އައިފޯނަށް މައިކްރޮ އެސްޑީ ސްލޮޓެއް ބޭނުންވޭތަ؟

މައިކްރޮ އެސްޑީ ކާޑު ބޭނުންކުރެވޭ ގޮތް ހެދުމަކުން އައިފޯނު ބޭނުންކުރާ މީހުން ވަކި ގިނަވާނެ ކަމަކަށް ނުފެނެ އެވެ. ބޭނުންކުރާ މީހުން ގިނަވާނޭ ބުނެވޭނީ އެއީ ވާދަވެރި ފޯނުތަކުގައި ނެތް އެއްޗެއް ނަމަ އެވެ. އައިފޯނަށް މައިކްރޮ އެސްޑީ ކާޑު ލެއްވޭ ގޮތް ވުމަކީ މިހާރު ވެސް އެ މަރުކާ އަށް ލޯބިކުރާ މީހުންނަށް ބޮޑު އުފަލަކަށް ވާނެ އެވެ.


އައިފޯނު ބޭނުންކުރާ މީހުން އައިފޯނު ގަންނަނީ އޭގައި ވަކި ފީޗާއެއް ހުރުމަކުން ނޫނެވެ. އައިފޯނު ދެކެ ވާ ލޯތްބަކުންނެވެ. އެޕަލްގެ އުފެއްދުންތައް ހަރުދަނާ ކަމަށް ގަބޫލުކުރެވެތީ އެވެ.

އެޕަލް އިން ކޮންމެ އައިފޯނެއްގައި ވެސް ކޮންމެވެސް މޮޅެއް ހިމަނަ އެވެ. އެކަމަކު އެއީ ބޭނުންކުރާ މީހުން އިތުރުވާ މައިގަނޑު ސަބަބެއް ނޫނެވެ. އޭގައި ބާރުގަދަ ކެމެރާއެއް އިނުމަކުން އައިފޯނަށް ބަދަލުވާ މީހުން ގިނައެއް ނުވެ އެވެ. އެކަމަކު ފުރަތަމަ ދުވަހެކޭ އެއްގޮތަށް އަބަދު ވެސް ފޯނު މަސައްކަތްކުރާނެކަން ތަޖުރިބާކުރެވިފައި ވާތީ އައިފޯނު ބޭނުންކުރުމުގައި ދެމި ތިބެނީ އެވެ. އައިފޯނު އަލަށް ބޭނުންކުރަން ފަށާ މީހުންނަށް ވެސް އޮންނަ އެންމެ ބޮޑު ޔަގީން ކަމަކީ އެއީ ހަރުދަނާ ބަޔަކު އުފައްދާ ދެމެހެއްޓެނިވި އާލާތެއްކަން އެނގުމެވެ.

އައިފޯނުގައި މައިކްރޮ އެސްޑީ ކާޑް ސްލޮޓެއް ނެތިގެން ބަޔަކު ނޫޅެ އެވެ. އެޕަލް ވެސް އެކަން ކުރަން އުޅޭ ކަމަކަށް ނުބުނެ އެވެ. ބުނާނެ ކަމަކަށް ނުވެސް ފެނެ އެވެ. ހަމަ ގައިމު ވެސް ކައިރި މުސްތަގުބަލެއްގައި އެ ކަމެއް ނުކުރާނެ އެވެ. ސަބަބަކީ މައިކްރޮ އެސްޑީ ކާޑަކަށް ބޭނުން ނުޖެހޭ ވަރަށް އައިފޯނުގެ ޖާގަ އިތުރުކޮށްފައި ވުމެވެ.

މައިކްރޮ އެސްޑީ ކާޑު ލެއްވޭ ގޮތަށް އައިފޯނު ޑިޒައިން ނުކުރާނެ އަނެއް ސަބަބަކީ އެޕަލުން ބޭނުންވާ ހަރުދަނާކަށް ގެއްލިދާނެ ކަމަށް އޮންނަ ބިރެވެ. އެސްޑީ ކާޑު ލެއްވޭ ގޮތް ހެދުމަށް އޮޕަރޭޓިން ސިސްޓަމަށް ބަދަލުތަކެއް ގެންނަން ޖެހެ އެވެ. ފޯނު ބޭނުންކުރާ މީހާ އަށް ވެސް އިޚުތިޔާރުތަކެއް ދޭން ޖެހެ އެވެ. އެއީ ބޭނުން ފައިލްއެއް ބޭނުން ތަނަކަށް ބަދަލުކޮށް، "ޑިލީޓް"ކޮށް އަދި އެ ފައިލެއް ނައްތާލުމަށް ބޭނުންވާ ބާރުތަކެވެ.

އައިފޯނު އެ އޮންނަ ސައްހަކަމުގައި އެޕަލް އެޕް ސްޓޯރު ނޫން ތަނަކުން އެޕްލިކޭޝަނެއް ވެސް ނޭޅެ އެވެ. އެންޑްރޮއިޑް ފޮނުތަކުގައި ބޭނުން ތަނަކުން "އޭޕީކޭ" ފައިލްތައް ހޯދައި އިންސްޓޯލްކުރެވުނު ނަމަވެސް، އައިފޯނު ބޭނުންކުރާ މީހުންނަށް އެކަހަލަ ކަމެއް ނުކުރެވެ އެވެ. އެ ހާލަތުގައި އައިފޯނު އޮތްއިރު، މައިކްރޮ އެސްޑީ ކާޑު ސްލޮޓެއް އައިފޯނާ ހަމަ އަށް ގެންނާނެހެން ހިއެއް ނުވެ އެވެ. އައިފޯނު ބޭނުންކުރާ މީހުން އިތުރުކުރުމަށް އެޕަލުން އެކަމެއް ނުކުރާނެ އެވެ. އެހެންވެ، މި ދެއްކުނީ ނުދައްކާ ވާހަކައެކެވެ.