ސުނާމީ

އަހަރެންނަކީ އުމުރުން ފަންސާސް ދެ އަހަރުގެ އަންހެނަކީމެވެ. ވަޒީފާއަށް ވަނީ އުމުރުން ވިހި އަހަރުގައެވެ. އޮފީހުގައި އުޅެވިއްޖެއެވެ. ލައްކަ މަސައްކަތް ކުރެވިއްޖެއެވެ. ދެ އަންހެންދަރިން ތަރުބިއްޔަތުކޮށް، އެ ކުދިން މީހުނާ އިނދެގެން ހިނގައްޖެއެވެ. އެ ކުދިން އުޅެނީ ރަނގަޅު ވަޒީފާތަކުގައެވެ. ދިރިއުޅެނީ ފިރިންގެ ގޭގައެވެ. ކޮންމެ މަހަކު ވެސް ކޮންމެވެސް ވަރެއް ދެވޭތޯ އެ ކުދިން ބަލައެވެ. އެ ފައިސާ ދެނީ އަހަރެން އަތަށެވެ. ފިރިމީހާ ހުންނާނީ އެއަށް ލޯއަޅައަޅައެވެ. ފައިސާ ދިންކަން އެނގޭއިރަށް، ކޮންވެސް ދަނޑިވަޅެއް ބަލައިފައި އައިސް ފައިސާ އަތުލައެވެ. ރައްކާކުރުމުގެ ނަމުގައެވެ. ބެންކަށް ޖަމާކުރުމުގެ ނަމުގައެވެ. ހަގީގަތެއް ނޭނގެއެވެ. ޖަމާކުރިންތޯ އަހައިލިޔަސް އަހަރެން ވަނީ ފިރިމީހާއަށް ޝައްކުކުރާ މީހަކަށެވެ. އެ ހިސާބުން އެވީ ފިރިމީހާއަށް ޝައްކުކުރާ އަނބިންނާ ބެހޭގޮތުން ދީނުގައި އޮތް ހުކުންތައް އަހަންނަށް ބުނެދޭށެވެ. ނިމޭއިރު އަހަރެން އިންނަނީ އެހުނު މޮޔަ ހިތަށްއަރައިފައެވެ. ތައުބާވާން ބޭނުންވެފައެވެ.


އަހަންނަށް މާމަދަރިން ލިބިއްޖެއެވެ. އަހަރެންގެ ތިންވަނަ އަންހެންދަރިފުޅުގެ ކައިވެނި ތައްޔާރުވަނީއެވެ. ވަޒީފާއަދާކުރަން ފެށީއްސުރެ އަހަރެންގެ އަމިއްލަ އެއްވެސް ކަމަކަށް ވަގުތެއް ނުލިބެއެވެ. އެއް އުމުރުގެ އަންހެން ރައްޓެހިންނާ އެކުގައި ތަނަކަށް ގޮސްލައި ނުވަތަ އަމިއްލަ ހަށިގަނޑާ ދޭތެރޭ ވިސްނައިލާނެ ވަގުތެއް ވެސް ނުވިއެވެ. މިހާރު ފޮނި އެއްޗެއް ނުކެވެއެވެ. ލޮނު އެއްޗެއް ނުކެވެއެވެ. ވަރަށް އަވަހަށް ވަރުބަލިވެއެވެ. އޮފީހަށް އައިސްފައިވާ ޒަމާނީ ބަދަލާ އަހަރެންގެ އުމުރަކާ ނުގުޅެއެވެ. އަހަރެން ބޭނުންވަނީ ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް ތަންކޮޅެއް އަރާމުގައި ވެއަތުކޮށްލާށެވެ.

