މޯމޯ

ބުދަ ދުވަހާ ގުޅޭ


އެއީ ރިފްޒާއަށް ކުރަން ނުކެރުނު ފުރަތަމަ ކަންތަކެވެ. މޯމޯ ވަރުގަދަ އިންޒާރެއް ދިނެވެ. ވަގުތުން އެ ކަން ކޮށްފައި ފޮޓޯ ފޮނުވުމަށެވެ. ރިފްޒާ އެއްޗެއް ނުބުނެ އިނެވެ. ދެން މޯމޯ ފޮނުވަން ފެށީ އަނިޔާވެރި ފޮޓޯތަކެކެވެ. އެއީ ނެޓުގެ އެތައްމިތަނުން އެއްކޮށްފައިވާ ފޮޓޯއެވެ. ކޮންމެ ފޮޓޯއެއްގައި ވެސް ހުންނަނީ މީހުންނަށް އަނިޔާވެފައެވެ. ބަލަން އުނދަގޫ، ހިތަށް ބިރުވެރިކަން ވަންނަ ކަހަލަ އަނިޔާއެވެ.

"އަހަރެން ބުނާ ކަމެއް ނުކޮށްފިއްޔާ މަންމައަށް ހަމަ މިހެން ހަދާލާނަން،" ޔަގީންކަމާ އެކުގައި މޯމޯ ބުންޏެވެ. "މީ ތި ގޮތަށް ބަސްނާހާ އުޅުނު ކުދިންގެ މައިންބަފައިންނަށް އަހަރެން ހަދާފަހުރި ގޮތްގޮތް. ބޭނުންތަ މަންމައަށް މިހެން ވާން؟"

"ނޫން!" ރިފްޒާ ލިޔުނެވެ. "އެހެންނަހަދާތި!"

"އެ ބާރު އޮތީ ރިފްޒާ އަތުގަ،" މޯމޯ ހަނދާންކޮށްދިނެވެ. "އިނގިއްޔަށް ތިނޯހެއް ހަރައިފައި ލޭ ފެނުނީމަ ފޮޓޯއެއް ފޮނުވާ! އަހަރެން މިހިރީ މަންމަ ކޮޓަރީގެ ކުޑަދޮރު ކައިރީގަ. މާ ލަސްވަންޏާ ކޮޓަރިއަށް ފުންމައިލައިގެން ގޮސް މަންމަ މަރާލާނީ."

ރިފްޒާ ތެޅިފޮޅިގަތެވެ. އެނދުން ފުންމައިލައިގެން ކޮޓަރިން ނުކުތެވެ. ބަރަންޏާއި ތިނޯސް ރައްކާކޮށްފައި ހުންނަ ތަނުން ތިނޯހެއް ހިފައިގެން އައެވެ. ހާސްވެފައި ހުރިވަރުން އިތުރަށް ވިސްނާކަށް ރިފްޒާ ބޭނުމެއް ނުވިއެވެ. އިނގިއްޔަށް ތިނޯސް ހަރައިލިއެވެ. ލޭއައުމުން ފޮޓޯނެގިއެވެ. އަވަހަށް މޯމޯއަށް ފޮޓޯ ފޮނުވައި މަންމަގެ ފުރާނަ ސަލާމަތްކުރިއެވެ.

"ހާދަހާ ބަސްއަހާ ކުއްޖެކޭ!" މޯމޯ އުފަލާ އެކުގައި ބުންޏެވެ.

ރިފްޒާއަކީ ނާސިހާގެ ދެމަފިރިންގެ ހަމައެކަނި ދަރިފުޅެވެ. ރައްޓެހިންގެ ގޭގެއަށް ވެސް ދަރިފުޅު ފޮނުވުމަކީ ނާސިހާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އިސްކޫލުން އައިއްސުރެ ރިފްޒާ ގޭގައި އުޅޭތީ ނާސިހާ ހީކުރީ އެ ގޮތް ވަރަށް ރައްކާތެރިކަމަށެވެ. ކަން ހިނގަމުންދިޔައީ ދިމާ އިދިކޮޅަށްކަމެއް ނާސިހާއަކަށް ނޭނގެއެވެ.

