ބިރުވެރި މާލެ ދަތުރު

ބުދަ ދުވަހާ ގުޅޭ


"އަހަރެން މިރޭ ވަރަށް ފްރީ!" ސަތޫ ބުންޏެވެ. "ހިނގާ ކޮފީއަކަށް ދަމާ!"

އަންހެންކުއްޖެއް ނަމަވެސް އެހާ އަވަހަށް ސަޔަށް ދައުވަތު ދިނުމުން ގަބޫލުކުރަން އަހަންނަށް އުނދަގޫވިއެވެ. ސަތޫއަކީ ފަސޭހައިން ރައްޓެހިވާ ކުއްޖެއް ކަމަށް ވެދާނެއެވެ. އެކަމަކު އަހަންނަކީ އެ ކަހަލަ މީހެއް ނޫނެވެ.

"އަދި ތަންކޮޅެއް ބިޒީކޮށް މި އުޅެނީ. ފްރީވީމަ ބުނާނަން އިނގޭ." އަހަރެން ބުނީމެވެ.

ސިއްސައިގެންގޮސްފައި އަހަންނަށް ހޭލެވުނީ ކީއްވެގެންކަމެއް ނޭނގެއެވެ. ކޮޓަރި އޮތީ އަލިކޮށެވެ. އެނދު ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި، އަހަރެން ގެނައި މައިލޯޕެކެޓު ހުއްޓެވެ. ބިސްކޯދު ޕަކެޓު ވެސް އޮތެވެ. އަހަރެން ކިޔަން ގެންގުޅުނު ފޮތް އުނގުމަތީގައި އޮތެވެ. އަހަންނަށް އިނދެވުނީ އެނދުގައި އިށީނދެލައިގެން ފާރުގައި ލެނގިލައިގެންނެވެ. ގަޑިން ދަންވަރު ދޭއްޖަހަނީއެވެ. އަހަރެން ތެދުވެ ހެދުން ބަދަލުކުރަން ހުއްޓައި ދޮރަށް ތަޅުދަނޑި ޖެހި އަޑުއިވުނެވެ. އަހަރެން ސިއްސައިގެންދިޔަ ވަގުތު ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. ވަގުތުން އަނގަމަތީގައި އަތްއެޅީމެވެ. އަދި ފަރުވާތެރިކަމާ އެކުގައި ދޮރަށް ބަލަހައްޓައިގެން ހުރީމެވެ. އިތުރު އަޑެއް ނީވެއެވެ. ދޮރެއް ނުވެސް ހުޅުވެއެވެ. ދެން ހިތަށްއެރިއެވެ. ތަޅުދަނޑި ޖެހީ އެ ދޮރަށް ބާއެވެ؟ ޖެހިގެން ހުރި ކޮޓަރީގެ ދޮރަށް ބާއެވެ؟ ނުވަތަ އެއީ ހަމަ ތަޅުދަނޑިޖެހި އަޑު ބާއެވެ؟ ދެވަނަ ފަހަރަށް އަޑު ނީވުމުން އެ ކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

ދެ ދުވަހަކު ސަތޫގެ ފިހާރައަށް ވަދެލުމުން ސަތޫ ވަރަށް ރައްޓެހިވިއެވެ. ދިރިއުޅުމުގެ ބައެއް ވާހަކަ ކިޔައިދޭން ފެށިއެވެ. އަހަރެން ވެސް އަހަރެންގެ ބައެއް ވާހަކަ ކިޔައިދޭން ފެށީމެވެ. ދުވަހަކަށް ވުރެ ދުވަހެއް އަހަރުމެންގެ އެކުވެރިކަން ދިޔައީ ބޮޑުވަމުން ބަދަހިވަމުންނެވެ.

"ތި ގެ ރަނގަޅުތަ؟" ސަތޫ އެހިއެވެ.

"ގޯހެއް ނޫން. ކީއްވެ ތިހެން ތި އެހީ؟" އަހަރެން ސުވާލުކުރީމެވެ.

