އަހަންނަށް މާފުކުރާށެވެ

ކުޑަދޮރުން ވަން ރޯޅީގެ އަމުރަށް ވައިގިގުނި މިޔުޒިކެއް ކުޅެލިއެވެ. ވައިގިގުނީގެ މިޔުޒިކުގެ އަޑަށް އުއްބައްތީގެ ހުޅުކޮޅު ނަށައިލިއެވެ. ހަމަހިމޭން ފުން އަނދިރިކަމުގެ ތެރެއަށް ކޮންމެވެސް ކަހަލަ ދިރުމެއް ލިބުނު ކަހަލައެވެ. ކުޑަކުޑަ ހިނދުކޮޅަކަށެވެ. އަނެއްކާ ވެސް ވެރިވީ ހިމޭންކަމެވެ. މަންމަގެ ހަނދާންތަކެވެ. ކުޑަދޮރުގެ މަތީ ކަނީގައި ހަރުކޮށްފައިވާ ވައިގިގުންޏަކީ މަންމަ ދިން އެއްޗެކެވެ. ދިންތާ ހަތަރު އަހަރު ވީއިރު ވެސް، ފޮށިން ނަގަން ބޭނުންނުވި ހަދިޔާއެވެ. ކީއްވެގެން ހެއްޔެވެ؟ މަންމައަކީ އަހަރެން އެންމެ ފޫހިވި މީހާއެވެ. މަންމަގެ ފިޔަވަޅު މި ބިންމަތިން ފުހެލީ އަހަންނެވެ. އެކަކަށް ވެސް އެ ކަމެއް ނޭނގޭނެއެވެ. މާޒީ ހަނދާންކުރަމުން އަހަރެން އެނދުގައި ލެނގިލައިގެން އިނީމެވެ. އަހަރެންގެ ފިރިމީހާ ވީ އޮފީހުގައެވެ. އަހަރު ފުރެން ތައްޔާރުވެފައިވާ ދަރިފުޅު އަމާންކަމާއެކު ނިދައިފައިއޮތެވެ. ލޯބިލޯބި އަންހެންކުއްޖެކެވެ. ނަސީބު ދިމާކުރި ގޮތުން އޭނަ ވައްތަރީ އަހަރެންގެ މަންމަޔާއެވެ. އެއީ އުފަލެއް ހެއްޔެވެ؟ ނުވަތަ ހިތާމައެއް ހެއްޔެވެ؟


މީހުން ކިޔައެވެ. އަހަރެންގެ މަންމައަކީ ހިތްހެޔޮ މީހެކެވެ. މަންމަ އެންމެ ލޯބިވީ އަހަރެން ދެކެއެވެ. ރަސްމީގަޑީގައާއި އިތުރުގަޑީގައި ވެސް މަންމަ މަސައްކަތްކުރީ އަހަންނަށް ބޭނުންވާ އެއްޗެހި ހޯދައިދިނުމަށް ޓަކައެވެ. ބައްޕަ ނިޔާވި ފަހުން މަންމަގެ ޒިންމާ ވަރަށް ބޮޑެވެ. އަތްމަތި ވަރަށް ދައްޗެވެ. މަންމަ ދިރިހުރީ އަހަންނަށް ޓަކައެވެ. މަންމައަކީ ރީތި މީހެކެވެ. ހަޔާތުގެ ފަހު ނޭވާލިއިރު މަންމަގެ އުމުރަކީ ތިރީސް ފަސް އަހަރެވެ. ލޯބީގެ ހުށަހެޅުންތައް މަންމައަށް ލިބުނެވެ. އަހަންނަށް ދޭން ބޭނުންވާ ސަމާލުކަން ކުޑަވެދާނެތީ، ކޮންމެ ދައުވަތަކަށް މަންމަ އިންކާރުކުރީއެވެ. ބަދަލުގައި އަހަރެންގެ ފަރާތުން މަންމައަށް ލިބުނީ ކޯޗެއް ހެއްޔެވެ؟

