ފޫހިވޭ، ވަރަށް ފޫހިވޭ

އާދިއްތަ ދުވަހާ ގުޅޭ


ގޭގައި ބޭއްވި ކުޑަ ހަފުލާ ނިމުނުއިރު ވެސް ދާންވީ ތަނެއް ނާހިދު ނުބުނެއެވެ. އެންމެން ދަންދެން ވާހަކަދައްކަން ތިބެފައި ދެން ނާހިދު ހިނގައިގަތީ އަހަރެންގެ ކޮޓަރިއާ ދިމާއަށެވެ. އަހަރެން ވެސް ފަހަތުން ގޮސް ކޮޓަރިއަށް ވަނީމެވެ. ހިތަށްއެރިއެވެ. ނާހިދު އެ އުޅެނީ ފޮށްޓަށް އެއްޗެހި އަޅަންބާއެވެ؟ އެންމެ ފަހު ވަގުތު އަހަރެން ސިއްސައިލަންބާއެވެ؟ ކޮޓަރިއަށް ވަދެފައި ނާހިދު ދޮރު ތަންޑުއެޅިއެވެ. ހަގީގަތުގައި ވެސް އަހަންނަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. ނާހިދު އުޅެން ނިންމައިފައިވަނީ އަހަރެންގެ ގޭގައެވެ. ފުރަތަމަ މަޅީގައި އަހަރެން ބެދުނީއެވެ.

ފުނޑުފުނޑުވާ އުންމީދުގެ ފުޅިތޮށިތައް ހިތުގައި ރައްކާކުރުމަކީ ގޯހެކެވެ. އެ ކުނިބުނި ނައްތައިލަންވާނެއެވެ. އަހަރެންގެ ހިތަށް ކުރި އަސަރު ނާހިދު ގާތުގައި ބުނަންވާނެއެވެ. އަހަންނަށް އިހުތިޔާރުކުރެވުނީ ހަމަހިމޭންކަމެވެ. އެއީ ދެވަނަ މަޅި ކަރަށް މެހުމެވެ. އަހަރެންގެ ފިރިހެން އެކުވެރިން އެއް އަތުގެ އިނގިލިތަކުން ގުނާލެވޭނެއެވެ. އަންހެން އެކުވެރިން ވަރަށް ގިނަވާނެއެވެ. ފަހަރަކު ރައްޓެއްސެއް ނާހިދަށް ކަމުނުދަމުން ދުރުކުރަމުން ގޮސް ހުރިހާ ރައްޓެހިން ހުސްވިއެވެ. އަހަރެން ޝަކުވާއެއް ނުކުރަމެވެ. އަހަރެން މޭކަޕުކުރުން ނާހިދު މަނާކުރިއެވެ. އެހެން ފިރިހެނުން ބަލާތީއެވެ. އެއީ ކަރަށް މެހުނު ތިންވަނަ މަޅިއެވެ. ނާހިދަށް ދެން ކަމުނުދިޔައީ އަހަރެންގެ ފަން އިސްތަށިގަނޑެވެ. މާ ބޮޑަށް ފަންވެފައި ރީތީއެވެ. މީހުން ބަލާތީއެވެ. އަހަރެން ހިތަށްއެރިއެވެ. ނާހިދު ވާންވީ އުފަލެއް ނޫން ހެއްޔެވެ؟ އަހަންނަކީ ނާހިދުގެ އަނބިމީހާއެވެ. ކިޔާވަރުން ކެތްނުވެގެން އިސްތަށިގަނޑު ބުރިކޮށްލީމެވެ. މަންމަ ވަރަށް ހިތްހަމަނުޖެހުނެވެ. އިސްތަށި ފައިބާކަމަށް ބުނެ ސަބަބެއް ހަދައިލީމެވެ. އެހާ ހިސާބުން އަހަރެން މަޅި ގުނުން ހުއްޓައިލީމެވެ.

ކައިވެނިކޮށްގެން ހައެއްކަ މަސް ނުވަނީސް ނާހިދުގެ ހަގީގަތް ހާމަވާން ފެށިއެވެ. ނާހިދު ދުއްވާ ކާރަކީ ނާހިދުގެ ރައްޓެއްސެއްގެ ކާރެކެވެ. ނާހިދަކީ އާދައިގެ މަގާމެއް އަދާކުރާ މަހުމުސާރަވެރިއެވެ. ހުޅުމާލޭގައި ހުރި އެޕާޓުމަންޓަކީ ނާހިދުގެ އާއިލާ އެންމެންގެ ތަނެކެވެ. ނާހިދުގެ ވިޔަފާރިއަކީ ވެސް އާއިލާ އެންމެންގެ އެއްޗެކެވެ. އަހަރެން މައްސަލައަކަށް ނަހަދަމެވެ. އަހަންނަށް މުހިންމުވީ ދެމަފިރިން ލޯބިން އެކުގައި އުޅުމެވެ. ހިތަށްއެރިއެވެ. ފަހުން ރަނގަޅުވާނެއެވެ. ނާހިދަށް އަދި ވިސްނޭނެއެވެ.