"ކަމެއް ނުވޭ!" ސަތޫ މާ ބޮޑު ތަފުސީލެއް ނުދިނެވެ. "ފެނޭ ތި ގެއަށް ވަރަށް ގިނަ ކުދިން އަންނަ ތަން. ވަރަށް އަވަހަށް އެހެން ތަނަކަށް ބަދަލުވާކަން ވެސް އެނގޭ. ހުރިހާ އެންމެން ވެސް މި ތަނަށް ވަންނާނެ. އެހެންވެ އެނގެނީ. އެ ސުވާލު ކުރާކަށް ނުކެރޭ. ފުރަތަމަ ފަހަރަށް މި އެހީ."

އަހަރެންނަށް ކުރިމަތިވެގެން އުޅެނީ ވަހުމެކެވެ. އެހެންކަމުން ސަތޫއާ އެ ވާހަކަ ހިއްސާކުރާކަށް އެ ފަހަރަކު ނުކެރުނެވެ. އެކަމަކު އޭރު ވެސް އެ ވަހުމު ފިލާގޮތެއް ނުވެއެވެ. ގެއިން ނުކުންނައިރު ވެސް އަދި ގެއަށް ވަންނައިރު ވެސް މީހަކު ބަލާހެން ވަރަށް ހީވެއެވެ. އެ ކަން ކުރާ ވަކި މީހަކު ފާހަގައެއް ނުވެއެވެ. ޔަގީނުން ވެސް އަހަރެން ފަހަތްބަލައިލާއިރު އަހަންނާ ދިމާއަށް ބަލާ މީހަކު ނުފެނެއެވެ. މަދުމަދުން ޖައުފަރު ފެނެއެވެ. ޝައްކުވާ ކަހަލަ ގޮތަކަށް ނޫނެވެ. އެހެންވިޔަސް، އަހަންނަށް ޝައްކުވަނީ އޭނައަށެވެ. ހެއްކެއް ނެތެވެ. ޖައުފަރާ ބެހޭގޮތުން އަހަންނަށް ފެންނަ ހުވަފެން ފިޔަވައެވެ.

ޖައުފަރުގެ ބިރުވެރި ހުވަފެން ތިން ރެޔަކު އަހަންނަށް ފެނުނެވެ. އަހަރެން އޮންނަ ކޮޓަރީގެ ދޮރު ހުޅުވައިގެން ޖައުފަރު ވަންނަނިކޮށެވެ. ކިތަންމެ ފަހަރަކު އަހަރެންގެ ސިކުނޑިއަށް ވިސްނައިދީފީމެވެ. އެއީ ހުވަފެނެކެވެ. ބިލާހެކެވެ. އެހެންނަމަވެސް ސިކުނޑިން އެ މަންޒަރު ފުހެވޭ ގޮތެއް ނުވިއެވެ. ހިތުން އެ ބިރުވެރިކަން ފިލާ ގޮތެއް ވެސް ނުވިއެވެ. އާއިލާއާ ދުރުގައި އެކަނި އުޅޭ އަންހެނަކަށް ވީތީ އަހަރެންގެ ހާސްކަން ބޮޑުވާން ފެށިއެވެ. ކިލާހުގައި އުޅޭއިރު ވަރަށް ބޮލަށްފަސޭހައެވެ. ގެއަށް ވަންނައިރު އަހަރެންނަށް ހީވަނީ ބިރުވެރި ހޮހަޅައަކަށް ވަންނަހެންނެވެ.

މާލޭގައި އުޅޭތާ ދެވަނަ ހަފުތާގެ މެދުތެރެއެވެ. އާދައިގެމަތިން ގެއަށްއައި މަގުމަތީގައި ސަތޫ އިންނަ ފިހާރައަށް ވަދެލީމެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވަންނާތީ ސަތޫއާއި އަހަރެން ދައްކާނެ ވަރަށް ގިނަ ވާހަކަ ހުރެއެވެ. ކިތަންމެ އިރެއް ވިޔަސް އަހަރުމެންގެ ވާހަކަ ހުހެއްނުވެއެވެ. އަހަރެން ހިތަށްއެރިއެވެ. ސަތޫއަށް ވަރަށް ގިނަ މައުލޫމާތު އެނގޭނެއެވެ.

"ތިހެން އުޅޭއިރު ކުއްޔަށްދޭ ކޮޓަރިއެއް އެނގިއްޖެއްޔާ ބުނައްޗޭ އިނގޭ،" އަހަރެން އެދުނީމެވެ. "ވަރިހަމަ ވިލިނގިލިން ވިޔަސް. ހުޅުމާލޭން ވިޔަސް."

