ސެމްސަންގުން ނޯޓް 7 އަލުން ބާޒާރަށް ނެރެފާނެ

ބެޓެރީގެ މައްސަލަޔަކުން ހޫނުވެ އަލިފާން ރޯވާ މައްސަލާގައި ސެމްސަންގުން ވިއްކުން ހުއްޓާލި ނޯޓް 7ގެ 2.5 މިލިއަން ފޯނު މަރާމާތަށް ފަހު އަލުން ބާޒާރަށް ނެރެން އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފި އެވެ.


ސެމްސަންގާ ހަވާލާދީ ބީބީސީން ބުނީ ފޯނު ވިއްކާ ގައުމުތަކުގެ އިދާރާތަކުން ހުއްދަ ލިބި އަދި ފޯނު ކުންފުނިތަކުން އެ ފޯނު ސަޕްލައިކުރަން އެއްބަސްވާ ނަމަ ނޯޓް 7 އަލުން ބާޒާރަށް ނެރޭނެ ކަމަށެވެ.

ތިމާވެށީގެ ހިމާޔަތަށް ކެމްޕޭނުކުރާ ގްރީންޕީސް އާއި އެހެން ބައެއް ޖަމާއަތްތަކުން ދަނީ ސެމްސަންގުން ވިއްކުން ހުއްޓާލި ފޯނުތަކާ މެދު އަމަލުކުރާނެ ގޮތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް އަމަލުކުރުމަށް ގޮވާލަމުންނެވެ.

ފޯނުތަކުގައި ރޯވީ ބެޓެރީގެ މައްސަލަޔަކުން ކަމަށް ތަހުގީގަށް އެނގިފައި ވާއިރު އެކަން ރަނގަޅުކޮށް ފޯނުތައް އަލުން ވިއްކަން ފެށުމުގެ އިތުރުން އެހެން ގޮތްތަކެއް ވެސް ސެމްސަންގުން ވަނީ ހުށަހަޅައިފަ އެވެ. އެއީ ބޭނުންކުރެވޭ ބައިތައް ވަކިން ނެގުން ނުވަތަ ހާޑްވެއާގަައި ބޭނުންކޮށްފައި ހުންނަ ޕްރިޝަސް މެޓަލްސް ކަމަށްވާ (ރަނާއި ރިއްސާއި ޕްލެޓިނަމް ފަދަ މައުދަންތައް) ނެގުމެވެ.

ސެމްސަންގުގެ މި ހުށަހެޅުންތަކަށް ގްރީންޕީސް އިން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ސެމްސަންގުން އެ ކުންފުނީގެ އާ ފޯނެއް މާދަމާ ނެރޭނެ އެވެ. އެ ކުންފުނިން ބުނެފައި ވަނީ މިއީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ފޯނަކަށް ވާނެ ކަމަށެވެ.