ވާވޭ އެމެރިކާގައި ވަޒަންވެރިވަނީ

ދެކުނު އިރުމަތީ އޭޝިއާގައި ވާވޭ އަކީ މަޝްހޫރު ނަމެކެވެ. އެކަމަކު އެމެރިކާގައި އެކަން އޮތީ އެ ގޮތަކަށް ނޫނެވެ. ވާވޭ އަކީ އެމެރިކާ މީހުން ދަންނަ ކުންފުންޏެއް ނޫނެވެ.


ވާވޭ އަށް އެމެރިކާ އަށް ވަދެވުނީ އެންމެ ފަހަރަކު އެވެ. އެއީ ގޫގުލްގެ ސަބަބުންނެވެ. ގޫގުލް އަށް ނެކްސަސް މަރުކާގެ ސްމާޓްފޯން، 6ޕީ އުފައްދައިދީ ވާވޭ އެވެ. އެ ވަރުން ވެސް އެމެރިކާގެ ސްމާޓްފޯން މާކެޓްގައި ވާވޭ އަށް ފުރިހަމަ 1 ޕަސެންޓް ވެސް އަދި ނުލިބެ އެވެ.

އެމެރިކާގައި މުއާސަލާތީ ޚިދުމަތްދޭ ކުންފުންޏަކާ ގުޅިގެން ނޫން ގޮތަކަށް، ސްމާޓްފޯން މާކެޓުން ތަނަވަސް އަޣުލަބިއްޔަތެއް ހޯދުމަކީ ކުންފުންޏަކަށް އަދި ވެފައި އޮތް ކަމެއް ނޫނެވެ. އެއީ ކުންފުނީގެ މޮޅު، ދެރަކަމަކުން ނޫނެވެ. އެއީ ގަދީމީ ޒަމާނުން ސުރެ ކަން ހިނގަމުންދާ ގޮތެވެ. އެޕަލް އަދި ސެމްސަންގް ވެސް އެ އުސޫލުން ބޭރެއް ނުވެ އެވެ.

އެމެރިކާގައި ދެމިއޮތުމަށް މުވާސަލާތީ ޚިދުމަތްދޭ ކުންފުންޏަކާ ވާވޭ އިން މަޝްވަރާކުރާ ކަމަށް ބުނެވެ އެވެ. އެއީ އޭޓީއެންޓީ އެވެ. އެޓީއެންޓީއާ ގުޅިގެން ވިޔަފާރި ފެށުމަށްޓަކައި ވާވޭ އިން ބާރުގަދަ ފޯނެއް އުފައްދާނެ ކަމަށް ބުނާތީ އިވެ އެވެ. އެ ފޯނާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އާންމެވެފައި ނެތް ނަމަވެސް، އިސްވެ ގޮސްފައިވާ ކުންފުނިތަކުން ވެސް ފަށައިގަތީ އެ ފަދައިންނެވެ. ހުރި މޮޅުކަމެއް ދައްކައިގެންނެވެ.

ވާވޭ އަކީ ބާރުގަދަ ކުންފުންޏެކެވެ. އެހެން ނަމަވެސް އެއީ ޗައިނާ އަށް އުފަން އަދި އެހައި ވަތަނީ ކުންފުންޏަކަށް ވުން ވެފައި ވަނީ ރިހޭ ފަޔަށެވެ.

ޗައިނާ އާށް ޖާސޫސްކޮށްދިނުމަށްޓަކއި ވާވޭ ކޮންމެވެސް ޒަމާނެއްގައި ރޯލެއް ކުޅުނު ކަމަށް ބުނެވެ އެވެ. ނެޓްވޯކް ސްވިޗް އަދި އިންޓަނެޓް ރައުޓާ ފަދަ ޑިވައިސްތަކުގައި "ސްޕައި-ކޯޑް" ވަޅުލައި، އެ އާލާތެއް މެދުވެރިކޮށް ކުރާ މުއާމަލާތު، ޗައިނާ އަށް ޕަންޕްކުރުމުގައި ވާވޭ އެހީތެރިވެދީފައި ވާ ކަމަށް ބުނެ ވާހަކަދެކެވެ އެވެ.

ސްމާޓްފޯން މާކެޓަށް ތައާރުފުކުރާ ބާރުގަދަ ފޯނެއް މެދުވެރިކޮށް ވެސް އެ ކަހަލަ އަމަލެއް ހިންގަފާނެ އެވެ. މިއީ ވާވޭއާ މެދު މީހުން ގަބޫލުކުރާ ކަމެއް ނަމަ، އެމެރިކާ އަކީ ވިޔަފާރިކުރަން ރަނގަޅު ގައުމަކަށް ނުވާނެ އެވެ.

އެއް ޒަމާނެއްގައި ވާވޭ އަކީ ގޫގުލް ވަރަށް ރުޅިއެރި ކުންފުންޏެކެވެ. އެހެން ނަމަވެސް ވާވޭ ލައްވައި ސްމާޓްފޯނެއް ގޫގުލް އިން އުފެއްދުމުން، މިހާރު އެއީ އެކުވެރިންނެވެ. އެހެންކަމުން މިއީ ވެސް އެމެރިކާގައި ވަޒަންވެރިވުމަށް ވާވޭ އަށް އޮތް ރަހުމަތްތެރި ކަމަކަށް ވާނެ އެވެ.