ރިފްޒާ އިސްކޫލަށް ގެންދަންވެގެން ނާސިހާ ތެޅިފޮޅުނު ދުވަހެކެވެ. ފަހަކަށް އައިސް ރިފްޒާ ތައްޔާރުކުރުމަކީ ނާސިހާއަށް ފަސޭހަކަމެއް ނޫނެވެ. އެއްވެސް ކަމެއް ރިފްޒާ އަމިއްލައަށް ކުރަން ބޭނުން ނުވާތީއެވެ. ކިޔެވުމަށް ރިފްޒާގެ ހުރި ޝައުގުވެރިކަން އިންތިހާއަށް ކުޑަވެފައި، ފިލާވަޅު ދަސްކުރާކަށް ވެސް ރިފްޒާ ބޭނުމެއް ނުވެއެވެ. އެ ދުވަހު ރިފްޒާގެ ގައިގައި ލޯޝަން ލަނިކޮށް އަނިޔާގެ ނިޝާނެއް ނާސިހާއަށް ފެނުނެވެ. ހީވަނީ އަތުގައި ތޫނު އެއްޗެއް އެޅިފައިހުރިހެންނެވެ.

"މީ ކިހިނެއްވެފަ؟" ނާސިހާ އެހިއެވެ.

"ނޭނގެ!" ވަގުތުން އަތް ދަމައިގެންފައި ބުންޏެވެ. "ދޮރުގަ އަޅައިގެންފަ ކަންނޭނގެ."

އެ ފަހަރަކު ނާސިހާ އަޅައެއްނުލައެވެ. އެހެން ދުވަހަކު އެނދުގައި ލޭ ހުއްޓައި ނާސިހާއަށް ފެނުނެވެ. ވަރަށް ކުޑަކޮށެވެ. ރިފްޒާގެ ހެދުންތައް ތަރުތީބުކުރި ދުވަހެއްގައި ރިފްޒާގެ އަލަމާރި ތެރެއިން އައިޕެޑް ފެނުނެވެ. ރިފްޒާ ދުވަހަކު ވެސް އަލަމާރިއަކަށް އައިޕެޑެއް ނުލައެވެ. ނާސިހާ އައިޕެޑް ހުޅުވައިލިއެވެ. އައިޕެޑްގައި ވަނީ ފާސްބަހެއް ޖަހައިފައެވެ. ނާސިހާ ހިތަށްއެރިއެވެ. އެއީ ކީއްވެގެން ރިފްޒާ ކުރި ކަމެއްބާއެވެ؟ ދެން ހިތަށްއެރިއެވެ. ދަރިން ބޮޑުވަމުން އަންނައިރު އެ ކަހަލަ ކަންތައްތައް ކުރާނެއެވެ. ނާސިހާއަށް ހީވާ ދެ ފާސްބަހެއް ޖެހިއެވެ. ދެވަނަ ފާސްބަހުން އައިޕެޑް ހުޅުވުނެވެ. ނާސިހާ ގާތަށް ލާނެތް ހިންޏެއް އައެވެ. ކޮންމެހެން އައިޕެޑްގައި ހުރިއެއްޗެއް ނުބަލައެވެ. އެއްވެސް މިންވަރަކަށް ޝައްކު ނުކުރެވޭތީއެވެ. ނާސިހާ ދެކޭގޮތުގައި ރިފްޒާއަކީ ހުރިހާ ކަމެއް ނާސިހާއާ ހިއްސާކުރާ ކުއްޖެކެވެ. ނާސިހާ ގާތުގައި ނުދެއްކޭނެ އެއްވެސް ވާހަކައެއް ރިފްޒާއަކަށް ނޯންނާނެއެވެ. ދެމައިން ދެމެދުގައި އެހައި ވެސް ގުޅުން ރަނގަޅެވެ. ނާސިހާ ފަދަ ކިތަންމެ މައިންނެއް އެ ފަދަ ކުށްހީކުރެއެވެ.

ވިއްސާރަ ރެއެކެވެ. ނާސިހާއާއި ނަދީމް ތިބީ ބޮޑުކޮޓަރީގައި ޓީވީ ބަލާށެވެ. އެ މީހުން ހިތުން ރިފްޒާ އޮތީ ނިދާފައެވެ. ގަޑިން އެގާރަޖަހަނީއެވެ. ރިފްޒާ އިނީ މޯމޯއާ ވާހަކަދައްކާށެވެ. އެ ރެއަކީ އާދަޔާޚިލާފު މަސައްކަތެއް ރިފްޒާއަށް ނިންމަންޖެހިފައިވާ ރެއެކެވެ. ރިފްޒާ އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިންއިރު، ކައިރީގައި ކުޑަ ކޮތަޅެއް ހުއްޓެވެ. އެ ކޮތަޅުގައި ހުރީ ބޭހެވެ. އާންމުކޮށް ޖެހޭ ރޯގާބަލިތަކަށް ފަރުވާ ލިބޭ އެތައް ބޭހެއް އެ ކޮތަޅުގައި ހުއްޓެވެ. އެ ކޮތަޅަކީ ނަދީމް ބަލަހައްޓާ ކޮތަޅެކެވެ. ބޭހުގެ މުއްދަތު ހަމަވުމުން އާ ބޭސް ގަތުމާއި، ހުސްވާ ބޭސް އަލުން ގަތުމަކީ ވެސް ނަދީމް ކުރާ ކަމެކެވެ. ބޭސްކޮތަޅު އޮންނަނީ އަންނައުނު ލާ އަލަމާރީގެ ވަކި ހާއްސަ ވަތްގަނޑެއްގައެވެ. މޯމޯގެ ލަފާގެމަތިން އެ ކޮތަޅު ރިފްޒާ ނެގިކަމެއް އެކަކަށް ވެސް ނޭނގެއެވެ.