"އަހަނ! ޔޫ ވެސް ޗޭންޖުވަނީ؟ މިހާރު ތި އުޅޭ ތަން ކިހިނެއްވީ؟" ސަތޫ ސުވާލުކުރިއެވެ. "އިހަށް ދުވަހަކުއެއްނު އައީ. އެ ތަން ކަމުނުދަނީ؟"

"އެ ތަން ވަރަށް ރަނގަޅު،" އަހަރެން ބުނީމެވެ. "ތަނުގަ ނެތް އެއްވެސް މައްސަލައެއް. އެކަމަކު އަހަންނަށް ހީވަނީ..."

ސަތޫއަކީ ޖައުފަރުގެ ތިމާގެ ކުއްޖަކަށް ނުވާނެބާއޭ އަހަރެން ހިތަށްއެރިއެވެ. އަހަރެން ދައްކާ ވާހަކަ ސަތޫ ރިކޯޑުކޮށްގެން ގޮސް އެ ޖައުފަރަށް ނީއްވާނެ ހެއްޔެވެ؟ ދެން ހިތަށްއެރިއެވެ. އަޑުއިއްވިއްޔާ ވާނީ ކީއްހެއްޔެވެ؟ އަހަރެން ދޮގެއްނަހަދާނަމެވެ.

"އަހަންނަށް ހީވަނީ އެ ޖައުފަރު އަހަންނަށް ފާރަލާހެން،" ކިތަންމެ މޮޔަކަމަކަށް ވިޔަސް އަހަރެން ބުނީމެވެ. "ވަރަށް އެހެން ކަހަލަ ގޮތަކަށް އޭނަ ބަލަނީ. އަހަރެން މިހާރު ބިރުގަންނަން ފަށައިފި. ދެން ރޭގަނޑު ވަރަށް އަޑުއަޑު ވެސް އިވޭ. ކޮންމެ ފަހަރަކު ވެސް މޭގަނޑު އަތަށްލައިގެން ގެއަށް ވަންނަނީ."

"ކުއްޔަށްދޭ ތަންތަން ބައިވަރު ހުންނާނެ،" ސަތޫ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އަހަރެން ވެސް ތަނެއް ކުއްޔަށްހިފައިގެން މި އުޅެނީ. އެ ތަނުގަ ވެސް ފަހަރެއްގަ ތަން ހުރެދާނެ. ގެނޭ ނަންބަރު. ތަނެއް ލިބޭގޮތް ވެއްޖެއްޔާ ގުޅާލާނަން. ދެން ބުނަން ވާހަކައެއް. ފިރިހެނުންނަކީ މިޔަރު ކަހަލަ އެއްޗެއް. ބުނެއެއްނު ބިރުގަނެގެން ތެޅިފޮޅިގެންފިއްޔާ މިޔަރު އެޓޭކްކުރާލެއް އަވަސްވާނޭ. ވީހާ ވެސް ބިރުނުގަންނަ ކަމަށް ހެދިގެން އުޅޭ. އޭރުން ނުކެރޭނެ ބެހޭކަށް."

އަހަރެން ނަންބަރު ދިނީމެވެ. އެއްވެސް ބިރެއް، ޖެހިލުމެއް ނެތިއެވެ. ސަތޫ ވެސް ނަންބަރު ދިނެވެ.

އަހަރެން ގެއަށް ގޮސް ކޮޓަރިއަށް ވަންތަނާ ފޯނު ރަނގަބީލުވާން ފެށިއެވެ. އަހަރެން ހީކުރީ ސަތޫ ކަމަށެވެ. ފޯނު ނެގީމެވެ. ގުޅީ ސަތޫއެއް ނޫނެވެ. ފޯނަށް އަރައިފައިއޮތީ ދަންނަ ނަންބަރެއް ނޫނެވެ. ހިތަށްއެރިއެވެ. ކުލީ ތަނެއް ލިބިގެން، ސަތޫ ބުނެގެން އަހަންނަށް ގުޅަނީކަމަށް ވެސް ވެދާނެއެވެ. ފޯނު ނެގީމެވެ.

"ހަލޯ!" އަހަރެން ވާހަކަދެއްކީމެވެ.

