ޓްވީޓްތައް އެޑިޓްކުރެވޭ ގޮތް ހަދާނެ ކަމުގެ އިޝާރާތެއް ދީފި

މަޝްހޫރު ސޯޝަލް ނެޓްވޯކް ޓްވިޓާގައި އެންމެ ބޮޑު އެއް ބިރަކީ ޓްވީޓެއް ކުރުމަށް ފަހު އެއަށް ބަދަލެއް ނުގެނެވުމެވެ. ޓްވީޓް ފޮނުވާލާ ފަހުން އެއިން ކުށެއް ފެނިގެން ނުވަތަ އެހެން ސަބަބަކާ ހުރެ ވެސް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ އޮތް ގޮތަކީ ޓްވީޓް ޑިލީޓްކޮށްލުމެވެ. އެހެންވެ ޓްވިޓާ އަށް "އެޑިޓް" ބަޓަނެއް ތައާރަފްކުރުމަކީ އެތައް ބަޔަކު އެދެމުން އަންނަ ކަމެކެވެ.


ޓްވިޓާ އަށް އެކި ގޮތްގޮތުން މައްސަލަތައް ކުރިމަތިވެފައި ވަނިކޮށް އެ ކުންފުނީގެ ސީއީއޯ ޖެކް ޑޯސީ އެޑިޓް ބަޓަނާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފި އެވެ. ޓްވިޓާ ބޭނުންކުރާ އެތައް ބައެއްގެ އެދުމާ އެއްގޮތަށް، ޓްވީޓެއް ކުރުމަށް ފަހު ވެސް އެ ޓްވީޓް އެޑިޓްކުރެވޭ ގޮތް ހެދުމަކީ ކުރަންޖެހޭ ކަމެއް ކަމަށް، ޓްވިޓާގައި މީހުން ކުރި ސުވާލުތަކެއްގެ ޖަވާބުގައި ޑޯސީ ވިދާޅުވެފައިވެ އެވެ.

ޑޯސީ ވިދާޅުވީ ޓްވިޓާ އަށް އެޑިޓް ބަޓަނެއް ބޭނުންވާ ކަމަށާއި އެހެންވެ އެކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ވިސްނަވާނެ ކަމަށެވެ.

ޓްވިޓާގެ އަހުލުވެރިން މި އަހަރަށް ބޭނުންވާ ކަންކަމާ ބެހޭ ގޮތުން ޑޯސީ ސުވާލުކުރެއްވުމުން ވެސް އެތައް ބަޔަކު ވަނީ، ޓްވީޓް ފޮނުވުމަށް ފަހު އެއަށް ބަދަލު ގެނެވޭނެ ގޮތެއް ބޭނުންވާ ކަމަށް ބުނެފަ އެވެ.

"އެންމެ މުހިންމީ ސްޕެލިން މިސްޓޭކް ރަނގަޅުކޮށްލެވޭ ގޮތަށް އޮތުންތަ؟ ހެދިފައިވާ ގޯހެއް ރަނގަޅު ކުރުމަށް ފަސް މިނެޓްގެ ވަގުތެއް ދިނުން ނުވަތަ ކޮންމެ ވަގުތަކު ވެސް އެޑިޓް ކުރެވޭ ގޮތަށް އޮތުންތައް؟" ޑޯސީ ސުވާލުކުރައްވާފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ މިކަމާ މެދު ވަރަށް ބޮޑަށް ވިސްނަމުން އަންނަ ކަމަށެވެ. މި ވާހަކަތައް ޓްވިޓާގައި ދެއްކެވި އިރު ޑޯސީ އަށް ވެސް ވަނީ ބައެއް ގޯސްތައް ހެއްދެވިގެން ބައެއް ޓްވީޓްތައް ޑިލީޓްކޮށްލަން ޖެހިފަ އެވެ.

ޓްވިޓާގެ ނުފޫޒު އެކި ދާއިރާތަކުގައި ވަރުގަދަ ނަމަވެސް ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދު މަދުވުމުގެ މައްސަލައާ ހެދި ކުންފުނީގެ އާމްދަނީ އަށް ނޭދެވޭ އަސަރުކުރުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެހެންވެ އާންމުން އެދޭ ބޮޑެތި ބަދަލުތަކެއް މި އަހަރު ޓްވިޓާއިން ފެނިދާނެ ކަމަށް ބެލެވެ އެވެ.