ހީ

އަހަރެން ބޭނުމީ ދުނިޔެ ވަށައި ބުރެއްޖަހައިލަން ދާށެވެ. އެއީ އަހަރެންގެ އިސްކޮޅަށް ނުތަކާ ވަރުގެ ހުވަފެނެއް ކަމުގައި ވަނީ ނަމަ ޔޫރަޕަށް ބުރެއްޖަހައިލެވުނަސް ފުދޭނެއެވެ. ބޭނުންވަނީ ތަންތަން ބަލައިލައި، ފޮޓޯނަގައި އިންސްޓަގްރާމް ކޮށްލާށެވެ. އުމުރުން ނަވާރަ އަހަރުގެ އަހަރެން ކަހަލަ އަންހެންކުއްޖަކަށް އެ ވަރުން ފުދޭނެއެވެ. އެކަމަކު އޭޝިޔާ ބަލައިލަން ވެސް ނުދެވުނެވެ. ވަޒީފާއަކަށް ވަންނަން ބައްޕަ އެންގިއެވެ. ހިތަށްއެރިއެވެ. އެ ގޮތް ގޯހެއް ނޫނެވެ. ފައިސާކޮޅެއް ރައްކާކުރެވިއްޖެއްޔާ އަހަރެންގެ ހުވަފެން ހަގީގަތަކަށް ހެދޭނެއެވެ. އެހެން މީހަކަށް ބަރޯސާވާކަށް ނުޖެހޭނެއެވެ.


އޮފީހަކަށް ވަނީމެވެ. ވަޒީފާއަދާކުރާހިތް ވެގެނެއް ނޫނެވެ. ވަކި ހާއްސަ މަގުސަދެއް އޮތީމައެވެ. އޮފީހަކީ އަހަންނަށް އާ މާހައުލެކެވެ. އާ ތަޖުރިބާއެކެވެ. މީހުންގެ ތެރެއަށް ނުނިކުމެ ގޭގައި އިން އަހަންނަށް ކޮންމެ ދުވަހަކު އާ ކަމެއް ދަސްވިއެވެ. މަތީ މަގާމެއް ބޭނުމިއްޔާ ސިޔާސީ ޕާޓީއަކާ ގުޅޭށެވެ. ވެރިންގެ ރުހުން ހޯދަންޏާ މޮޅަށް ވާހަކަދައްކަން ދަސްކުރާށެވެ. އާ ރައްޓެހިން ލިބުނެވެ. ފިރިންނަށް މަކަރުހަދާ އަނބިންނެވެ. އަނބިންނަށް ކެހިދޭ ފިރިންނެވެ. އެ ހުރިހާ މީހުންގެ ތެރެއިން ވެސް އަހަންނަށް އެންމެ އުނދަގޫ ބޮޑުވި މީހަކީ މައުޒިމެވެ.

މައުޒިމް މަސައްކަތްކުރަނީ އަހަރެންގެ ޑިޕާޓުމަންޓުގައެވެ. އަހަރެން ގޮނޑީގައި އިންނައިރު، ކޮންޕިއުޓަރުގެ ސީޕީޔޫއާއި މޮނީޓަރުގެ ދޭތެރެއިން މައުޒިމް ރީތިކޮށް ފެނެއެވެ. މޮނީޓަރާ ދިމާއަށް އަހަރެން ބަލަން އިނދެފައި، ހަމައެކަނި ކަޅި ހިންގައިލިޔަސް މައުޒިމް ޖަހާ ހުރިހާ ސަކަރާތެއް އަހަންނަށް ފެނެއެވެ. އެކަމަކު މައުޒިމަކީ އަހަރެން ކުޑަކޮށް ވެސް ގަޔާވާ މީހެއް ނޫނެވެ. ފުރަތަމަ ކަމަކަށް އޭނަގެ ނަން ވެސް އަހަންނަކަށް ކަމަކުނުދިޔައެވެ. އެ ނަން ކިޔަން އުނދަގޫވެގެން އެ ނަމުގެ މާނަ ވެސް ބެލުނެވެ. މާނައަކީ ދެ ފަރުބަދަ ދެމެދުގައިވާ ހަނި މަގެވެ. އެއީ ނަމެއްބާއޭ ހިތަށްއެރިއެވެ. ދެ ފަރުބަދަ ދެމެދުގައިވާ ހަނި މަގާއި، ދެ ކޮނޑު ދޭތެރެއިން ފަޅާފައިވާ ދިގު ބޮލަށް ކިޔާ ނަންނަން މީހުންނަށް ކިޔާ ހެއްޔެވެ؟ އޭނަގެ އުމުރުން ބާވީސް އަހަރެވެ. އެހެންނަމަވެސް އޭނަ އުޅެނީ މާ ދޮށީ މީހަކަށް ހެދިގެންނެވެ. ރީތި ބަހުރުވައިން ދިވެހިން ވާހަކަދައްކައިފައި، ބޮޑެތި ލަފުޒުތައް ބޭނުންކޮށްފައި، ހަރުބަސްތައް ވެސް ކިޔައެވެ. ޒުވާން މުވައްޒަފުންނާ އެކުގައި ސަޔަކަށް ނުދެއެވެ. އޭނަ އަންނަނީ ކާއެއްޗެހި ހިފައިގެންނެވެ. ބަންގިގޮވާއިރަށް ނަމާދަށް ދެއެވެ.