ވަރަށް ކުޑައިރުއްސުރެ އަހަރެން ދިރިއުޅެނީ މާލޭގައެވެ. އަހަރެންގެ ފިރިމީހާއަކީ ޒާމިރެވެ. މާލޭގައި ގެދޮރު ހުރި މީހެކެވެ. އަހަރުމެން ދިރިއުޅެނީ ފިރިމީހާގެ ގެ ބަހައިގެން އޭނައަށް ލިބުނު ބައިގައެވެ. ރަށުގައި އަހަރެންގެ ގެދޮރު ހުއްޓެވެ. ސުނާމީގެ ވަކިތަކުން ނޮޅައި އަހަރެންގެ ގެ ސުންނާފަތި ނުކުރި ނަމަ، އަދިވެސް އެ ގެ ހުރީހެވެ. ސަރުކާރުން ބަދަލުގައި ގޯތި ދިންއިރު، އަހަރެންގެ ހައްގު ހޯދަން އުޅެދޭނެ މީހަކު ނުވިއެވެ. ފޯމުތައް ފުރައި، އޮފީސްތަކަށް ހިނގައިދޭކަށް ޒާމިރަކަށް ވަގުތެއް ނުވިއެވެ. ހުޅުމާލެ ކަހަލަ ތަނަކުން އަހަންނަށް ގޯއްޗެއް ލިބުމަކީ އަހަރެން އުންމީދުކުރި ކަމެކެވެ. ޒާމިރަށް ބިރުވެރި ހުވަފެނެކެވެ. އެ ފަދަ ނަސީބެއް އަހަންނަށް ލިބިއްޖެ ނަމަ ޒާމިރު އަތުން އަހަރެންގެ ހުންގާނު ގެއްލިދާނެތީއެވެ. ޒާމިރު ބޭނުންވަނީ ދާނެ އެހެން ތަނެއް ނެތި އޭނަގެ މުށުތެރޭގައި އަހަރެން ހައްޔަރުވެފައި ހުންނާށެވެ.

ޒާމިރަކީ އަމިއްލައެދުން ބޮޑު މީހެކެވެ. އަހަރެން ވަޒީފާއިން ކެނޑޭކަށް އޭނަ އެއްބަހެއް ނުވިއެވެ. ގޭގައި ގެންގުޅެން ބިދޭސީއަކު ގެންނާކަށް ވެސް އޭނަ އެއްބަހެއް ނުވިއެވެ. މީހަކު ގެނެއްސިއްޔާ މުސާރަދޭން ޖެހޭނެތީއެވެ. އަހަރެންގެ ކޭޝްކާޑު އޮންނަނީ ޒާމިރު އަތުގައެވެ. އޮފީހުން ލިބޭ މުސާރައިން އެންމެ ރުފިޔާއެއް ވެސް އަހަންނަކަށް ނުލިބެއެވެ. ހައިފާއަށް އެ ކަން އެނގެއެވެ. ނަވާރަ އަހަރުގެ ހައިފާއަކީ އަހަރެންގެ އެންމެ ހަގު ދަރިފުޅެވެ. އަހަރެންގެ ހާލާމެދު ހައިފާ ވަރަށް ހަމްދަރުދީވެއެވެ.

"ބައްޕަ ދެން މަންމަގެ ކޭޝްކާޑު ދޭންވީނު،" ކެތްނުވެގެން ހައިފާ އެއްދުވަހަކު ބުންޏެވެ. "ޖޮބްގަ އުޅެނީ މަމް. ލާރި ހޯދަނީ ވެސް މަމް. އެކަމަކު ކާޑު އޮންނަނީ ބައްޕަ އަތުގަ."

"ބައްޕަޔާ ވާހަކަދައްކަންޖެހޭ ގޮތް މަންމަ ދަހެއް ނުކޮށްދޭތަ؟" ހިތްހަމަނުޖެހިފައި ޒާމިރު ބުންޏެވެ. "ދަރިންނަށް ބެހެވޭނެ ކަންތަކާ ނުބެހެވޭނެ ކަންތައް ހުންނާނެ. މަންމަ އަތުން ކާޑު ގެއްލިދާނެތީ ބައްޕަ އަތުގަ ކާޑު އޮންނަންޖެހެނީ. ދީނީގޮތުން ބެލިޔަސް މަންމަގެ ކަންކަން ބެލެހެއްޓުމަކީ ބައްޕަގެ ޒިންމާއެކޭ."