ދަރިފުޅަށް ބަނޑުބޮޑުވުމާއެކު ވަޒީފާއިން ކެނޑެން އަހަންނަށް އެންގިއެވެ. އަހަރެން އުންމީދުކުރީ ފިރިހެންދަރިޔަކަށެވެ. ލިބުނީ އަންހެންކުއްޖެކެވެ. ނާހިދު ހީކުރީ އަންހެންދަރިޔަކު ލިބުނީމައި ނާހިދު ދެކެ އަހަރެން ފޫހިވާނެކަމަށެވެ. ހަގީގަތުގައި ވެސް އަހަރެން ހުރީ ފޫހިވާން ފަށައިފައެވެ. ދަރިޔަކާ އެ ކަމަކާ ގުޅުމެއް ނެތެވެ. އަހަރެން ފޫހިވީ އަހަރެންގެ އުންމީދުތައް ފެނަށްވެ، ހަތަރެސްފައި ބަނދެވުނީމައެވެ. އަހަރެންގެ ކިޔަމަންތެރިކަމާއި، ބަސްމަދުކަމުގެ ނާޖާއިޒު ފައިދާ ނާހިދު ނެގީމައެވެ. ނާހިދުގެ ފަރާތުން އަހަންނަށް ފެނުނީ ކެހިވެރި ދަޅައެކެވެ. އެއީ ލޯތްބެއް ނޫނެވެ. ލޯބީގެ ކެންސަރެވެ. މަޑުމަޑުން ފެތުރެމުން ގޮސް އަހަރެންގެ އުފާތައް ވިއްސިވިހާލިކޮށްލި ބަލިގަނޑެވެ.

ނާހިދުގެ ކޮންމެ އަމުރަކަށް އަހަރެން ކިޔަމަންވީމެވެ. ދަރިފުޅަށް ޓަކައެވެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. ކެތްތެރިކަން އިސްކުރަންޖެހެއެވެ. ދެވަނަ ފުރުސަތާއި ތިންވަނަ ފުރުސަތު ވެސް ދޭންޖެހެއެވެ. އެހެންނަމަވެސް، ނާހިދަކީ އިންތިހާއަށް ދަހި މީހެކެވެ. އެއްވެސް ކަމެއް އަހަންނަށް ދޫކޮށްލާކަށް ނާހިދު ބޭނުމެއް ނޫނެވެ. ހުރިހާ ކަމެއް ނާހިދު ކޮންޓުރޯލުކުރަން ފެށިއެވެ. ހަރަދު ބޮޑުކަމުގެ ވާހަކައަކީ ނާހިދު ދައްކާ ފޫހި ނުވި ވާހަކައެކެވެ. ކަބަޑުގައި ހުންނަ ސައިފަތް ޕެކެޓުގެ އަދަދާއި، އައިސްއަލަމާރީގައި ހުންނަ ބިހާއި، ލުނބޯމިރުހަށް ދާންދެން ހުންނަނީ ގުނައި ދުވަސް ބަހައިފައެވެ. ފެން އިސްކުރު ހުންނަނީ މަދުން ފެން އަންނަ ގޮތް ހަދައިފައެވެ. ފެން އަންނަލެއް ލަސްކަމުން އަހަރެން ފެންވަރަނީ ބާލިދީއަށް ފެންފުރައިގެންނެވެ. އެޕާޓުމަންޓުގެ ކޮންމެ ބައެއްގައި ވެސް ދިއްލުން ހުއްދައޮންނަނީ އެންމެ ބޮތްކެކެވެ. އަހަރެންގެ އަމިއްލަ އެޕާޓުމަންޓުގައި އަހަންނަށް ޓީވީ ހުޅުވެނީ ވަކި ވަގުތަކުން ވަކި ވަގުތަކަށެވެ.