"ހަލޯ! ކިހިނެއްތަ ހާލު؟" ވާހަކަދެއްކީ ފިރިހެނެކެވެ. "މީ ޝަރީފު އިނގޭ. އެނގިއްޖެ؟"

"ކޮން ޝަރީފެއްތޯ؟" އަހަރެން އެހީމެވެ. "އަޅުގަނޑު ނުދަންނަން ޝަރީފު ކިޔާ މީހެއް. ކިހިނެއްތޯވީ؟ ކިހިނެއްތޯ މި ނަންބަރު ލިބުނީ؟"

"ދެންމެ ފިހާރަ ތެރޭގަ ހުރެފަ އެ ތާ ކައުންޓަރުގަ އިން ކުއްޖާއަށް ނަންބަރު ދިންއިރު، ފަހަތުގަ ހުރެފަ އަހަރެން ވެސް ނަންބަރު ނޯޓުކޮށްލީ." އެ މީހަކު ވަރަށް ފަޚުރުވެރިކަމާ އެކުގައި ބުންޏެވެ.

"އެއީ ކީއްކުރަންތޯ މި ނަންބަރު ނޯޓުކުރީ؟" އަހަރެން ސުވާލުކުރީމެވެ.

"ފޯނުންތަ ހުރިހާ ވާހަކައެއްދައްކަންވީ؟" ރައްޓެހި ރާގެއްގައި އޭނަ ބުންޏެވެ. "ހިނގާބަލަ ކޮފީއަކަށް ޖައްސާލަން."

އަހަރެންގެ މެޔަށް ފިނިވެގެންދިޔައެވެ. ހިތަށްއެރިއެވެ. މާލެ މީ ކޮންކަހަލަ ތަނެއް ހެއްޔެވެ؟ ބައްދަލުވާ ފުރަތަމަ ފަހަރު ކޮފީއަށް ގެންދަން މީހުން އުޅެނީ ކީއްވެގެން ހެއްޔެވެ؟ އަންހެނެއް ފިރިހެނެއް ތަފާތެއް ނެތެވެ.

"އަހަންނަކީ ތިހެން ގުޅާލާއިރަށް ކޮފީއަށް ދާ މީހެއް ނޫން،" އަހަރެން ބުނީމެވެ. "އޮފީހުން ކޯހެއް ހަދަންޖެހިގެން މާލެއައިސް މި އުޅެނީ ވެސް. އެހެންނޫން ނަމަ ނުވެސް އަންނާނެ މި ތާކަށް. އެހެންނޫނަސް ޒުވާންކުދިންނެއްނު ތިހެން ކޮފީއަށް ދަނީ. އަހަންނަކީ ބޮޑު ތިން ކުދިންގެ މަންމައެއް. މީހެއްގެ އަންބެއް."

"މީހުންގެ އަނބިންނާ، ތިން ކުދިންގެ މަންމައިން ވެސް ކޮފީބޯނެއްނު! ނުބޯނެ؟" ޝަރީފު އުންމީދުކަނޑައެއްނުލައެވެ. "އެއީ ގޯސްކަމެއް ނޫނީ ހަރާންކަމެއް ނޫނެއްނު. އަހަރެން ދެކެން ނާސިހާ ރައްޓެހިންނާ އެއްކޮށް ކޮފީއަށް ދާތަން. ހަމަ ނުލާހިކު ގިނައިރު އަނގަތަޅަން ވެސް އިނދޭ."

އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. ކޮންމެވެސް މީހަކު އަހަންނަށް ފާރަލާކަން ސާބިތުވިއެވެ. ވަރަށް ބިރުގަތެވެ. އެ ހިސާބުން އޭނައަށް އަހަރެން ކުރި އިހުތިރާމު ކުޑަވިއެވެ.

"އެހެންވީމަ ތީ ދޯ އަހަންނަށް ފާރަލާ މީހަކީ،" އަހަރެން ބުނީމެވެ. "ރައްޓެހިންނާ އެކީގަ ދިޔަސް ތީ ރައްޓެއްސެއް ނޫނެއްނު."

