ގެލަކްސީ ނޯޓް 8: މި ވަގުތަށް އެނގެން ހުރި މިންވަރު

ސުވާލަކީ ގެލަކްސީ ނޯޓް 8 ސެމްސަންގުން ނެރޭނެ ހެއްޔެވެ؟ ނެރޭނެ ކަމަށް ބާރުދޭ ހެކިތަކެއް އެބަ ހުއްޓެވެ. ފުރަތަމަ ހެއްކަކީ ޚަބަރުތައް ލީކުކުރާ މީހުންގެ އަތުން ސޮއްސައިގެންދާ ޓްވީޓްތަކެވެ. ނޯޓް 8 އަށް ޕޮއިންޓްކުރާ ފާހަގަތަކާއި، ކުލަތަކާއި، ލަފުޒުތައް އަދި އަދަދުތަކެވެ.


ސެމްސަންގް ގެލަކްސީ "އަޕްގްރޭޑް" ޕްރޮގްރާމްގައި ނޯޓް 8 ލިސްޓްކޮށްފައި އެބަ އޮތެވެ. މާނަ އަކީ ނޯޓް 8 އުފެއްދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ތާވަލުކުރެވި ކުރިއަށްދާ ކަމެވެ.

ގެލަކްސީ ނޯޓް 8 ނެރޭނެ ވަކި ތާރީޚެއް ކަނޑައަޅަން ނޭނގުނު ނަމަވެސް، ބާރުގަދަ ފޯނުތައް ނެރުމުގައި ސެމްސަންގުން އަމަލުކުރާ އުސޫލުތަކެއް އެބަ ހުއްޓެވެ. އެއިން އުސޫލަކަށް ބުރަވެ ބުނާ ނަމަ، ގެލަކްސީ ނޯޓް 8 ނެރޭނެ ކަމަށް ބެލެވެނީ މި އަހަރު ފަހުކޮޅު އެވެ. ހެކި މި އޮތީ އެވެ.

ސެމްސަންގުން ގެލަކްސީ ނޯޓް 4 ނެރުނީ އޮކްޓޯބަރު މަހެއްގަ އެވެ. ނޯޓް 5، އޯގަސްޓްގަ އެވެ. ގެލަކްސީ ނޯޓް 6 ނުއުފައްދަ އެވެ. ނޯޓް 7، ފާއިތުވި އަހަރު ސެޕްޓެމްބަރުގަ އެވެ.

ގެލަކްސީ ނޯޓް 8: ޚަބަރު ލީކުކުރަން މަޝްހޫރު މީހުން ނޯޓް 8 އާ ބެހޭ ގޮތުން ޓްވީޓާގައި

ގެލަކްސީ ނޯޓް 8 ނުއުފައްދާނެ ކަމަށް ބުނާ މީހުން ދައްކާ ވާހަކަތަކެއް ވެސް އެބަ ހުއްޓެވެ. ނޯޓް ހަތަކާ ހެދި ގަތް ލަދެއްގެ ބޮޑުކަމުން، ނޯޓް 8 އުފައްދާހާ ހިތްވަރު ސެމްސަންގެ ކިބައިގައި ނެތެވެ. ދެން ނޯޓް މަރުކާގެ ޒަމާން ދިޔައީ އެވެ. އޭގެ ބަދަލުގައި ސެމްސަންގުން އުފައްދާނީ އެހެން ބްރޭންޑެއްގެ ފޯނުތަކެއް ކަމަށް ވެސް ބުނެ އެވެ. ދެ ކޮޅަށް ދައްކާ ވާހަކަ ދެ ކޮޅަށް އަޅައި ކިރާލުމުން ނިކުންނަ ނަތީޖާ ވެސް ބުރަވަނީ، ނޯޓް 8 އުފައްދާނެ ކަމަށެވެ.

ސެމްސަންގުން ނޯޓް 8 އެބަ އުފައްދަ އެވެ. އުފެއްދުމުގެ މަރުހަލާގައި އެ ފޯނަށް ނިސްބަތްކުރަނީ ކޯޑު ނަމަކުންނެވެ. އެއީ "ބައިކަލް" އެވެ.

ގެލަކްސީ ނޯޓް 8: ނޯޓް އަށަކާ ބެހޭ ގޮތުން ޓްވީޓާގައި

ބައިކަލް އަކީ ސައިބީރީގައި އޮންނަ ކޯރަކަށް ކިޔާ ނަމެކެވެ. އެއީ ބުނެވޭ ގޮތުގައި، ދުނިޔޭގައި އޮތް އެންމެ ފުން ކޯރެވެ. މާނަ އަކީ ނޯޓް 8 އަށް ގަދަފަދަ ބާރުތަކެއް ދެވިފައިވާ ކަމެވެ. ސްމާޓްފޯނަކަށް މިހާތަނަށް ދީފައި ނެތް ވަރުގެ ސްމާޓްކަމެއް، ނޯޓް 8 ދެވޭނެ ކަމެވެ. ފަހަރެއްގައި އަލިފާން ނުހިފާ ފޯނަކަށް ވެސް ވެދާނެ އެވެ.