ބޮޑުތާ ޖެހުނީއެވެ. ޒާމިރު ދީން ބޭނުންކުރަނީ ކުލަޖައްސާ ފިއްސެއް ގޮތުގައެވެ. ބޭނުން ވަގުތަކު ބޭނުން ކުލައެއް ޖައްސައިލައެވެ. އަހަރެންގެ ކޭޝްކާޑު ބެލެހެއްޓުމުން އަހަރެންގެ ހުރިހާ ކަމެއް ބެލެހެއްޓުނީ ހެއްޔެވެ؟ ޒާމިރަކީ ކުޅިވަރާއި މަޖަލުގައި ދުވަސް ދުއްވައިލާ މީހެކެވެ. މަސްދަތުރެއް ނޯންނަ ރެޔެއް މަދެވެ. ކޮންމެ ބުރާސްފައްޗެއްގައި ރައްޓެހިންނާ އެކުގައި ކޮންމެވެސް ރަށަކަށް ދަތުރެއްއަޅައިލައެވެ. އެނބުރި މާލެއަންނާނީ ހޮނިހިރު ދުވަހު ހަވީރުއެވެ. ގޭގައި ޒާމިރު އެންމެ ފުރިހަމަކޮށް ކުރާ ކަމަކީ ދެފައި ދަމައިފައި ނިދުމެވެ. އާމްދަނީހޯދުމާއި، ގޭގެ މަސައްކަތްތައް ކުރުމާއި، ދަރިންބެލުމަކީ ވެސް އަހަރެންގެ ޒިންމާއެކެވެ. ކުޑަމިނުން ގޭސްފުޅި ގުޅައިލަން ވެސް ޒާމިރަކަށް ނާދެވޭނެއެވެ. ގޭސްފުޅި ދަމައިކޫއްތައިފައި ގެނެސް އެ ސަކަރާތެއް ވެސް ޖަހަންޖެހޭނީ އަހަރެންނެވެ. ހައިފާއަށް ވީ ވަރެއް އޭނަ ކޮށްދެއެވެ. ނިދި ހަމަވެގެން ތެދުވެ، ކުރާނެ އެއްވެސް މަސައްކަތެއް ނެތަސް ޒާމިރު ގެއަކު މަޑެއްނުވެއެވެ. ފަހަރެއްގައި ވެސް އަހަރެން ކަމަކުކިޔައިފާނެތީއެވެ. ދެން ގޮސް އިންނާނީ ކަންމަތީ ފިހާރައިގެ އަށީގައި ރާޒުވާކުޅޭށެވެ. އެ ތަނުގައި އިންނަ ވަގުތު އަހަރެން ފޯނުކުރުން މަނައެވެ.

ކެތްތެރިކަމަކީ ރިވެތި ސިފައެކެވެ. އެކަމަކު ފިރިމީހާއަކީ ކަންނެތް، އަމިއްލައެދުން ބޮޑު، އަޅުވެތި މީހެއް ނަމަ އަމިއްލަ ހިތާ ސުވާލުކުރަން ޖެހެއެވެ. އެ ފަދަ ފިރިއެއް ދެކެ ލޯބިވާނީ ކިހިނެއް ހެއްޔެވެ؟ އޭނަޔާ އެކުގައި ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކީ ޒުވާބުކުރާ މީހެއް ނޫނެވެ. ފިރިމީހާއަށް ރައްދުދޭނެ ހިތްވަރެއް އަހަރެންގެ ނުހުރެއެވެ. އޭގެ މާނައަކީ އަހަރެންގެ މޭގައި ހިތެއް ނެތެކޭ ނޫނެވެ. ހުވަފެންތަކެއް ނުދެކޭ ވާހަކައެއް ނޫނެވެ. އޯގާތެރިކަމާއި، އިހުތިރާމާއި، އެހީތެރިކަމަށް އަހަރެން ވެސް ކަރުހިއްކައެވެ. އަހަރެންގެ ރައްޓެހިންދެކެ އެ މީހުންގެ ފިރިން ކިހާ ލޯބިވާކަން އަހަންނަށް އެނގެއެވެ. އަހަރެންގެ ފިރިމީހާ ބަދަލެއްނުވާނެކަން ވެސް އެނގެއެވެ. ޒާމިރުގެ ވާހަކަ "ނޫހަކަށް" އަހަރެން ނާރުވަމެވެ. ރައްޓެހިން ގާތުގައި ފިރިމީހާ ބޭޒާރެއް ނުކުރަމެވެ. އެކަމަކު އަހަރެން މަޑުމަޑުން ބޭޒާރުވާން ފެށިއެވެ. ގިނަ ވަގުތު މާޔޫސްވެފައި، ނެގިމަޑުވެފައި ހުންނާތީއެވެ. އަހަރެންގެ ތުންފަތުން ހިނިތުންވުމެއް ނުފެންނާތީއެވެ. އަހަރެންގެ ހަށިގަނޑުގައި ނުފިލާ ރިހުމެއް ދެމިހުންނަކަމެއް އެހެން މީހަކަށް ނޭނގެއެވެ. އަހަރެންގެ ހިތް ބުނަން ފެށިއެވެ. ކޮންމެވެސް ކަމެއް ކުރަން އެބަޖެހެއެވެ. އެހެންނޫނީ އަހަރެން މޮޔަވެދާނެއެވެ.