ނާހިދުގެ މައިންބަފައިން ބަލިވުމުން މާލެގެނެސް ބައިތިއްބަނީ އަހަރެންގެ އެޕާޓުމަންޓުގައެވެ. އެ މީހުންނަށް ކެއްކުމާއި، އެ މީހުން ގޮވައިގެން ހޮސްޕިޓަލަށް ދިޔުމާއި، ބޭސްދިނުމުގެ ކަންތައްތަކުގައި އުޅެންޖެހެނީ އަހަންނެވެ. ބައެއް ފަހަރު މަސްދުވަސް ވަންދެން ވެސް އެ މީހުން ގޭގައި ތިބެއެވެ. އަހަރެން ޝަކުވާއެއް ނުކުރަމެވެ. ފިރިމީހާޔާ ދެބަސްވެ އަރާރުމެއް ނުވަމެވެ. އަހަންނަކީ އެ މިޒާޖުގެ މީހެއް ނޫނެވެ. އެކަމަކު، އަހަރެންގެ ހިތް އަބަދުވެސް ކުރާ ސުވާލުތަކެއް ހުރެއެވެ. އަހަރެންގެ ހުރިހާ އުފަލެއް ގުރުބާންކޮށްގެން އެ ހާލުގައި އަހަރެން އުޅެންޖެހޭ ހެއްޔެވެ؟ އަހަރެން މީހަކާ ކައިވެނިކުރީ ކީއްކުރަން ހެއްޔެވެ؟ އެއާ ވިދިގެން އަހަރެންގެ ސިކުނޑި ދޭ ޖަވާބުތަކެއް ވެސް ހުރެއެވެ. ފިރިމީހާ ގާތުން ވަރިވެގެން އަހަރެންނަކަށް އެކަންޏަކު ނޫޅެވޭނެއެވެ. އަހަރެން ވަރަށް އެކަނިވާނެއެވެ. ވަރިވެއްޖެއްޔާ ފިރިމީހާ ދަރިފުޅު ގެންގޮސްފާނެއެވެ. ހައްޕުކިޔައިގެން ހުންނަން އަހަންނަށް މަޖުބޫރުކުރި ބިރަކީ އެއީއެވެ. މީހުން ބުނާ އަޑު އަހަމެވެ. ފިރިމީހާ އަނިޔާ ނުކުރާ ނަމަ އެ ނިމުނީއެވެ. ނާހިދު އަނިޔާއެއް ނުކުރެއެވެ. ހަޅޭކެއްނުލަވައެވެ. ދަރިފުޅަށް ކޮށްދޭންޖެހޭ ހުރިހާ ހަރަދެއް ކުރެއެވެ. ވީމާ ކަރުނަ ހިފަހައްޓައިގެން އަހަރެން ކެތްކުރީމެވެ. އެތެރެއެތެރެއިން އަހަރެން ދިޔައީ ކުދިކުދިވަމުން ރޫޅެމުންނެވެ. އަހަރެންގެ އެކުވެރިންތައް ގެއްލިއްޖެއެވެ. އަހަންނަށް އަހަރެން ގެއްލިއްޖެއެވެ.

ވަރަށް ލޯބިވާ މީހަކު ދެކެ ފޫހިވެއްޖެ ނަމަ، އެ ފޫހި ވެސް ވަރަށް ބޮޑުވާނެއެވެ. ހިތާ ދެކޮޅަށް ނާހިދާ އެކުގައި އުޅެންފެށުމުން އަހަރެން ބަލިވާން ފެށިއެވެ. ގައިގައި ރިއްސައި ބޯއަނބުރަން ފެށިއެވެ. ޑޮކްޓަރު ބުނަނީ ޖިސްމާނީ މައްސަލައެއް ނެތްކަމަށެވެ. ކޮންމެވެސް ކަމަކާ އަހަރެން ހިތްދަތިވަނީކަމަށެވެ. އަހަރެންގެ ބައްޔަކީ ޑިޕްރެޝަންކަމަށެވެ. ނާހިދަކަށް ނުވިސްނެއެވެ. އޭނަގެ ނަޒަރުގައި އަހަރެން ޑިޕްރެޝަނަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަހަރެން ބޭނުންވާ ހުރިހާ ކަމެއް ހުންނާނީ ކޮށްދީފައެވެ. އެއްވެސް ކަމަކަށް ދަތިވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެކަމަކު އަހަރެންގެ ބަލި ހައްތަހާ ވީ ބޮޑެވެ. ހޮސްޕިޓަލުން ގެއަށެވެ. ގެއިން ހޮސްޕިޓަލަށެވެ. ފަސް އަހަރު ވަންދެން އަހަރެން އެހެން އުޅުނީމެވެ. ކަމެއް ކުރާހިތެއް، ކުރާނެ ހިތްވަރެއް ނުހުރެއެވެ. ގެއަށް ވަދެވިއްޖެއްޔާ އަހަރެން ހުންނަނީ ކުޑަދޮރު ކައިރީގައެވެ. ރިވެލިކުނޑިތައް ނަށާތަން ބެލުމުގައެވެ. ހިތަށްއަރައެވެ. އެ ކުނޑިތައް ނަށަނީ ކޮންކަމަކާ އުފަލުން ހެއްޔެވެ؟ ކޮން އުންމީދެއްގައި ހެއްޔެވެ؟ މަންޒިލެއް ނެތެވެ. މުސްތަގުބަލެއް ނެތެވެ. އަހަރެން ފަދައިންނެވެ. ނޫނެކެވެ. ހިތާހިތުން އަހަންނަށް ބުނެވުނެވެ. އަހަރެން ހިތްވަރުކުރަން އެބަޖެހެއެވެ.