ފުރަތަމަ މަހުގެ މުސާރަ ލިބުނެވެ. މުސާރަ އެކުގައި ގެނެސް މަންމައަށް ދިނީމެވެ. މަންމަ އެއަކު ނުހިފިއެވެ. މަންމަ ބޭނުންވަނީ އަހަރެން ހޯދި ފައިސާއިން އަހަރެން ބޭނުން ކަމެއް ކުރާށެވެ. މަންމަގެ ގެ ހަދައިފައި ކުއްޔަށްދީފައި ހުރުމުން، ފުދިފައި ބާކީވާ ވަރަށް މަންމަ އަތުގައި ފައިސާ ހުރެއެވެ. ފައިސާ ޖަމާކުރަން އަނެއްކާ އޭޓީއެމަށް ނުދާންވެގެން ސިޓީއުރަ ހިފައިގެން ކޮޓަރިއަށް ވަނީމެވެ. އެނދުގެ ބާލީސް ދަށަށް ސިޓީއުރަ ކޮއްޕައިލައިފައި އަހަރެން ވަނީ ފާހާނާއަށެވެ.

މުސާރަމަތިން އަހަރެން ހަނދާންވީ ދެ ދުވަހެއް ފަހުންނެވެ. އޮފީހުގައި އިންދައެވެ. ދެން ހިތަށްއެރިއެވެ. ގެއަށް ގޮސް އެ ކަމާ އުޅޭނީއެވެ. އެ ދަނޑިވަޅު މައުޒިމް ވަނެވެ. އަހަރެން ބަލަން އިނީމެވެ. ކޮންމެހެން ބަލާހިތަކުން ނޫނެވެ. އެކަމަކު އޭނަ ކުރާނެ ފޫހި ކަންތައްތައް ހިތަށްއަރައިފައި ބަލަން އިނދެވުނީއެވެ. މައުޒިމް ގޮސް އޭނަގެ މޭޒު ކައިރިއަށް ހުއްޓުނެވެ. ތަރުތީބުވެގެން ގޮސް ހައްދުފަހަނައަޅައިފައިވާ މޭޒުމަތި އިތުރަށް ތަރުތީބުކޮށްލިއެވެ. މައުޒިމަކީ ސައުވީސް ގަޑިއިރު ރުޅިއައިސްފައި ހުންނަ މީހެކެވެ. ކޮންކަމަކާ ހެއްޔެވެ؟ ގޮނޑީގައި އިށީނުމުގެ ކުރިން ޓިޝޫއަކުން މައުޒިމް ގޮނޑި ފުހެލިއެވެ. ހިތަށްއެރިއެވެ. އެހާ ދެއްކުންތެރިވާކަށް ނުޖެހެއެވެ. އެންމެ ފަހުން އެ ތަނުގައި ނީނދެވިގެން އަހަރެން ނުކުތީމެވެ. އޭރު ޖީޒާއާއި އަސްމާ ދޮރުކައިރީގައި ތިއްބެވެ. އަހަރުމެން ދިޔައީ އޮފީހުގެ ކެންޓީނަށެވެ.

"މި ތަނަށް މިހާރު ވަދެވޭ ވަރެއް ނޫން،" ހިތްހަމަނުޖެހިފައި ޖީޒާ ބުންޏެވެ. "މަސްރޮށީގަ މަސްކޮޅެއް ނުހުރޭ! ގުޅަތައް ކުދިވެއްޖެ! ހަރާމުންހަރާން ލާ ރަހައެއް. ކުރިން ކިހާ ސަޅި."