މޫދުކަސްރަތު ކިލާހެއްގައި އަހަރެން ބައިވެރިވީމެވެ. އެ ކިލާހުގައި އުޅެނީ އަހަރެން އުމުރުގެ އަންހެނުންނެވެ. އެ ތަނަށް ދާންފެށުމުން ގައިގެ ރިހުން ކުޑަވިއެވެ. ހަށިގަނޑަށް ލުއިވެފައި ހިތްހަމަޖެހެން ފެށިއެވެ. އިތުރު އެކުވެރިން ލިބި، ބޭކާރު ފިކުރުތަކާ ދުރަށްދެވެން ފެށިއެވެ. ޒާމިރު ހިތްހަމައެއްނުޖެހުނެވެ. އެ ކިލާހަށް މަހުފީ ދައްކަންޖެހޭތީއެވެ. ހަރަދު ބޮޑުވާތީއެވެ. އޭގެ ބަދަލުގައި ހިނގަންދާން ޒާމިރު އެދުނެވެ.

"ބޭކާރު ހަރަދެއް ނުކުރެވޭނެ!" ޒާމިރު ވަރަށް ސާފުކޮށް ބުންޏެވެ. "އިސްރާފުކުރުމަކީ ދީނުގަ މަނާކޮށްފައޮންނަ ކަމެއް."

އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ ޒާމިރު ހިތުން އަހަރެންގެ އަނގަބަންދުވީއެވެ. ދީނީ ބޮޑުތަޅު އެޅުވުނީއެވެ.

"އަޅެ އަހަރެން ފޮނުވަބަލަ!" އާދޭހުގެ ރާގެއްގައި އަހަރެން ބުނީމެވެ. "ޒާމިރު ކުރާ ހަރަދުތަކަށް އަހަރެން އެއްޗެއް.."

"ފިރިމީހާޔާ ޖަދަލުކުރުމަކީ ކޮންކަހަލަ ކަމެއްކަން ނޭނގެނީތަ؟" ޒާމިރު ސުވާލުކުރިއެވެ. "އިންސާނަކަށް ސަޖިދަކުރަން އަންގަވާނެ ނަމަ ފިރިމީހާއަށް ސަޖިދަކުރަން އެންގެވީސް. ބިރެއްނުގަނޭތަ ތި ގޮތަށް ކަލަގޮވާ، ޒުވާބުކޮށްހަދާކަށް؟ ތިހެން އުޅޭ އަނބިންނަށް ވާގޮތް އެނގޭތަ؟"

ޒާމިރު ކޮންމެ ފަހަރަކު ވެސް އަހަރެންގެ އަނގަ ބަންދުކޮށްލަނީ އެ ކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް މީހުންގެ ނަޒަރުގައި ޒާމިރަކީ ފަސްމީރު ކުރިރުކެކެވެ. އެހާ ހެޔޮ ފިރިއެއް ލިބޭނީ ނަސީބުވެރިޔަކަށެވެ. މީހުންނަށް ފެންނަ ތަންތަނުގައި ޒާމިރަކީ މުޅީން އެހެން މީހެކެވެ. ބާޒާރުކުރަން ހިނގައްޖެއްޔާ އެންމެ ކޮތަޅެއް ވެސް އަހަރެން ހިފިޔަކަނުދޭނެއެވެ. ބުނި ކޮންމެ އެއްޗެއް ނަގައިދޭނެއެވެ. ކައުންޓަރަށް ގޮސް ފައިސާދައްކާ ހިސާބުން ޒާމިރުގެ ކުލަ ބަދަލުކޮށްލައެވެ. ނަގާނީ އަހަރެންގެ ކޭޝްކާޑެވެ. ދުވަހަކު ވެސް ޒާމިރުގެ ފައިސާއެއް އަހަންނަކަށް ހަރަދެއް ނުކުރެއެވެ. އޭނަ މަސައްކަތެއްކުރިޔަސް، އެ މަސައްކަތަކުން އުޖޫރައެއް ލިބުނަސް އެ ކަމުގެ އެއްވެސް މައުލޫމާތެއް އަހަންކަށް ނުދެއެވެ. ބާޒާރުކޮށް ނިމިގެން ސައިކަލަށް އަރަނިކޮށް ރައްޓެއްސަކު ފެނިއްޖެއްޔާ އަހަންނަށް ބާޒާރުކޮށްދޭ ވާހަކަ ބުނާނެއެވެ. ޒާމިރަކީ ރައްޓެހިން ގިނަ މީހެކެވެ. ކޮންމެ ރައްޓެއްސެއް ގާތުގައި ވަކިވަކިން އެ ވާހަކަ ބުނެއެވެ.

