން ފަށާފައިވަނީ ވިކްޓަރީގެ ބެންޗުންނެވެ. އެ ޓީމަށް އެކި ގޮތްގޮތުން އިރުޝާދު ދިނުމުގައި 10 ވަރަކަށް އަހަރު ހޭދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނެވެ. ވިކްޓަރީން 2012 ވަނަ އަހަރު އިސްތިއުފާ ދިނުމަށް ފަހު އެފްއޭއެމްގައި މަސައްކަތްކުރިއިރު، އެނބުރި ކޯޗިންގެ ތެރެއަށް ވަނީ 2014 ވަނަ އަހަރު މާޒިޔާ އިންނެވެ. އޭނާ އަކީ ރާއްޖޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ދިވެހި ކޯޗަށެވެ.