އަހަރެން ކުޑައިރު އަހަންނާ މަންމަގެ ގުޅުން ރަނގަޅެވެ. އަހަރެންގެ ވިސްނުން ބަދަލުވާން ފެށީ ފުރާވަރަށް އެޅިފަހުންނެވެ. އަމީނިއްޔާގެ ދިހަވަނަ ގުރޭޑުގައި އުޅުނު ދުވަސްވަރަކީ އަހަރުމެންގެ ދެބަސްވުން އާ އުސްމިނަކަށް ދިޔަ އަހަރެކެވެ. ގެޔަކުން ހެނދުނު ސަޔެއް ނުބޮމެވެ. މަންމަ ދޮރުގައި ޖަހާއިރު އަހަރެން ގެޔަކު ނޫޅޭނެއެވެ. އުޅެންޏާ ދޮރެއް ނުހުޅުވަމެވެ. މަންމަ ސައި ހެދިޔަސް އަހަރެން ސަޔެއް ނުބޮއެވެ. މަންމަގެ މޫނަކީ އަހަރެން އެންމެ ފޫހިވާ މޫނެވެ. ކީއްވެގެން ހެއްޔެވެ؟ ޝަރުތެއް ނެތި އަހަރެން ދެކެ މަންމަ ލޯބިވީތީއެވެ. އެ ކަން އެނގުނީ ވަގުތު ފާއިތުވި ފަހުންނެވެ. ކުރިން އަހަރެން ހުންނަނީ ރުޅިއައިސްފައެވެ. އަހަން ނުވާ ވަރަށް މަންމަ ކަންކަން އަހާތީއެވެ. ބަލަން ނުވާ ވަރަށް މަންމަ ކަންކަން ބަލާތީއެވެ. މަންމައެކޭ ބަރަވެލި ތޮށިގަނޑެކޭ އެއްގޮތެވެ. އަހަރެން ދާ ކޮންމެ ތާކަށް މަންމަ ދާން ބޭނުންވެއެވެ. އަހަރެންގެ ނަޒަރުގައި އެއީ އަހަންނަށް ދިން އަނިޔާއެކެވެ. މަންމަ ކުރި ޖެއްސުމެކެވެ. އޭގެ ފަހަތުގައި މަގުސަދެއް ވެސް އޮތެވެ.

ކައިވެނީގެ ވަރަށް ކުރީކޮޅު ބައްޕަ ނިޔާވުމުން މަންމަގެ ހިތް ގާވީއެވެ. އެހެން މީހަކު އުފަލުގައި އުޅޭތަން ދެކެން މަންމަގެ ހިތަށް ކެތްނުވަނީއެވެ. އަހަރެންގެ ކިބައިން މަންމަ ބަދަލުހިފަނީއެވެ. ކޮންމެ ދުވަހަކު އަހަރުމެން އެތައް ފަހަރަކު ދެބަސްވާންޖެހެނީ އެ މައްސަލައިގައެވެ. އެއީ ލޯބިކަމަކަށް މަންމައަކަށް ސާބިތެއް ނުކޮށްދެވުނެވެ. އަހަންނަށް ފޮޅުވަތްއަޅައިދެނީ އަހަރެންގެ އެކުވެރިންނެވެ. އަހަންނަށް ގަބޫލުކުރެވުނީ އެކުވެރިން ދެއްކި ވާހަކައެވެ. އަހަންނަށް ޓަކައި މަންމަ އުފުލި ބުރައާއި ވީ ގުރުބާނީ އަހަރެން ރަނގަޅަށް ހަނދާންނެތުނީއެވެ. ނަފުރަތުގެ ހިލިހިލާގަނޑަށް އެންމެ ފަހުން ބޮޅެއް އިތުރުވީ ރޯދަމަހެއްގައެވެ. އެއީ އަހަރެންގެ އަތުން ގޯހެއް ހެދުނު ދުވަހެވެ.