"އަހަންނަކަށް މިހެނެއް ނޫޅެވޭނެ!" އަހަރެން ބުނީމެވެ. "އަހަރެން ބޭނުމީ ވަރިވާން."

ނާހިދުގެ މޫނުމައްޗަށް ވެރިވި ހައިރާންކަމުން އަހަންނަށް ދޭހަވީ އެންމެ މާނައެކެވެ. އަހަރެން އެހެން ބުނެފާނެކަމަކަށް ނާހިދު ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އޭނަ ސުވާލު ފޮތް ހުޅުވައިލައިފައި އެއްކޮޅުން ފެށިއެވެ. ނާހިދު މަސައްކަތްކުރީ ނާހިދުގެ ރަނގަޅުކަމާއި، އޭނަ ކޮށްދޭ ކަންތައްތައް އަހަންނަށް ހަނދާންކޮށްދެވޭތޯއެވެ.

"މަ ބޭނުމެއް ނޫން އެކައްޗެއް ވެސް އަޑުއަހާކަށް،" ފޫހިވެފައި އަހަރެން ބުނީމެވެ. "ނުވާނެ މި ވަރަކުން. މި ބުނީ ނުވާނެޔޭ. އަހަރެންނަކަށް މިހާރަކު ނާހިދަކަށް އެއްވެސް ކަމެއް ނުކޮށްދެވޭ! އަހަންނަކީ ބޭކާރު މީހެއް. ބަލި މީހެއް. އަހަރެން ދޫކޮށްލާފަ ގޮސް ނާހިދު އެހެން މީހަކާ އިނދޭ."

"ޔުމް ބަލިވެގެން އަހަރެން މައްސަލައެއް ޖެއްސިންތަ؟" ނާހިދު ބުންޏެވެ. "ކޮބާ އަސްލު މައްސަލައަކީ؟ އަހަންނަށް ކޮންކަމެއް ނުކޮށްދެވި އޮތީ؟ ބުނޭ! ބުނި ކަމެއް ކޮށްދޭނަން."

"އަހަރެން މި ބުނަނީ ނާހިދު މި ގެއިން ދާން،" އަހަރެން އެދުނީމެވެ. "ހަމަ މިހާރު! މި ވަގުތު!"

ނާހިދު ވަރަށް ގިނަ ވާހަކަދައްކަން މަސައްކަތްކުރިއެވެ. އަހަރެން އަޑެއްނޭހީމެވެ. ދަރިފުޅު ގެންދާނެކަމުގެ ބިރުދެއްކިއެވެ. ނާހިދު ގެއަށް ގަނެފައިހުރި ހުރިހާ އެއްޗެއް ގެންދާނެކަމަށް ހުވައިކުރިއެވެ. އަހަރެންގެ ވިސްނުން ބަދަލުކުރަން މައިންބަފައިންނާއި، އެކުވެރިންނާއި، ދީނީ މީހުންގެ އެހީ ވެސް ނާހިދު ހޯދިއެވެ. އަހަރެންގެ ނިންމުން ހިރިގަލުގައި ކަނޑައިނެގިފައިވާ ކަހަލައެވެ. އެއްވެސް ކޮޅަކުން ކާމިޔާބު ނުލިބުމުން ނާހިދު ގަނެދީފައި ހުރި ސާމާނުތައް ގެންދަން ފެށިއެވެ. ދޮންނަމެސިނާއި ޓީވީއެވެ. ކުނިކަހާ ފިހިގަނޑާއި، ފާހާނާ ސާފުކުރާ ބުރުހެވެ. ބާކީ ހުރި ބައިފުޅި ރިހާކުރާއި، ޕާނުގެ ބާކީ އޮތް ދެ ފޮތި ވެސް ގެންދިޔައެވެ. އަހަންނެއް ނުހުއްޓުވަމެވެ. ކޮންމެ އެއްޗެއް ގެންގޮސްގެން ވިޔަސް އަހަރެން ބޭނުންވީ އަހަރެންގެ ލޯމަތިން ނާހިދު ގެއްލޭށެވެ. އަހަރެން ހުރީ ނާހިދުގެ މޫނު ފެނުނަސް މޭނުބައިކުރާ ވަރު ވެފައެވެ.