"އެނގޭތަ؟ ކުރީ ދުވަހު އަހަރެން ތި ވާހަކަދައްކަން ފެށީމަ އެ އުޅޭ މައުޒިމް އައިސް މަށަށް ހެޓަކަށް ދީފި،" އަސްމާ ފޫހިވެފައި ބުންޏެވެ. "އެކަމަކު އޭނައަށް ކީއް؟ މާ މާތް މީހަކަށް ހެދިގެން އުޅޭނީ. އަނިޔާކުރާ ވަރުން އޭނަޔާ ރައްޓިވާނެ ބިޓެއް ނުލިބިގެން އުޅޭ މީހެކޭ އެއީ."

އަހަންނަށް ލިބުނީ ޝޮކެކެވެ. މައުޒިމަކީ އަޑު ބަރު މީހެކެވެ. އޭނަގެ އަޑުގައި ހަރުކަށި ގޮތެއް ހުރެއެވެ. އަސްމާ ބުނި އެއްޗަކާ ގުޅިގެން އަހަރެން އެހެން ހަނދާނެއް ވެސް ވިއެވެ. މައުޒިމްގެ ފޯނުގެ ވޯލްޕޭޕަރަކަށް ވެސް ބޭނުންކޮށްފައި ހުންނަނީ ވަރަށް ގަދަފަދަ އެއްޗެއްސެވެ. ކަށްބޮލެކެވެ. ނިޔަފަތި ދިގު އަތެކެވެ. ނޫނީ ތިލައިގައި ކުރެހުންއަޅައިފައި ހުންނަ ކަނޑިއެކެވެ.

"އެއީ ހަމަ ސައިކޯއެއް،" ޖީޒާ ބުންޏެވެ. "އެހާ ރުޅިގަދަވާނެ. ދުވަހަކު މީހަކަށް ކޮފީތަށްޓެއްހާ ހިސާބު ދިއްކޮށްނުލާނެ. ނައިސްކޮށް ވާހަކައެއް ނުދައްކާނެ. ސްމައިލްކޮށެއް ނުލާނެ. އެހާ ދަހިވާނެ."

އަހަރުމެން ވާހަކަދައްކަން ތިއްބައި މައުޒިމް އޮފީހުން ނުކުމެގެން ގޮސް ސައިކަލަށްއެރިތަން ފެނުނެވެ. ސައިކަލު ނައްޓައިލީ ކައިރީގައި ހުރި ބައިސްކަލުގައި ޖައްސައި ވައްޓައިލައިފައެވެ. ދެނަހުރިކަމަށް ވެސް ނަހަދައެވެ. އެ ދުވަހަކީ މައުޒިމްގެ އުނދަގޫ އަހަންނަށް ބޮޑުވި ދުވަހެކެވެ. އަހަރެން ގެއަށްދާން ނުކުތްއިރު މައުޒިމްގެ ސައިކަލު ބަހައްޓައިފައި ހުރީ އަހަރެންގެ ސައިކަލު ނުނެރެވޭނެހެން ކުރިމައްޗަށް ހުރަސްކޮށްފައެވެ. އެތައް އިރަކު މަސައްކަތްކުރުމަށް ފަހު ކާމިޔާބު ނުވެގެން އަހަރެން ޖެހުނީ އޮފީހުން އެހެން މީހެއްގެ އެހީ ހޯދާށެވެ. އޭރު އަހަރެން ހުރީ ދާހިތްލައި ފޯވެއެވެ.

ގެއަށް ވަންއިރު ވެސް އަހަރެންގެ ދެ ކަންފަތުން ދުންއެރުމެއް ނުހުއްޓެއެވެ. އެ މަންޒަރު ފުރަތަމަ ފެނުނީ މަންމައަށެވެ.

"ކާންވީނު!" މަންމަ ވަރަށް އޯގާތެރިކަމާ އެކުގައި ބުންޏެވެ.

"ނެތް ކާހިތެއް." ހަރުކަށި ރާގެއްގައި އަހަރެން ބުނީމެވެ.

އަހަރެން ދިޔަ ބާރުމިނުގައި ދަނިކޮށް އަހަރެންގެ އަތުގައި މަންމަ ހިފޭއްޓިއެވެ.

