އައިއޯއެސް 10.3 އަށް އަޕްޑޭޓްކުރުމުން ޖާގަ އިތުރުވޭ

ތިޔަ އުޅެނީ އައިފޯނުގެ ޖާގަ ފުރި ފޮޓޯގަނޑެއް ވެސް ނެގޭނެ ގޮތެއް ނެތިގެން ނަމަ އަވަހަށް އައިއޯއެސް 10.3 އަށް އަޕްޑޭޓްކުރާށެވެ. އައިފޯނާއި އައިޕެޑަށް އެންމެ ފަހުން ދިން އައިއޯއެސް އަޕްޑޭޓުން ހައްލެއް ލިބިދާނެ އެވެ.


އައިއޯއެސް 10.3 އަށް އަޕްޑޭޓްކުރުމުން ސްޓޯރޭޖަށް ބަދަލުތަކެއް އާދެ އެވެ. އެކަމަކު 128ޖީބީ ފޯނެއް، އައިއޯއެސް 10.3 އަށް އަޕްޑޭޓްކުރުމަކުން، އެ އަށް ވުރެ ސްޓޯރޭޖް އިތުރެއް ނުވެ އެވެ. އަދި 256ޖީބީ ވެސް، އެ އަށް ވުރެ ސްޓޯރޭޖް އިތުރެއް ނުވެ އެވެ. އެކަމަކު، އޮޕަރޭޓިން ސިސްޓަމަށާއި އެޕްލިކޭޝަންތަކަށް ސްޓޯރޭޖުން ކުރިން ނެގި ޖާގަ ކުޑަވެ އެވެ. އެހެންވެ، ބޭނުންކުރަން ލިބޭ ޖާގަ އިތުރުވަނީ އެވެ.

މިސާލަކަށް 256ޖީބީ ފޯނެކެވެ. ފޮށިން ނަގައި ބޭނުންކުރަން ފަށާއިރު ފޯނުގެ ޖާގަ އަކީ 248.5ޖީބީ އެވެ. ބާކީ ހުރި ކަމަށް ދައްކަނީ 75.45ޖީބީ އެވެ. އެކަމަކު އައިއޯއެސް 10.3 އަށް އަޕްޑޭޓްކުރުމުން ފޯނުގެ ޖާގަ 252.14ޖީބީ އަށް ބަދަލުވެ އެވެ. އަދި ބާކީ ހުރި ކަމަށް 83.26ޖީބީ ދައްކަ އެވެ.

އެޕަލް ޑިވައިސްތަކަށް ދާދި ފަހުން ލިބުނު އަޕްޑޭޓްގައި ވަރަށް ބާރުގަދަ ފީޗާތަކެއް ހިމަނާފައި އެބަ ހުއްޓެވެ. އޭގެ ތެރެއިން ވެސް ބޭނުންކުރާ މީހުން އެންމެ ބޮޑަށް އަޅައިގަންނަނީ ޖާގަ އިތުރުވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގަ އެވެ.

އައިއޯއެސް 10.3 އަށް އަޕްޑޭޓްކުރުމުން ޑިވައިސްތަކުގެ ދުވެލި ވެސް ބާރުހެން ހީވެ އެވެ. ބައެއް ޑިވައިސްތައް ބޭނުންކުރާ މީހުންނަށް ތަފާތުކަމެއް ތަޖުރިބާކުރެވުނު ނަމަވެސް، އައިއޯއެސް 10.3 ސްޕީޑް ބާރެވެ. އެކަން އެ ގޮތަށް މެދުވެރިވުމުގައި ދެ ކަމެއް ފާހަގަކޮށްލާނަމެވެ؛ ފުރަތަމަ ކަމަކީ އެޕަލް އިން ކުރިން ބޭނުންކުރި، މުސްކުޅި ފައިލް ސިސްޓަމް ދޫކޮށް އާ ފައިލް ސިސްޓަމަކަށް ހިޖުރަކުރުމެވެ. އަނެއް ކަމަކީ ޑިވައިސްތަކުގެ "ސިސްޓަމް އެނިމޭޝަން" އަށް ކުރިން ނެގި ވަގުތު ކުޑަކޮށްފައި ވުމެވެ.

އެޕަލް ޑިވައިސްތަކުގެ ފައިލް ސިސްޓަމަށް ގެނައި ބަދަލުގެ ސަބަބުން، ޑިވައިސްތަކުގައި ސިސްޓަމަށް ރިޒާވްކުރާ ޖާގަ ކުޑަވެ އެވެ. އެހެންކަމުން، އެހެނިހެން ބޭނުންތަކަށް ބޭނުންކުރަން ލިބޭ ޖާގަ އިތުރުވެ އެވެ. އެއީ ހަގީގަތުގައި ފޯނު އުފެއްދިއިރު ހުރި ޖާގަ އިތުރުވުމެއް ނޫނެވެ.