ގޫގުލް ޕިކްސެލް 2 ގައި ހެޑްފޯނު ޖެކެއް ނީންނާނެ

ކަންތަކާ ޖެހުނީ އެވެ. އެޕަލް ފަހަތުން ގޫގުލް ދުވަން ފެށީ އެވެ. ދެން ފެންނާނީ ބާކީ ތިބި މީހުން ގޫގުލް ފަހަތުން ދުވާ ތަނެވެ.


ގޫގުލް ޕިކްސެލް 2 ގައި 3.5އެމްއެމް ހެޑްފޯނު ޖެކް ނީންނާނެ ކަމަށް ބުނެވެން ފަށައިފި އެވެ. އައިފޯނު ހަތަކުން ހެޑްފޯނު ޖެކް ނައްތާލުން ގިނަ ބަޔަކަށް ވީ ހެއްވާ އަދި ބައެއް މީހުންނަށް ކޮސްކަމަކަށެވެ. އެކަމަކު އެ ކަމަށް އަތްފަރިތަވެ، އުޅެން އެނގުމުން ބޮޑު ފަސޭހައަކަށް ނޫނީ ނުވާނެ އެވެ.

ޕިކްސެލް 2 އިން ހެޑްފޯނު ޖެކް ނައްތާލަނީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ. މިއީ އަދި ތުންތުންމަތިން ދެކެވޭ ވާހަކައެއް ނަމަވެސް، ސްމާޓްފޯން ކުންފުނިތައް އެޕަލް ފަހަތުން ދުވުމަކީ އާ ކަމެއް ނޫނެވެ. ޓެކްނޮލޮޖީ މަސްރަހުގައި އެޕަލް އަކީ އުފައްދާ ކުންފުންޏެވެ. އެކަން ވަނީ ކޮޕީކުރާ ކުންފުނިތަކަށް ބޮޑު ފަސޭހައަކަށެވެ.

އެޕަލްއާ ބައިވެރިވުމުގެ ގޮތުން ނޫން ނަމަވެސް ގޫގުލުން ހެޑްފޯން ޖެކް ނައްތާލައިފި ނަމަ، ލަސްތަކެއް ނުވެ އެ ފެޝަނަށް ކުންފުނިތައް ހިންގަން ފަށާނެ އެވެ. އެންމެން އެއް ގޮތަކަށް ޑިޒައިންކުރަން ފެށުމުން، ރީތިވެ މޮޅު އެއްޗަކަށް ވެ އެވެ. ސްމާޓްފޯނުތަކުން ހެޑްފޯން ޖެކް ނައްތާލުމުން، ވުން ގާތީ ވެސް މި ބުނި ކަހަލަ ކަމަކާ އެވެ.

ޕިކްސެލް 2 އަށް ވަޔަލެސް ހެޑްފޯނެއް ދީފާނެ ކަމަށް ވެސް ބެލެވެ އެވެ. ގޫގުލުން "އިންޓަނެޓް އޮފް ތިންގްސް" ތަރައްގީކުރަން، ކުރާ މަސައްކަތުގައި ޕިކްސެލް ސްމާޓްފޯނުގެ ދައުރު ފުޅާކުރުވުމަކީ ވެސް ކޮށްފާނެ ކަމެކެވެ.