"ބަލަބަލަބަލަ!" މަންމަ ބުންޏެވެ. "ހާދަހާ ދޮންބޮޑުވެފަ؟ ކިހިނެއްތަވީ؟"

ރުޅިއައިސްފައި ހުރިވަރުން އަހަންނަކަށް ޖަވާބެއް ނުދެވުނެވެ. ފުރަތަމަ އަހަރެން ޖެހުނީ ކޮންމެވެސް އެއްޗެއް ކާށެވެ. ބަނޑުފުރުމުން ދޮންމަޑުވިއެވެ.

"އޮފީހުގަ އުޅޭ ފޫހި މީހާގަނޑެއް،" އަހަރެންނަކަށް މާ ބޮޑު ތަފުސީލެއް ނުދެވުނެވެ. "ހިތަށްއަރާ ކަރުގަހިފާފާނަމޭ! ބޭނުމެއް ނޫން އޭނަގެ ވާހަކަދައްކާކަށް ވެސް."

މަންމަޔާ ވާހަކަދައްކަން އިންދައި މުސާރަ ސިޓީއުރަމަތިން ހަނދާންވިއެވެ. އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. ބާލީހުގެ ދަށް ބަލައިލީމެވެ. ސިޓީއުރައެއް ނެތެވެ. އަހަންނަށް ވިސްނުނީ އެންމެ ނުބައި ގޮތަށެވެ. ކޮންމެވެސް މީހަކު އަހަރެންގެ މުސާރަ ވަގަށްނެގީއެވެ. ކާކު ހެއްޔެވެ؟ ގޭގައި ތަންތަން ސާފުކުރަން ބިދޭސީއަކު ގެންގުޅެއެވެ. ބައްޕަގެ ރައްޓެއްސެއްގެ ފިރިހެން ދަރިއެއް ކިޔަވަން ބަހައްޓައިފައި ހުރެއެވެ. އޭގެ އިތުރަށް، އެ ދުވަސްކޮޅު ގޭގައި މަންމަގެ ކޮއްކޮއެއް ވެސް ހުއްޓެވެ. އަހަރެން މަންމައަށް ވީގޮތް ކިޔައިދިނީމެވެ.

"ގެއްލިއްޖޭ؟" މަންމަ ބުންޏެވެ. "ދެން އެހެނެއްނުވާނެ ދަރިފުޅާ! ދޭބަލަ އަލުން ބަލަން."

"މަންމާ!" އަހަރެން ބުނީމެވެ. "ތަންދޮށަށް ވެއްޓުނީކަމަށް ހީކޮށް ގޮދަޑި ހިއްލައިގެން ވެސް ބަލައިފިން. ނެތް."

"ދަރިފުޅު އޭސީން ފިނިނުވާ ވާހަކަ ބުނީމަ އެ ކަން ބަލަން ވެސް މިއަދު މީހަކު ގެނައިން،" މަންމަ ބުންޏެވެ. "ނޭނގޭނެއްނު ދަރިފުޅު ބާލީސްދަށުގަ އެ ކަހަލަ އެއްޗެއް ބާއްވާނެކަމެއް."

ގޭގެ އުޅޭ މީހުންނާ ސުވާލުކުރުމުގެ ކުރިން ބައްޕައާ މަޝްވަރާކުރަން މަންމަ ބޭނުންވިއެވެ. ބައްޕަގެ ވަރަށް ގާތް ރައްޓެއްސަކު ހޮސްޕިޓަލުގައި ބާއްވައިގެން ހަތަރުދަމު ބައްޕަ އުޅުނީ ހޮސްޕިޓަލުގައެވެ. ގެއަށް އައީ ހެނދުނުއެވެ. އެ ދަނޑިވަޅުގައި އިތުރު ޝޮކެއް ބައްޕައަށް ދޭކަށް މަންމައަކަށް ނުކެރުނެވެ.

