އައިޕެޑަށް ފައިލް މެނޭޖްމަންޓް އެޕްލިކޭޝަނެއް

އައިޕެޑަށް ފައިލް މެނޭޖްމަންޓް އެޕްލިކޭޝަނެއް ނުހަދައި އެޕަލް އަށް ކެތެއް ނުވި އެވެ. އެޕަލް އަކީ ބާރުގަދަ ކުންފުންޏެއް ނަމަވެސް، ވާދަވެރިންގެ ބާރުވެރިކަމުގައި ޖެހި ކައްސައިގެންދާ ފަހަރު ވެސް އާދެ އެވެ.


އައިއޯއެސްގައި ފައިލް މެނޭޖްމަންޓް އެޕްލިކޭޝަނެއް ނުހިމަނައި، އެޕަލް އިން ލައްކަ ދުވަހު ކެތްކޮށްފި އެވެ. އެއީ ކެތްކުރުން ކަމެއް ނުވަތަ ގޮތް ދޫނުކުރުން ކަމެއް ނޭނގެ އެވެ. އައިޕެޑް އަދި އައިފޯން ބޭނުންކުރަން އުނދަގޫ ކަމަށް ބުނެ ގިނަ ބަޔަކު ލޭބަލްކުރަނީ ވެސް، ޑިވައިސްގައި ހުންނަ ފައިލްތައް ބަލަހައްޓައި މެނޭޖްކުރެވޭނެ ފަސޭހަ ގޮތެއް ނެތުމުންނެވެ.

އެޕަލް ޑިވެލޮޕާސް ކޮންފަރެންސް މިހާރު ހިނގަމުން ދާއިރު، ގިނަ ބަޔަކު އެންމެ ހައިރާންކުރުވި ކަމަކީ އެޕަލް އިން ފައިލް މެނޭޖްމަންޓް އެޕްލިކޭޝަނެއް ތައާރުފުކުރުމުންނެވެ. އެއީ މިފަހަރު އަލަށް ތައާރުފުކުރި "އައިއޯއެސް 11" އާ އެކު އެވެ. އަދި އެ ވެސް ހަމައެކަނި އައިޕެޑްގައި ބޭނުންކުރެވޭ ގޮތަށެވެ. އެ އެޕްލިކޭޝަނަށް ކިޔަނީ "ފައިލްސް" އެވެ.

"ފައިލްސް" އެޕްލިކޭޝަންގެ ބޭނުމަކީ އެ ޑިވައިސްގައި ހުންނަ ފައިލްތައް މެނޭޖްކުރުމެވެ. މައިކްރޮސޮފްޓް ވިންޑޯޒްގައި ފޯލްޑާތައް ހަދައި ފައިލްތައް ރައްކާކުރެވޭ ގޮތަށެވެ. އެ މީހަކު ބޭނުން ނަމެއް ކިޔައި ފޯލްޑާ ހަދައި އަދި ބޭނުން ކުލައެއް، ވިންޑޯޒް ފޯލްޑާތަކުގައި ޖެއްސުނު ނަމަވެސް، އައިއޯއެސް ޑިވައިސްތައް ބޭނުންކުރާ މީހުންނަށް އެޕަލުން އެ ކަހަލަ ބާރުވެރިކަމެއް ދޭނެ ކަމާ މެދު ސުވާލުއުފެދެ އެވެ. ވާދަވެރި އެންޑްރޮއިޑް ފޯނުތައް ބޭނުންކުރަން އެހާ ފަސޭހައީ ވެސް، ވިންޑޯޒް އަށް ދޫނުކުރާ ވަރުގެ ފައިލް މެނޭޖްމަންޓް ސިސްޓަމެއް، ފޯނު ބޭނުންކުރާ މީހުންނަށް ދީފައި ވާތީ އެވެ.

އެޕަލް އަށް ފާޑުކިޔާ މީހުން އަބަދު ވެސް ބުނާ ވަހަކައެއް އޮވެ އެވެ؛ އެޕަލް އަށް ފައިދާނުވާ ކަމެއްގައި، ކަސްޓަމަރުންނަށް ފަސޭހަކަމެއް ނެތެވެ. އައިއޯއެސްގައި ފައިލް މެނޭޖްކުރުމަށް އެޕްލިކޭޝަނެއް އުފެއްދުމުގައި އެޕަލް އަށް އޮތް ފައިދާ އަކީ، މާކެޓުގައި ހުރި ލެޕްޓޮޕްތަކާ ހުރިހާ މާނައެއްގައި ވާދަކުރެވޭ ފެންވަރުގެ އާލާތަކަށް، އައިޕެޑް ހެދުމެވެ.

އައިއޯއެސް 11 އިން ފެށިގެން، ފައިލް މެނޭޖްމަޓް އެޕްލިކޭޝަނެއް ތައާރުފުކޮށް، ކަސްޓަމަރުންނަށް ދޫކޮށްލުމުން، ފަސޭހަކަމަށް ބަލައި އަލާކިޔުމުގައި، ވާދަވެރިންގެ ޑިވައިސްތަކަށް ފުރުސަތު ހަނިވާނެ ކަމަށް ބެލެވެ އެވެ. މާނަ އަކީ ފައިލްތައް ބެލެހެއްޓުން އުނދަގޫ ކަމަށް ބުނެ އެހެން ޑިވައިސްއަކަށް ބަދަލުވާ ކަސްޓަމަރުން މަދުވުމެވެ.