ކޯޓަށް ގެންދިޔަ ފުރަތަމަ ދުވަހު އަހަރެން ވަރިކުރިއެވެ. ނާހިދު ދެކެ އަހަރެން ފޫހިވެފައިހުރި ވަރު ފެންނަ ކޮންމެ މީހަކު ވެސް ހައިރާންވެއެވެ. ސަބަބު އަހައެވެ. އަހަރެން ދެނީ އެއް ޖަވާބެކެވެ. އަހަރެންގެ ބައްޔެވެ. އެ ބަލީގެ ވޭނުގައި ނާހިދު އުޅެން އަހަރެން ބޭނުން ނުވާކަމެވެ. އެކަމަކު އެއީ ދޮގެކެވެ. މައްސަލައަކީ ނާހިދުގެ ކެހިވެރިކަމާއި މުށްބާރުކަމެވެ. ގޭގެ ދުވަހު ޚަރަދަށް ބޭނުންވާ ވަރަށް ފައިސާކޮޅެއް ދޭ ނަމަ ކީއްހެއްޔެވެ؟ އެއްޗެއް ގަންނަން ބޭނުންވާ ކޮންމެ ފަހަރަކު ފައިސާ ދޭން އެދުމަކީ އަހަރެން ވަރަށް ލަދުގަންނަ، ފޫހިވާކަމެކެވެ. އެ މީހަކީ ބައްޕަ ކަމުގައި ވިޔަސް، ދަރިޔަކު ކަމުގައި ވިޔަސް ނުވަތަ ފިރިމީހާ ކަމުގައި ވިޔަސް ވެހެވެ. ނުސީދާކޮށް ކިތަންމެ ފަހަރަކު އަހަރެން އެ ވާހަކަ ނާހިދު ގާތުގައި ބުނީމެވެ. އެހެންނަމަވެސް ނާހިދަކީ ދަހި މީހެކެވެ. ވިސްނުން ހަނި މީހެކެވެ. އޭނަގެ ނަޒަރުގައި އަހަންނަކީ ފައިސާ ގެންގުޅެން އެނގޭ މީހެއް ނޫނެވެ. އެ ކަން ދަސްކޮށްދެވޭނެ މީހެއް ވެސް ނޫނެވެ. އޭނަގެ ނަޒަރުގައި އަހަންނަކީ ވަރަށް ގަމާރު އަންހެނެކެވެ. ހަގީގަތުގައި ގަމާރު މީހަކީ ނާހިދެވެ. ފިރިމީހާ ގާތުން އިރުއިރުކޮޅާ ފައިސާއަށް ސަލާންޖެހުމަކީ އަނބިމީހާއަށް ކިހާ އުނދަގޫކަމެއްކަން ނޭނގުނީތީއެވެ. އަނބިމީހާ ކިހާ ފޫހިވާކަމެއްކަން ވެސް ނޭނގުނީތީއެވެ. ނާހިދު ދެކެ އަހަރެން ފޫހިވި ސަބަބާއި، ވަރިވި ހަގީގީ ސަބަބު އެކަކަށް ވެސް ނޭނގޭނެއެވެ. އަހަރެންގެ ބައްޔަކީ ދެއްކި ބަހަނާއެކެވެ. ނާހިދު ކަހަލަ ފިރިން ދެކެ ފޫހިވާ ކޮންމެ އަންބަކު ވެސް ދައްކާނީ އަހަރެން ދެއްކި ކަހަލަ ބަހަނާއެކެވެ. އެ ފަދަ ފިރިޔަކާ އެކުގައެއް ނޫޅެވޭނެއެވެ. އުޅުނަސް އުޅެންޖެހޭނީ ފޫހި ދިރިއުޅުމެވެ. ވަރަށް ފޫހި ދިރިއުޅުމެކެވެ.

ނިމުނީ