"ޖެއްސުންކުރާތީ" ކުއަލްކޮމް ގޮވައިގެން އެޕަލް ކޯޓަށް

އައިފޯނު ބޭނުންކުރާ މީހުން ދޭތެރެ ދޭތެރެއިން ކުރާ ޝަކުވާއެކެވެ. އައިފޯނުގެ ވަކި މޮޑެލެއްގެ އަޑު ސާފުވެފައި ބައެއް މޮޑެލްތަކުން ކޯލްކުރަން އުނދަގޫވުމެވެ. ވާ ގޮތެެއް ނޭނގެ އެވެ.


އެކަން މެދުވެރިވާ ސަބަބު މި ކިޔައިދެނީ އެވެ. ވިޔަފާރި ބައިވެރިން ގޮވައިގެން އެޕަލުން ކޯޓަށް ދާ ސަބަބަށް ވެސް އަލިއަޅުވާލާނަމެވެ.

އައިފޯނު އައިފޯނަކަށް ވަނީ "ސްޓޭންޑާާޑް"ތަކެއް ދަމަހައްޓައިގެންނެވެ. އޭގައި ހިމަނާ ކޮންމެ ޓެކްނޮލޮޖީ އަކީ އެޕަލް އިން އުފައްދާ އެއްޗެއް ނޫނެވެ. ބެޓެރީގައި ހިމަނަން އެ ކުންފުނިން އެދޭ ޓެކްނޮލޮޖީއެއް އެހެން ބައެއްގެ އެއްޗަކަށް ވެދާނެ އެވެ. ކެމެރާ، ޓަޗްޕެޑް އަދި އައިފޯނުގައި ހިމެނޭ ގިނަ ޓެކްނޮލޮޖީގެ ވެރި ފަރާތަކީ ކޮންމެވެސް އެހެން ބައެއް ކަމަށް ވެސް ވެދާނެ އެވެ.

އައިފޯނުގެ ބައެއް މޮޑެލްތަކުގައި ކުއަލްކޮމުން އުފައްދާ "ޖީއެސްއެމް/ސީޑިއެމްއޭ" މޯޑެމް ބޭނުންކުރެ އެވެ. ބައެއް މޮޑެލްތަކުގައި އިންޓެލްގެ މޯޑެމް ވެސް ބޭނުންކުރެ އެވެ. ފެންވަރު ރަނގަޅު މޮޑެލްތަކުގައި ބޭނުންކުރަނީ ކުއަލްކޮމް މޯޑެމް އެވެ. އައިފޯނުގެ ބައެއް މޮޑެލްތަކުން ކުރާ ކޯލްތަކުގެ ފެންވަރު ރަނގަޅުވާ ސަބަބަކީ މިއީ އެވެ.

ކުއަލްކޮމް މޯޑެމްތައް ހިމަނާ އައިފޯނުތައް އާންމުކޮށް ބޭނުންކުރަނީ އެމެރިކާގަ އެވެ. އެހެން ނަމަވެސް ފެކްޓަރީން "އަންލޮކް"ކޮށްފައި ހުންނަ ބައެއް ފޯނުތައް ބައްރުތަކުގައި ބޭނުންކުރެ އެވެ. ގައުމުތަކުގައި އޮޕަރޭޓަރުންގެ ފެންވަރު ހުންނަ މިންވަރަކުން ތަފާތު މޮޑެލްތަކަށް ޚިދުމަތް ދޭތީ އެވެ.

އައިފޯނުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުއަލްކޮމްގެ މޯޑެމްތައް ބޭނުންކުރާ ނިސްބަތް އެޕަލުން އިތުރުކުރެ އެވެ. މުޅި ދުނިޔެ ޝާމިލްވާ ގޮތައް އެކަން ކުރަން ވެސް ބޭނުންވެ އެވެ. ހިނގައި ނުގަނެގެން އުޅެނީ ކުއަލްކޮމުން އެޕަލް އަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ނަގާ ލައިސަންސް ފީ ބޮޑުކުރާތީ އެވެ.

އެންމެފަހުން ކުއަލްކޮމް ގޮވައިގެން އެޕަލް ކޯޓަށް ހިނގައްޖެ އެވެ. މައްސަލަ އަކީ "ރޯޔަލްޓީ" ފީ ބޮޑުކުރުމެވެ. އެޕަލް އިން ބުނާ ގޮތުގައި ކުއަލްކޮމް އަށް އެއްޗަކަށް ނުވާ ޓެކްނޮލޮޖީ އަކަށް ވެސް އެހައި ބޮޑު އަދަދުތަކުން ފީ ނަގަ އެވެ. އެކަން މިހާރު ވެފައި ވަނީ އެޕަލް އަށް ކުރާ ޖެއްސުމަކަށް ކަމަށް އެޕަލުން ދެކެ އެވެ.

އައިފޯނުގައި އެޕަލް "ޓަޗްއައިޑީ" ހިމަނައިފި އެވެ. ޑިސްޕްލޭ ވަރުގަދަކޮށްފި އެވެ. ހޯމް ބަޓަނަށް އިންގިލާބެއް ވެސް ގެނެސްފި އެވެ. އެ ހުރިހައި މޮޅަކާ އެކު ވެސް އައިފޯނު ވިއްކައިގެން ލިބޭ ފައިދާ ނިސްބަތުން ދަށްވާ ސަބަބަކީ، ކުއަލްމުން ފޯރުކޮށްދޭ ޓެކްނޮލޮޖީތަކަށް ނަގާ ލައިސަންސް ފީ ބޮޑުކުރުން ކަމަށް އެޕަލް އިން ބުނެ އެވެ.

އެޕަލް އެ ކުރަނީ ކުޑަ ކުދިން ކުރާ ކަހަލަ ޝަކުވާއެއް ކަމަށް ކުއަލްކޮމުން ބުނެ އެވެ. އެއީ ފުލެއް، ބިތެއް އަދި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ކުއަލްކޮމުން ބުނެ އެވެ. ކުއަލްކޮމުން ބުނި ގޮތުގައި އެ މީހުން ތިބީ އެޕަލުން ކޯޓުގައި ދައްކާ ވާހަކަތައް އަޑުއަހާލަން އެ ތަނަށް ދާހިތުން ކެތް މަދުވެފައި ކަމަށެވެ.