"ތައްޔާރު؟" މޯމޯ އެހިއެވެ. "ފެން އެބަހުރި؟"

"އާނ!" ރިފްޒާ ޖަވާބުގައި ބުންޏެވެ.

"ވަރިހަމަ ކޮންމެ ބޭހެއް ވިޔަސް،" މޯމޯ ބުންޏެވެ. "ފަހަރަކު ދެ ގުޅަ. ޖުމުލަ ވިހި ގުޅަ ކާންޖެހޭނެ. ފަށާ!"

ކުޅިވަރުގެ "ޗެލެންޖާ" ރިފްޒާ ކުރިމަތިލިއެވެ. ނިދާ ބޭހާއި، ބޮލުގައިރިއްސާތީ ކާ ބޭހާއި، ތަދުކަނޑުވާ ވަރަށް ބާރުގަދަ ބޭހެއް ވެސް އޭގައި ހުއްޓެވެ. ބައެއް ބޭހުގެ މުއްދަތު ހުރީ ހަމަވެފައެވެ. ނާސިހާއާއި ނަދީމް ނިދަން ކޮޓަރިއަށް ވަންއިރު ގަޑިން ދަންވަރު އެކެއްޖަހައިފިއެވެ. ކޮޓަރިއަށް ވަދެފައި ނާސިހާ ހިތަށްއެރިއެވެ. ރިފްޒާ ކޮޓަރި ބަލައިލަންވާނެއެވެ. އެއީ އާންމުކޮށް ނާސިހާ ކުރާކަމެކެވެ. ރިފްޒާ ކޮޓަރީގެ ދޮރު ހުޅުވައިލިއިރު ރިފްޒާ އޮތީ "ނިދައިފައެވެ." ވީމާ ނާސިހާ ބޮކި ނިއްވައިލައިފައި ދޮރު ލައްޕައިލީއެވެ.

ޖެހިގެންއައި ދުވަހު ނާސިހާއަކަށް ދަރިފުޅު ނުހޭލެއްވުނެވެ. ރިފްޒާ އޮތީ އެއަށް ވުރެ މާ ފުން ނިންޖަކުން ނިދައިފައެވެ. ކައިރީގައި ބޭސްކޮތަޅު ހުއްޓެވެ. ނާސިހާ އަޑުގެކޮޅަށް ރޮއިގަތެވެ. އެ އަޑަށް ނަދީމް ދުވެފައި އައެވެ. އެކަމަކު ވަގުތު ފާއިތުވެއްޖެއެވެ. ރޮއިރޮއިފައި ރިފްޒާއަށް ނާސިހާ ގޮވިއެވެ. ތަޅުވައިހެދިއެވެ. ކުޑަ އިރުކޮޅެއް ތެރޭގައި އެމްބިލާންސާއި، ފުލުހުން ވެސް އައެވެ. އެހެންނަމަވެސް ރިފްޒާގެ ފިނިވެފައިވާ ހަށިގަނޑު ޖަވާބެއް ނުދިނެވެ. އެންމެންގެ ހިތުގައި ވެސް އުފެދުނީ އެއް ސުވާލެކެވެ. އުމުރުން އެންމެ ބާރަ އަހަރުގެ ކުއްޖަކު ބޭސްތަކެއް ކައިގެން މަރުވާންޖެހުނީ ކީއްވެގެން ހެއްޔެވެ؟

