ސައުންޑްކްލައުޑް ބަންދުކުރަން ނުޖެހި ސަލާމަތްވީ ކިރިޔާ

މިއުޒިކް ޝެއާކުރާ މަޝްހޫރު ވެބްސައިޓް، ސައުންޑްކްލައުޑަށް މާލީ ގޮތުން ކުރިމަތިވި ބަނަކަމަށް ފަހު، ވެބްސައިޓް ބަންދުކުރަން ޖެހޭ ހިސާބަށް ގޮސްފައި ވަނިކޮށް އިންވެސްޓަރުންތަކެެއްގެ އެހީއާ އެކު އެންމެ ފަހު ވަގުތު ސަލާމަތްވެއްޖެ އެވެ.


ވެބްސައިޓް ހިންގާ ކުންފުނިން ޖުލައި މަހު 173 މީހަކު ވަޒީފާއިން ވެސް ވަކިކޮށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ އެކު ސައުންޑްކްލައުޑްގެ ދުވަސް ދިޔައީ ކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް ސައުންޑްކްލައުޑުން ބުނީ ބޮޑެތި ބަދަލުތަކަކާ އެކު ދެމި އޮވެވޭ ގޮތް މިހާރު ވެއްޖެ ކަމަށެވެ.

ކުންފުންޏަށް ގެންނަން ނިންމި ބަދަލުތަކުގެ ތެރޭގައި ސައުންޑްކްލައުޑްގެ ކޯ ފައުންޑާ އަދި ސީއީއޯ އެލެގްޒެންޑާ ޔުންގް އެ މަގާމުން ދޫކޮށް ޗެއާމަނެއްގެ ހައިސިއްޔަތުން މަސައްކަތް ފެށުން ހިމެނެ އެވެ. ޗީފް އެގްޒެކަޓިވްގެ މަގާމަށް ކެރީ ޓްރެއިނޯ ހަމަޖައްސައި އޭނާގެ ދަށުން ސީއޯއޯއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް މައިކް ވެއިސްމަން ވަނީ ހަމަޖައްސައިފަ އެވެ. އެ ދެ މީހުންނަކީ ވެސް ކުރިން ވައިމިއޯގެ ދެ އެގްޒެކެޓިވުންނެވެ.

މި ދެ މީހުން ކުންފުނި ހިންގަން ފަށާނީ "ދަ ރެއީން ގްރޫޕް އެންޑް ޓެމަސެކް" ގެ އިންވެސްޓަރުންގެ އެހީއާ އެކުގަ އެވެ. ނަމަވެސް ކުންފުންޏަށް އިންވެސްޓްކުރާނީ ކިހާ ފައިސާއެއް ކަމަށް ސައުންޑްކްލައުޑުން ހާމައެއް ނުކުރެ އެވެ. ނަމަވެސް މިއީ ކުންފުނީގެ ތާރީހުގައި ވެސް ކުރާ އެންމެ ބޮޑު ފައިނޭންސިން ކަމަށް ބުނެފައިވެ އެވެ.

"މި ލިބުނު ފައިސާގެ މާނަ އަކީ ސައުންޑްކްލައުޑް ވަރުގަދަކަމާ އެކު އަދިވެސް މިނިވަންކަމާ އެކު ދެމިއޮތުން. ހުއްޓާލާކަށް ނޫޅެން،" ކުންފުނީގެ ބަޔާނުގައި ޔުންގް ބުނެފައިވެ އެވެ.

ސައުންޑްކްލައުޑަށް ވާނެ ގޮތެއް ނޭނގި، ފަންނާނުންގެ އެތައް ބަޔަކު ކަންބޮޑުވެފައި ވިޔަސް މިހާރު ހާސްވާންޖެހޭ ކަމެއް ނެތް ކަމަށް ކުންފުނިން ބުންޏެވެ.