އިސްތިއުފާ ގަބޫލުކޮށް ސުޒޭނަށް މާޒިޔާގެ ހާއްސަ ޝުކުރެއް!

ތިން ސީޒަނަށް ފަހު މާޒިޔާގެ ކޯޗުކަމުން ރޭ ވަކިވި އަލީ ސުޒޭނުގެ އިސްތިއުފާ ގަބޫލުކޮށް އޭނާ އަށް ހާއްސަ ޝުކުރެއް މާޒިޔާ އިން އަދާކޮށްފި އެވެ.


މާޒިޔާގެ ކޯޗުގެ މަގާމާ 2014 ވަނަ އަހަރު ސީޒަނުގެ ކުރީކޮޅު ހަވާލުވެ އޭނާ ވަނީ އެ ޓީމަށް ވަނީ މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑުގެ އިތުރުން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކާމިޔާބުކޮށްދީފަ އެވެ.

ސުޒޭން އިސްތިއުފާ ދިނީ ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުން ރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން ބަލިވެ އެންމެ ތަށްޓަކާ އެކު ސީޒަން ނިންމާލަން ޖެހުމެވެ. އޭނާ ވަނީ ތިން މުބާރާތް ނުހޯދިއްޖެ ނަމަ އިސްތިއުފާ ދޭނެ ކަމަށް ސީޒަން ފެށުމުގެ ކުރިން ބުނެފަ އެވެ.

މާޒިޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޒޭންގެ އިސްތިއުފާ ގަބޫލުކުރަނީ ނުހަނު ހިތާމަޔާ އެކު ކަމަށާއި އޭނާ އަކީ އެ ކްލަބްގެ 20 އަހަރުވީ ތާރީހުގެ އެންމެ ކާމިޔާބު ކޯޗު ކަމަށެވެ.

"މި ކްލަބުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީތަކުގައި ސުޒޭންގެ ދައުރު ބޮޑު. އޭނާގެ އެހީތެރިކަމާ ނުލައި މިއީ ހާސިލްކުރެވޭނެ ކަންކަމެއް ނޫން. މި ކްލަބްގެ ތާރީހުގައި ސުޒޭންގެ ނަން ރަން އަކުރުން ފަވާލެވޭނެ. ސުޒޭންގެ ހިތްވަރާ އެކު މި ކްލަބް ރާއްޖޭގެ އެއް ވަަނަ އަށް ގެންގޮސްދީފި. ކްލަބްގެ ޗެއާމަން އަހުމަދު ސާޖިދު އާއި މެނޭޖްމަންޓް އަދި ސަޕޯޓަރުންގެ ފަރާތުން ސުޒޭނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" މާޒިޔާގެ ބަޔާނުގައިވެ އެވެ.

މާޒިޔާގެ ކޯޗު އަލީ ސުޒޭން މިއަދުގެ މެޗުގެ ތެރެއިން ޓީމަށް އިރުޝާދު ދެނީ.-- މިހާރު ފޮޓޯ: ނިޝާން އަލީ

ސުޒޭނަކީ ރާއްޖޭގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކޯޗެއް ކަމަށާއި އޭނާ މާޒިޔާ އަށް ކޮށްދިން ކަންތައްތައް އެ ކްލަބުން ދުވަހަކުވެސް ހަނދާން ނައްތާނުލާނެ ކަމަށާއި އަބަދުވެސް އެ ކްލަބްގެ ސަޕޯޓް ސުޒޭނަށް އޮންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ގެނެސް އަދި ސީޒަނުގެ މެދުތެރެއިން ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ ސޮއި ހޯދައި މާޒިޔާ އިން އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ނަމަވެސް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގައި އެދެވޭ ކާމިޔާބެއް ނުހޯދުނެވެ. އެފްއޭ ކަޕުން ކެޓީ ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ.

ސުޒޭން ފޭސްބުކުގައި ރޭ ލިޔެފައިވާ ގޮތުގައި މާޒިޔާއާ އެކު ހޭދަކުރި ކޮންމެ ދުވަހެއް ވެސް ވެގެންދާނީ އުފާވެރި ހަނދާނަކަށް ކަމަށާއި އޭނާއާ އެކު މާޒިޔާގައި ބުރަކޮށް މަސައްކަތްކުރި ހުރިހާ ކުޅުންތެރިންނަށް ކާމިޔާބަށް އެދޭ ކަމަށެވެ.

ވިކްޓަރީ އަށް ކުޅެ އެ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ސުޒޭން ރޭ "މިހާރަ"ށް ބުނީ މުސްތަގުބަލުގައި ފުޓްބޯޅަ ކޯޗިން އިން ފެނުމާ މެދު ގޮތެއް ނިންމާނީ ވިސްނުމަށް ފަހު ކަމަށެވެ.