ވިންޑޯޒް ފޯނުތައް ދޫކޮށްލަން ސެމްސަންގް އިން ބުނެފި

ގެލަކްސީ ނޯޓް 7ގެ ސަބަބުން ސެމްސަންގަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި، އާ ކަސްޓަމަރުން ހޯދުމަކީ އެ ކުންފުނިން ކުރާ ކަމެއް ނޫނެވެ. އެ މީހުން ބުނަނީ އެހެންނެވެ. އެކަމަކު މި ކުރާ ކަމަކުން އެއީ ރަނގަޅު ވާހަކައެއްތޯ ސުވާލު އުފެދެ އެވެ.


ސެމްސަންގް "ސްމާޓް ސްވިޗް" އެޕްލިކޭޝަނަށް އެ ކުންފުނިން ބަދަލުތަކެއް އެބަ ގެނެ އެވެ. ބޭނުމަކީ ދެން ހުރިހައި ފޯނެއް ދޫކޮށް، ސެމްސަންގް ފޯނުތަކަށް ބަދަލުވާން އެދޭ މީހަކަށް ފަސޭހަކޮށްދިނުމެވެ. އެއީ އެޕަލް މީހުން ބޭނުންކުރާ "މޫވް ޓް އައިއޯއެސް" ކަހަލަ އެޕްލިކޭޝަނެކެވެ.

ސްމާޓް ސްވިޗް އެޕްލިކޭޝަނަށް ގެންނަ ބަދަލުތައް ރައްދުވަނީ ވިންޑޯޒް ފޯނުތަކަށެވެ. ވިންޑޯޒް ފޯނެއް ބޭނުންކުރާ ނަމަ ދޫކޮށްފައި "އަވަހަށް އަންނާށޭ" ސެމްސަންގުން ބުނާ ކަހަލަ އެވެ. ވިންޑޯޒް ފޯނުތަކަށް ވުރެ ސެމްސަންގް ފޯނުތައް މާ ބޮޑަށް ވެސް ފަސޭހަ އެވެ.

ވިންޑޯޒް ފޯނަށް ހިތްޖެހިފައި މީހަކު ހުރި ނަމަ އެހީތެރިވާން ސެމްސަންގުން ޝައުގުވެރިވެ އެވެ. ވަގުތު ނަގާނުލައި، ސްމާޓް ސްވިޗްގެ ބޭނުންހިފަން އެދެ އެވެ. ވިންޑޯޒް ފޯނުގައި ހުރި ނަމަ ހުރިހާ އެއްޗެއް، ކޮންޓެކްޓް، ފޮޓޯ، ވީޑިއޯ، "ޕްރޮފައިލް ތީމް" އަދި ކަލަންޑަރު ފަދަ ހުރިހާ ފަސޭހައެއް، ސެމްސަންގް ފޯނަކަށް ބަދަލުކުރަން ސްމާޓް ސްވިޗް އެހީތެރިވެދެ އެވެ.

ވިންޑޯޒް ފޯނަށް ކުރިމަގެއް ނެތެވެ. މައިކްރޮސޮފްޓުން އެ ޕްރޮޖެކްޓް ހުއްޓައެއް ވެސް ނުލަ އެވެ. ވިންޑޯޒް ފޯން ދިރުވުމަށްޓަކައި ކުރެވޭހައި ވެސް އުންމީދަކީ ސާފަސް ފޯނަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކެވެ. އާ ނަމަކުން އަދި އާ ފެށުމަކުން ފެށުމަކީ ސްމާޓްފޯނެއް ވައިގައި ހިފާނެ ސަބަބެއް ނޫންކަން މައިކްރޮސޮފްޓަށް ވުރެ ބޮޑަށް އެހެން ބަޔަކަށް ނޭނގޭނެ އެވެ.

ސެމްސަންގުން ބޭނުންވަނީ ފުރުސަތުގެ ބޭނުންހިފައި، ވިންޑޯޒް ފޯނުތައް ހިފަހައްޓައިގެން ތިބިހާ ބަޔަކު ގެލަކްސީ އާއިލާ އަށް ނިސްބަތްކުރުވުމެވެ.