ނޫސްތަކާއި އާންމުންގެ ބޮޑު ސުވާލަށް ޖަވާބުލިބުނީ ރިފްޒާ މަރުވިތާ ތިންވަނައަށް ވީ ދުވަހުއެވެ. ރިފްޒާގެ ކުރަހާ ފޮތް ނާސިހާއަށް ފެނުމުންނެވެ. ފުލުހުންގެ އެދުމަކަށް ރިފްޒާގެ އައިޕެޑް ނާސިހާ ހުޅުވައިދިނުމުންނެވެ. ރިފްޒާއަކީ "މޯމޯ ޗެލެންޖު" ސިކާރަކުރި ފުރަތަމަ ދިވެއްސެވެ. ޗެޓުގައި މޯމޯއާއި ރިފްޒާއާ ދެމެދު ކުރެވިފައިވާ މުއާމަލާތުތަކަށް ބަލައިލުމުން ތިކިތައް ގުޅުވައިލާކަށް އެހައި އުނދަގުލެއް ނޫނެވެ. ނަދީމާއި ނާސިހާއަށް ވެސް ދަސްވީ އެއް ފިލާވަޅެކެވެ. ރިފްޒާގެ ދިރިއުޅުން ތަންކޮޅެއް ގާތުން ބެލުނު ނަމަ އޭނަ ދުނިޔޭގައި ހުރީހެވެ. ރިފްޒާ ވާހަކަދައްކައިފައިވާ ނަންބަރަށް ނަދީމް ގުޅިއެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ.

"މީ ހަމަ މަގޭ ފަރުވާކުޑަކަމުން ވީގޮތް." ނަދީމާ ހަތަރުކަޅި ހަމަކުރަން ނުކެރިފައިއިން ނާސިހާ ބުންޏެވެ.

"ތިހެން ނުބުނޭ!" ހިތްދަތި އަޑަކުން ނަދީމް ބުންޏެވެ. "އަހަރުމެން ދެމީހުން ޒިންމާވާންޖެހޭނީ. އަހަރުމެން ހީކުރީ އަހަރުމެންގެ ދަރިފުޅަކަށް މި ކަހަލަ ކަމެއް ދިމައެއްނުވާނޭ."

ނާސިހާ އެއްޗެއް ނުބުނެއެވެ. އޮހޮރެމުންދިޔަ ކަރުނަ ފުހެލައިކަށް ވެސް ނާސިހާ ބޭނުމެއް ނޫނެވެ. ކިތަންމެ ވަރަކަށް ފުހުނަސް ދަރިފުޅުގެ ހަނދާންތައް ނުފުހެވޭނެކަން ނާސިހާއަށް އެނގެއެވެ. ނާސިހާ ހިތަށްއެރިއެވެ. ރިފްޒާ ބުނި ހުރިހާ އެއްޗެއް ގަބޫލުނުކުރެވުނު ނަމައެވެ. ބިރުގަންނަވައިފައިވުމުން ބައެއް ވާހަކަ ރިފްޒާ ސިއްރުކުރާނެކަން ނާސިހާ ވިސްނުނު ނަމައެވެ.

ހާދިސާ ހިނގިގޮތް ނޫސްތަކުގައިޖެހުމުން ވަރަށް ގިނަ މީހުން ޚިޔާލުފާޅުކޮށްފައި ހުއްޓެވެ.

"ދަރިފުޅު ޓެބުން ކުރަނީ ކީއްތޯބަލަން ޖެހޭ،" އެކަކު ބުނެފައި އޮތެވެ. "ވާހަކަދައްކަނީ ކާކާތޯ، ދައްކާނީ ކޮން ވާހަކައެއްތޯ ބަލައިލުމަކީ ވަރަށް ފަސޭހަކަމެއް. ޝައްކުވާ ސައިޓުތައް ނުބެލޭ ގޮތް ހަދަންޖެހޭނެ. ޕޭރަންޓަލް ކޮންޓުރޯލު ވެސް ލެވޭނެ."

"އެ ވަރުން ވެސް މޯމޯ އެޓޭކެއް ކޮށްފާނެ،" އެހެން މީހަކު ބުނެފައި އޮތެވެ. "އެންމެ ސޭފްގޮތަކީ ކުދިން ހޭލުންތެރިކުރުވުން. ކަންކަން ކިޔައިދިނުން. ދެރަކަމެއް ދިމާވަންދެން ބަލަން ނުހުރެ ކުރީބައިގަ ޖެހޭނެ ފިޔަވަޅުއަޅަން. ދަރިފުޅާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރަންވީ."