އަހަރެން އިސްކޫލުގައި އިންދައި މޫނިސާގެ ފޯނުކޯލެއް މަންމައަށް ލިބުނެވެ. މޫނިސާއަކީ އަހަރެންގެ އެކުވެރި ދީމާގެ މަންމައެވެ. މޫނިސާ އެދުނީ ފިލާވަޅެއް ނިންމުމަށް ޓަކައި މޫނިސާގެ ގެއަށް އަހަރެން ފޮނުވުމަށެވެ. މަންމަ އެއްބަހެއް ނުވިއެވެ. އެތައް ބަހަނާއެއް މަންމަ ދެއްކިއެވެ. އިސްކޫލުން އަންނައިރު އަހަރެންގެ ޤުރުއާން ޓީޗަރު އިންނާނެ ވާހަކައެވެ. ރޯދަމަހު ހަވީރު އަހަރެން ދީމާގެ ގެއަށް ލައިދޭން މަންމައަށް ނުނިކުމެވޭނެ ވާހަކައެވެ. އެ ހުރިހާ ވާހަކައެއް ދީމާގެ ފަރާތުން އަހަންނަށް އެނގުނެވެ. ދެ ގުނަ ބޮޑުކޮށެވެ. އަހަރެން ގެއަށް އައިއިރު ހުރީ ރުޅިގަދަވެފައެވެ. ދީމާގެ ގެއަށް އަހަރެން ނުފޮނުވަން އުޅެނީ ކީއްވެގެކަން އަހަންނަށް އެނގެއެވެ. ރޯދަވީއްލާ އެއްޗެހި ހަދަން އަހަރެން ބަދިގެއަށް ވައްދަންވެގެންނެވެ. އެއީ އޭރު ވިސްނުންހުރި ގޮތެވެ. ކެއްކުމަކީ އަހަރެން އެންމެ ކުރާހިތް ނުވި ކަންތަކެވެ. ސަބަބަކީ ވެސް މަންމައެވެ.

ކުޑައިރު އަހަރެން ކުޑަކަމުން ބަދިގެއަށް ވަނުން މަނައެވެ. އެއްޗެއް ކޮށަނިކޮށް އަތްކެނޑިދާނެތީއެވެ. އުނދުނާ ކައިރިވާތަނާ އަތް ފިހިދާނެތީއެވެ. ބޮޑުވުމުން ކިޔަވާތީ ބަދިގެއަކަށް ނުވެއްދިއެވެ. އޭރިޕޯޓު ނުލިބިދާނެތީއެވެ. އެންމެ މޮޅު ދިހަ ކުދިންގެ ތެރޭގައި މަންމަގެ ދަރިފުޅު ނުހިމެނިދާނެތީއެވެ. މަންމަ ބޭނުންވީ އަހަރެން މޮޅަށް ކިޔަވާށެވެ. މަތީ ވަޒީފާއެއް އަދާކުރާށެވެ. ބޮޑު މުސާރައެއް ހޯދާށެވެ.

"މަ ބޭނުން އެ ގެއަށް ދާން،" އުމުރުން ފަނަރަ އަހަރުގައި ގަދަފައި ވިއްދައިލައިފައި އަހަރެން ބުނީމެވެ. "ޓެކްސީއެއްގަ ދަންތަ؟"

"އުހުނ!" މަންމަ އެއްބަހެއްނުވިއެވެ.

"މަންމަ ވެއްޖެއްނު މަގޭ ނިތްކުރީގަ ކެމެރާއެއް ހަރުކޮށްފަ، އެ ކެމެރާ ފެންނަ ގޮތަށް މި ގޭގަ ބޮޑު ޓީވީއެއް ބަހައްޓަން،" އަހަރެން ރުޅިއައިސްފައި ހަޅޭއްލަވައިގަތީމެވެ. "އޭރުންނެއްނު މަންމައަށް އެނގޭނީ މަ އުޅޭ ތަނަކާ، ކުރާ ކަމަކާ، ދައްކާ ވާހަކައެއް. ކޮބާ މަގޭ މިނިވަންކަން. ދުވަހަކު ވެސް އަހަންނަކަށް ފްރީޑަމެއް ނުލިބޭނެ. އަހަރެން އަމިއްލައަކަށް ކަމެއް ކުރާކަށް ނުލިބޭ! އެކަނި ތާކަށް ނުދެވޭ! އަބަދު މަންމަ ގޮވައިގެން، މަންމަ ފޫބުޑުގަ ތަތްވެގެން ކިހިނެއް އުޅޭނީ؟ އަހަންނަށް މިހާރު ފިފްޓީން ވެއްޖޭ!"

"ދަރިފުޅާ!" މަންމަ ބުންޏެވެ. "އެކަނި ތަންތަނަށް ދާ ވަރަށް ވުރެ ދަރިފުޅު އަދި ކުޑައެއްނު!"

"ދެން މަންމާ!" ދެފައި ތަޅައިގެންފައި އަހަރެން ބުނީމެވެ. "ކުޑަކުދިން ނޫޅޭނެ ގްރޭޑް ޓެންއަކު. ދެން މުޅި ލައިފްގަ ވެސް އަހަރެން އުޅެން ޖެހޭނީ މަންމަޔާ އެއްކޮށްތަ؟ ފްރެންޑްސްން މިހާރު ވެސް ހާދަހާ ދިމައެއްކުރެޔޭ."