އަހަރެން އޮފީހަށް ދިޔައިރު ހުރީ ބޮލުގަރިއްސައިފައެވެ. ރަނގަޅަކަށް ސަޔެއް ނުބޮވުނެވެ. ސައިކަލު ޕާކުކުރަން ދިޔައިރު ހުސްކޮށް ހުރީ އެންމެ ތަންކޮޅެކެވެ. ދެ ސައިކަލެއް ޕާކުކުރެވޭހާ ޖާގަ އެ ތަނުގައި ހުއްޓެވެ. އަހަރެން އެ ދިމާއަށް ދަނިކޮށް މައުޒިމް ގޮސް އެ ތަނުގައި ސައިކަލު ޕާކުކުރިއެވެ. އައި ރުޅިން އަހަރެން ދެފަޅިނުވީ ކިރިޔާއެވެ. މައުޒިމް ސައިކަލު ހުއްޓައިފައި ފޯނާ ކުޅެން ސައިކަލުމަތީގައި އިނީއެވެ. އަހަރެން ތަންކޮޅެއް ކަންފަސޭހަކޮށް ސައިކަލު ވައްދައިލިތަނާ މައުޒިމްގެ ސައިކަލުގެ ފަހަތު ނަންބަރު ބޯޑުގައި ސައިކަލުގެ ކޮންމެވެސް ތަނެއް އަޅައިގެންފައި ނަންބަރު ބޯޑުގެ ބޮޑުބަޔެއް ބިންދައިގެންދިޔައެވެ. އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. އެކަމަކު ނަންބަރު ބޯޑު އަލުން ތަތެއްނުވިއެވެ.

"އެއްވެސް ކަމެއް ނޫން އެއްވެސް ކަމެއް ނޫން!" މައުޒިމް ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އާ ޔޫ އޯކޭ؟"

ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. އެއަށް ވުރެ ބޮޑުކަމަކަށްވީ އެ ދަތި ދޭތެރޭގައި ސައިކަލު ޕާކުކޮށްފައި ނުކުތުމެވެ. މައުޒިމް ސައިކަލުން ފޭބިއެވެ. އަހަންނަށް ޖާގަހަދައިދިނެވެ. އަހަރެންގެ ސައިކަލު ޕާކުކޮށްދިނީ ވެސް މައުޒިމެވެ.

"ސޮރީ! ބޮލުގަރިއްސާވަރުން.." އަހަންނަށް ބުނެވުނެވެ.

"އެއީ އެއްވެސް ކަމެއް ނޫނެއްނު! ދުވާލަކު ދެ ފަހަރު ބިންދައިގެންދާ އެއްޗެއް އެއީ،" ޗޮކެއްކަނޑައިފައި މައުޒިމް ބުންޏެވެ. "ހިނގާ ކެންޓީނަށް ކޮފީއެއް ބޯލަން. އޭރުން ބޮލުގަރިހުން ރަނގަޅުވެދާނެ."

އެއީ އަހަރެން ހީކުރި މައުޒިމެއް ނޫނެވެ. އެހެން މީހުން އަހަންނަށް ދަސްކޮށްދީފައިވާ މައުޒިމެއް ވެސް ނޫނެވެ. ކާޑުޖަހައިފައި އަހަރުމެން ދެ މީހުން ދިޔައީ ކެންޓީނަށެވެ. މައުޒިމްހާ ހިތްހެޔޮ މީހެއް އަހަރެންގެ މުޅި ހަޔާތުގައި ވެސް ދިމާނުވެއެވެ. ވާހަކަދެއްކުން އެހާ މަޑުމައިތިރިއެވެ. އަހަރެން އިށީންނަން ގޮނޑިދަމައިދިނެވެ. ފެންއަޅައިދިނެވެ. ހުއްޓައިނުލައި ވާހަކަދެއްކިއެވެ. ހަގީގީ މައުޒިމަކީ އެއީއެވެ. ކުރިން އަހަންނަށް ކުރެވުނީ ހީއެކެވެ. އިރުކޮޅެއް ނުވެ ބޮލުގަރިހުން ކެނޑުނެވެ. އެ ވަގުތު މަންމަގެ ފޯނުކޯލެއް އައެވެ.

"ސިޓީއުރަ އެބައޮތް އަލަމާރީގަ،" މަންމަ ބުންޏެވެ. "އެ ވާހަކަ ބުނެލީ."

މިހާރު އަހަންނާއި މައުޒިމަކީ ގާތް ދެ އެކުވެރިންނެވެ. ކިބުރުވެރިކަމާއި ބޮޑާކަމަކީ މައުޒިމް ދަންނަ އެއްޗެއް ނޫނެވެ. އަޑު ކިތަންމެ ބަރަސް، ބާރަށް އެއްޗެހި ބުނުމަކީ މައުޒިމްގެ މިޒާޖެއް ނޫނެވެ. މިހާރު އަހަންނަށް އެނގެއެވެ. އަމިއްލަ ދެ ލޯ ބައެއް ފަހަރު ކެހިދެއެވެ. އެހެން ބައެއްގެ ލޮލުން މީހަކަށް ބަލާކަށް ނުވާނެއެވެ. އެއީ ކުރެވޭ މޮޔަކަމެކެވެ.

ނިމުނީ