ރިފްޒާ އަލުން ނާންނާނެކަން ނާސިހާއަށް އެނގެއެވެ. އެހެންނަމަވެސް އާންމުން ހޭލުންތެރިކުރަން ނާސިހާ ކަންތައްތަކެއް ކުރިއެވެ. ވައިބާ ގުރޫޕަކާއި، އެފްބީ ޕޭޖެއް ހެދިއެވެ. ލިބުނު ތަޖުރިބާ ހިއްސާކުރިއެވެ. ނާސިހާ ދެކޭގޮތުގައި، ކިތަންމެ އަވަދިނެތިކޮށް މަސައްކަތުގައި އުޅުނު ނަމަވެސް ގެއަށް އައިސް ދަރިފުޅާ ވާހަކަދައްކަން ޖެހޭނެއެވެ. ކަންބޮޑުވެ ހާސްވާކަމެއް އޮތްތޯ ސުވާލުކުރާށެވެ. ނުރައްކަލެއް ކުރިމަތިވެގެން އުޅޭ ނަމަ އެހީތެރިވާނެކަން ދަރިންނަށް ހަނދާންކޮށްދޭށެވެ. ދަރިފުޅާ ބެހޭގޮތުން ޓީޗަރާ މަޝްވަރާކުރާށެވެ. ކިރިޔާ ވެސް ޝައްކެއްވަންޏާ އަޅާނުލާ ނުހުންނާށެވެ. ކުދިންނަށް ވިސްނައިދޭންވީ ނުދަންނަ އެއްވެސް ނަންބަރެއް ފޯނުގައި ރައްކާނުކުރުމަށެވެ. ނުދަންނަ ނަންބަރުން ކުޅިވަރެއްކުޅެން ދައުވަތުދޭ ނަމަ ގަބޫލުނުކުރުމަށެވެ. މޯމޯ ޗެލެންޖު ފަދަ މަޅިއެއްގައި ދަރިފުޅު ޖެހުމުން ފެންނާނެ ބައެއް އަލާމާތްތައް ވެސް ނާސިހާ ބުނެދީފައި ހުއްޓެވެ.

"ގެންގުޅޭ ޓެބު ނޫނީ ފޯނު ދަރިފުޅު ނުދައްކަން އުޅޭކަން ފާހަގަކުރެވޭނެ،" އެފްބީގައި ނާސިހާ ލިޔެފައި އޮތެވެ. "ސޯޝަލްމީޑިޔާގަ ހޭދަކުރާ ވަގުތު ކުއްލިއަކަށް ގިނަވާނެ. އެހެން މީހަކު އަންނައިރަށް ފޯނު ނޫނީ ޓެބު ފޮރުވުމާ، ބަލަންއިންނަ އެއްޗެއް ބަދަލުކޮށްލުން ކަހަލަ ކަންތައް ކުރާނެ. އިންޓަނެޓުގަ ވަގުތު ހޭދަކޮށްފަ ނޫނީ ފޯނާ ކުޅެ ނިންމާ ވަގުތު ވަރަށް ރުޅިގަދަވާނެ. އެހެންނޫނީ އެކަހެރިވާނެ. ނުދަންނަ ފޯނު ނަންބަރާ، ނުދަންނަ ނަމާ ކުއްލިއަކަށް ގިނަވެފަ ހުއްޓާ ފެންނާނެ. އޭގެ ހަގީގަތް ހޯދާ! ދަންނަ ނަމެއްގަ ވެސް ނުދަންނަ ނަންބަރެއް ރައްކާކޮށްފަ އޮވެދާނެ. ވިސްނުންތެރިކަމާ އެކީގަ ކުރިމަތިލާ! އެހެން ކުއްޖަކު އެ ކަހަލަ އެއްޗެއްގަ ބައިވެރިވެގެންއުޅޭ ވާހަކަ ދަރިފުޅު ބުނެފިއްޔާ އެ ކުއްޖެއްގެ މައިންބަފައިންނަށް ނާންގާ ނުހުރޭ!"

ރިފްޒާގެ ފަޅުކަން ނާސިހާއާއި ނަދީމަށް އަބަދުވެސް އިހުސާސްކުރެވޭނެއެވެ. އެހެންނަމަވެސް، އެ ވާހަކަ އެހެން މީހުންނާ ހިއްސާކުރުމުން އެ މަޅީގައި ޖެހިފައިތިބި އެތައް ކުދިންނެއް ސަލާމަތްކުރެވުނެވެ. ނާސިހާގެ ނަޒަރުގައި ރިފްޒާއަކީ ބޭކާރުގޮތުގައި މަރުވެގެންދިޔަ ކުއްޖެއް ނޫނެވެ. އެ މަރުގެ ސަބަބުން އެތައް ކުދިންނަކަށް ދިރުން ލިބިއްޖެއެވެ. އެތައް ބަޔެއްގެ ލޮލުން ކަރުނަ ފުހެދެވިއްޖެއެވެ. ރިފްޒާއަށް ޓަކައި ހެޔޮ ދުއާކުރާ މީހުން މިއަދު ގިނަވާނެކަން ނާސިހާއަށް ޔަގީނެވެ.

ނިމުނީ