"ހެޔޮ!" މަންމަ ރައްދުދިނެވެ. "ދަރިފުޅު އުޅެންޖެހޭނީ މަންމަ ބުނާ ގޮތަށް."

"ތީ ފައްކާ ވިޗެއް!" އަހަރެންގެ ދުލުން ފޮނުވައިލެވުނީ ވިހަ ގަދަ ތީރެކެވެ.

މަންމަގެ ދޫ ތަޅުލެވުނެވެ. އިތުރަށް އެންމެ ލަފުޒެއް ވެސް ނުނިކުތެވެ. ދެބަސްވުން އެ ހިސާބުން ނިމުނީއެވެ.

ޖެހިގެން އައި ދުވަހު އަހަރެން ހޭލިއިރު މަންމަ ފެންނާކަށް ނެތެވެ. އެއީ ދުވަހަކު ވެސް ވީކަމެއް ނޫނެވެ. ހެނދުނު އަހަރެން ހޭލާއިރު ކޮންމެވެސް ކަމެއްގައި އަވަދިނެތި މަންމަ އުޅޭނެއެވެ. އަހަރެން ހިތަށްއެރިއެވެ. މަންމަގެ ބޭނުމަކީ މަންމަ ހޯދަމުން އަހަރެން ގޮސް އެ ކޮޓަރިއަށް ވަނުމެވެ. އެހެނެއް ނުވާނެއެވެ. އަޅައިވެސް ނުލައި އަހަރެން ދިޔައީ އިސްކޫލަށެވެ. ގަޑިއެއްހާއިރު ފަހުން އަހަރެން ބަލައި ޕްރިންސިޕަލް އައެވެ. އޭރު އޮފީހުގައި ބޮޑުދައިތަ ހުއްޓެވެ. އޮފީހުން އަހަރެން ދިޔައީ ހޮސްޕިޓަލަށެވެ.

"ސަބީ ސްކޫލަށް ދިޔައިރު ނޭނގޭތަ މަންމަ ނުހޭލާކަމެއް؟" ބޮޑުދައިތަ ވަރަށް އޯގާތެރިކަމާ އެކުގައި އެހިއެވެ. "ނަސީބެއް އަހަންނަށް ގެއަށް ވަދެވުނުކަން."

އަހަންނަށް އެނގުނު ގޮތުގައި ރޭގަނޑު ނިދިގޮތަށް މަންމަ ނުހޭލީއެވެ. ޑޮކްޓަރު ބުނިގޮތުގައި މަންމަގެ މަރަކީ ގުދުރަތީ މަރެކެވެ. އެކަމަކު ގާތިލަކީ އަހަންނެވެ. އެހެން މީހަކަށް ނޭނގުނަސް އަހަންނަށް އެ ކަން އެނގެއެވެ. ހިތްދަތިވެގެން ގޮސް މަންމަގެ ހިތްފަޅައިގެންދިޔައީއެވެ. އެހާ ކުއްލި ގޮތަކަށް މަންމަ ވަކިވެގެންހިނގައިދާނެ ކަމަކަށް އަހަރެން ހިޔެއްނުކުރެއެވެ. އަހަރެން ބަދަލުވީ ބޮޑުދައިތަ ގެއަށެވެ. މަންމަގެ "ކަސްތަޅުތަކުން" އަހަރެން މިނިވަންވިއެވެ. ބުނި ކޮންމެ ތާކަށް ދެވޭނެ މަގު ހުޅުވުނެވެ. އަހާނެ މީހެއް ބަލާނެ މީހެއް ނެތެވެ. އެކަމަކު އަހަންނަކަށް ނުދެވުނެވެ. އަހަރެންގެ ދުނިޔެ ކުއްލިއަކަށް ހިމޭންވީއެވެ.