"އެހެންވެތާ މި ގުޅީ،" ވިސްނައިދޭ ކަހަލަ ރާގެއްގައި ޝަރީފު ބުންޏެވެ. "ކޮފީއަކަށް ގޮސް އެކަކުއަނެކަކަށް އިންޓްރޮޑިއުސްވެލާ، ވާހަކަދައްކާލާ ހަދައިގެނެއްނު ރައްޓެއްސަކަށްވެވޭނީ. މި ކަހަލަ ތާކަށް އައިސް ތިހެން އެކަނި އުޅެނިކޮށް ކަމެއްދަމެއް ޖެހުނަސް ގުޅާލާނެ މީހަކު ހުރީމަ ކިހާ ފަސޭހަވާނެ. ކިހާ ރައްކާތެރިވާނެ."

އަހަންނަކީ އެކަނި މާލެއައިސް އުޅޭ އަންހެނެއްކަން އެއްވެސް ހިލޭ ފިރިހެނަކަށް އެނގޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު އެ ސިއްރު ވެސް ބޭޒާރުވީއެވެ.

"އަމައްޔާތް!" އަހަންނަށް ބުނެވުނެވެ. "އުޅޭ ވައްތަރެއް."

"ކޮބައިތަ އަހަރެން ވައްތަރަކަށް އުޅެފަ؟" ޝަރީފުގެ ރާގު ވަރަށް އޮމާނެވެ. "ކޮފީއަކީ މިހާރު ވެސް ބޯއެއްޗެއްނު! މޭޒުގެ އަނެއް ފަރާތުގަ އަހަރެން އިނުމަކީ މައްސަލައެއް..."

"އަހަންނަކަށް ކޮފީއަކަށް ނުދެވޭނެ." ވާހަކަ ކުރުކޮށްލައިފައި އަހަރެން ފޯނު ކަނޑައިލީމެވެ.

އެ ކޯލަށް ފަހު އަހަރެންގެ ހިތްޝައްކު އިންތިހާއަށް ބޮޑުވިއެވެ. ބޭކާރު ފިކުރުތައް ގިނަވިއެވެ. ހިތަށްއެރިއެވެ. އެއީ ހަމަ ޝަރީފު ކިޔާ މީހެއް ހެއްޔެވެ؟ ނުވަތަ އަހަރެން އުޅޭ ގޭގެ ވެރިމީހާ ޖައުފަރު ހެއްޔެވެ؟ އޭނަ ދެ ފޯނު ގެންގުޅެނީ ހެއްޔެވެ؟ އަޑު ބަދަލުކުރަން ޖައުފަރު މޮޅީ ހެއްޔެވެ؟ ނުވަތަ އަހަރެން ސަތޫއަށް ނަންބަރުދިނުމާއެކު އެ ފަދަ ކޯލެއް އައުން އެއީ އިއްތިފާގެއް ހެއްޔެވެ؟ ޖައުފަރު އަތުގައި އަހަރެންގެ ނަންބަރު އޮންނާނެ ވެސް މެއެވެ. އަހަންނަށް ފާރަލަނީ ޖައުފަރު ފޮނުވައިގެންއުޅޭ މީހެއް ހެއްޔެވެ؟ އޭނަ ޖައުފަރަށް ޚަބަރުތައް ގެނެސްދެނީ ހެއްޔެވެ؟ ވަހުމުތައް ބޮޑުވެގެން ގޮސް މަގުހިނގަން އަހަންނަށް އުނދަގޫވިއެވެ. ފެންނަ ކޮންމެ މީހަކަށް ޝައްކުކުރެވުނެވެ. "ޝަރީފު" ކަމަށް ހީކުރެވުނެވެ. މާލެއަށް ފަރިތަ، ރައްޓެހިން ގިނަ މީހަކަށް އެއީ މައްސަލައަކަށް ނުވެދާނެއެވެ. އަހަންނަށް އެ ކަން ވަރަށް ބޮޑު މައްސަލައަކަށް ވިއެވެ. އެންމެ ބިރުގަތް ކަމަކީ، އަހަންނާ ޖެހިގެން ޝަރީފު ހުއްޓަސް އަހަންނަށް ނޭނގޭނެތީއެވެ.

ޖެހިގެން އައި ދުވަހު ކޮލެޖުގައި އަހަރެން ކިޔަވަން އިންދައި ޝަރީފު ގުޅިއެވެ.

ނުނިމޭ