ޒާމިރުގެ އުފަންދުވަހު އަހަރެން ގަމީހެއް ގަނެދިނަސް، ވަރަށް ފަޚުރުވެރިކަމާ އެކުގައި އެ ވާހަކަ މީހުންނަށް ކިޔައިދެއެވެ. އަހަރެންގެ އުފަންދުވަހު އެކައްޗެއް ވެސް ނުގަނެދެއެވެ. ޒާމިރުގެ ނަޒަރުގައި މުސާރަލިބެނީ އަހަންނަށެވެ. ވީމާ، އަހަންނަށް އެއްޗެއް ގަނެދޭކަށް ޒާމިރަކަށް ނުޖެހޭނެއެވެ. ޒާމިރުގެ އެކުވެރިންގެ ހުރިހާ އަނބިންނަކީ ވެސް ގެވެހިއަނބިންނެވެ. އެކަކު ވެސް ވަޒީފާއަދާކުރާކަށް ނުދެއެވެ. ވަޒީފާއެއްގައި އުޅެނީ ޒާމިރުގެ އަންހެނުން އެކަންޏެވެ. އެއީ ޒާމިރު ފަޚުރެއްގެ ގޮތުގައި ދެކޭ ކަމެކެވެ. އިރުއިރުކޮޅާ އެކުވެރިންނަށް ހަނދާންކޮށްދޭ ކަމެކެވެ. އަހަރެންނަށް ވިސްނޭގޮތުގައި، ނޭވާހިނގަންޏާ އަހަރެން ވަޒީފާއަށް ނުކުންނަން ޖެހޭނެއެވެ. އެ ނޫން ދުވަހެއް ނާންނާނެއެވެ.

ދިރިއުޅުމުގެ ކަންތައް ދަނީ އަހަރެން ބޭނުންވި ގޮތަކަށް ނޫނެވެ. ވަޒީފާއިން ކެނޑެން އަހަރެން ވަރަށް ބޭނުމެވެ. ކުރިޔަށް ވުރެ ބޮޑަށް ދީނާ ކައިރިވާން ބޭނުމެވެ. ފިރިއެއްގެ ނަމުގައި އަހަންނަށް ލިބިފައިވަނީ ދަރިޔެކެވެ. އޭނައަށް ހަރަދުކުރުމަކީ އަހަރެންގެ ޒިންމާއެކެވެ. ހިތާމައަކީ ޒާމިރަކީ ކޮންކަހަލަ މީހެއްކަން ވެސް އަހަންނަށް ނިންމަން ނޭނގުނުކަމެވެ. ގޯސް ސިފައެއް ހުއްޓެއްކަމަކު ރަނގަޅު ސިފަތައް ވެސް ވަރަށް ގިނައެވެ. ޒާމިރުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ އޭނަ ސާބިތުކޮށްދޭން އެ އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ މީހުން ބުނެއެވެ. ގިނަ ދުވަހު ރައްޓެހިވެގެންއުޅުމަކީ އަނެކާ ދަސްވާކަމެކެވެ. އަހަރުމެންގެ ކައިވެންޏަށް ތިރީސް ތިން އަހަރު ފުރިއްޖެއެވެ. އަދިވެސް އަހަންނަކަށް ޒާމިރު ދަހެއްނުވިއެވެ. ކިތަންމެ ދެރަވިޔަސް އަހަރެން ޖެހޭނީ ކައިވެނި ދަމަހައްޓާށެވެ. ޒާމިރު ގާތުން ވަރިވާން އަހަންނަށް ހިތްވަރުދޭނެ ބަޔަކު ނެތެވެ. ވަރިވެގެން ގޮސް އަހަރެން ވަންނާނެ ތަނެއް ނެތެވެ. ޒުވާން އުމުރު ނަމަ އަހަރެންގެ ހިތްވަރާއި ސާބިތުކަން ހުރީހެވެ. ހަށިފޮޅައިލައިފައި ދިޔައީމުހެވެ. ދެނެއް އެހެނެއް ނޫޅެވޭނެއެވެ. އެންމެނަކީ އެހާ ހިތްވަރުގަދަ މީހުނެއް ނޫނެވެ. އަހަރެންގެ ގެ ހަލާކުވެގެންދިޔައީ އައި އެންމެ ސުނާމީއެއްގެ ސަބަބުންނެވެ. މިހާރު ކޮންމެ ދުވަހަކު ޖަޒުބާތުގެ އެތަކެއް ސުނާމީއެއް އަހަރެންގެ ހަޔާތަށް ބިންދާލައެވެ. ތެދުވާނެ ހިތްވަރު ނުލިބިފައި އަހަރެން އޮންނަމެވެ. އަހަރެން ހިތްވަރުކުރާނަމެވެ. ކެތްތެރިވާނަމެވެ.

ނިމުނީ