ކަރަންޓުއައުމާ އެކު އަހަރެން ޚިޔާލީ ދުނިޔެއިން އެނބުރިއައީމެވެ. ލޮލުން ކަރުނަ ފުހެލީމެވެ. މިއަދު އަހަންނަކީ މަންމައެކެވެ. ކުރިން ނޭނގުނު ކިތަންމެ އެއްޗެއް މިއަދު އަހަންނަށް އެނގެއެވެ. ނުވިސްނުނު ކިތަންމެ އެއްޗެއް މިއަދު ވިސްނެއެވެ. އަހަރެން ހިތަށްއެރިއެވެ. ދަރިޔަކު ބެލުމަކީ ހާދަހާ ބުރަކަމެކެވެ. އަހަރެން ބަނޑުގައި އޮތްއިރު މަންމައަށް ހާދަހާ ވޭނަކާއި އުނދަގުލެއް ލިބިފައިވާނެއެވެ. އެތަކެއް މަހެއް ވާންދެނެވެ. އަހަންނަށް ވެސް ވީ އެހެންނެވެ. ވިހަން ކައިރިވި ވަރަކަށް މަންމަގެ ހަށިގަނޑަށް ކުރި ބާރު ވެފައިވާނީ އިތުރެވެ. ހޮޑުލެވޭ މިންވަރު ވެސް ވާނީ އިތުރެވެ. ހޭލާ އޮންނަންޖެހުނު ވަގުތު ވާނީ ދިގެވެ. ކާނާގެ ވަސް ޖެހުމުން މަންމަ ވެސް މޭނުބައިކުރާނެއެވެ. ދާދި މަދު އެއްޗެއް މެނުވީ މަންމައަކަށް ވެސް ނުކެވޭނެއެވެ. ކެވުނު މަދު މިންވަރުން ވެސް ދެބައިކުޅަ އެއްބައި ދޭންޖެހޭނީ އަހަންނަށެވެ. ކޮޅަށް ހުންނަން މަންމައަށް އުނދަގޫވާނެއެވެ. އިށީނދެ އިންނަން އުނދަގޫވާނެއެވެ. ބުރިކަށްޓަށް ކުރި ބާރު، ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވާނެއެވެ. އޮށޯވެ އޮތަސް މަންމައަށް ވި އުނދަގޫ ކުޑައެއް ނުވާނެއެވެ. އަހަރެންގެ ސަބަބުން މަންމައަށް ލިބިފައިވާނީ އުނދަގުލަކަށް ފަހު އުނދަގުލެކެވެ. ތަދަކަށް ފަހު ތަދެކެވެ. ބުރަޔަކަށް ފަހު ބުރަޔެކެވެ. އެކަމަކު ވެސް އަހަރެން ދެކެ މަންމަ ވީ ލޯބި ހައްތާ ވީ އިތުރެވެ. އަހަންނަށް ކުރި ދުޢާ ވީ އިތުރެވެ. ބޮޑުދައިތަ ބުނާ އަޑު އަހަމެވެ. ވިހެއުމުގެ ތަދުގައި މަންމަގެ ފުރާނަ ހަށިން ލުހުނު ކަހަލައެވެ. ލޭ ހުސްވި ކަހަލައެވެ. އަހަންނަށް ޓަކައި އެހާ ލޭ އޮހޮރުވާލަދޭނީ މަންމަ ނޫން އެހެން ކާކު ހެއްޔެވެ؟ އެހާ ގަދަފަދަ ވޭނެއް އުފުލައިދޭނީ މަންމަ ނޫން އެހެން ކާކު ހެއްޔެވެ؟ އަހަރެން އުފަންވީ މަންމައަށް ކިހާ ބޮޑު ރިހުމެއް ދީފައި ހެއްޔެވެ؟ އެހެން ވިޔަސް ދެން ވެސް މަންމަ އެންމެ ފުރަތަމަ ކުރި ކަމަކީ އަހަރެން ގެނެސް މޭގައި ޖައްސައިލުމެވެ. އަހަރެންގެ ހައިހޫނުކަން ފިލުވައިދިނުމެވެ. މަންމަ އޭރު އޮތް ހާލާ މެދު ކުޑަ ވެސް ފަރުވާލެއް ނުބެހެއްޓިއެވެ. އެއީ މަންމައެވެ. އެ ފައިތިލަ ދަށުގައި ސުވަރުގެ ވާ މަންމައެވެ. އަހަންނަށް ދުވަހަކު ވެސް ދަރަނި އަދާ ނުކުރެވޭނެ މަންމައެވެ. އަހަރެންގެ ލޯބިވާ މަންމައެވެ. މަންމާއެވެ. އަހަންނަށް މާފުކުރާށެވެ.

ނިމުނީ