ވަންޕްލަސް 3، ވަންޕްލަސް 3ޓީ އަށް އެންޑްރޮއިޑް އޯ އަށް ފަހު އަޕްޑޭޓެއް ނެތް

ވަންޕްލަސް 3 އަށް އަދި ވީ 14 މަސް ދުވަހެވެ. ވަންޕްލަސް 3ޓީ އަށް 9 މަސް ދުވަހެވެ. އެކަމަކު، ވަންޕްލަސް އިން، އެ ދެ ފޯނުގެ ހަޔާތުގައި ސިއްކަ ޖަހައިފި އެވެ. ވަންޕްލަސް 3 އަދި ވަންޕްލަސް 3ޓީ އަށް، އެންޑްރޮއިޑް "އޯ" އަށް ވުރެ ފަހުން އިތުރު "އޯއެސް" އަޕްޑޭޓެއް ނުލިބޭނެ ކަމަށް ބުނެފި އެވެ.


އެންޑްރޮއިޑް އޯ އާންމުކުރާނެ ވަކި ދުވަހެއް ގޫގުލް އިން އަދި ނުބުނެ އެވެ. މި މަހު އެކާވީހޭ ވެސް އެބަ ކިޔަ އެވެ. އެކަމަކު އެ ތާރީޚު ފަހަނައަޅައި، ދުވަސްތަކެއް ފާއިތުވާ ފަހުން ވެސް އެންޑްރޮއިޑް އޯ، އާންމުކޮށްފާނެ އެވެ.

ވަންޕްލަސް ފޯނުތައް ބޭނުންކުރާ މީހުން، އެ ފޯނުތަކުގެ ރީތިކަމަށް ތައުރީފުކުރެ އެވެ. ކުރަން ބޭނުންކަމެއް އަވަހަށް ކުރެވުމާއި، ފޯނުގެ އަގާ ނުބައްދަލު، ވަރުގަދަ ހާޑްވެއާ ލިސްޓަށް ސާބަހޭ ބުނެ އެވެ. އެކަމަކު އޯއެސް އަޕްޑޭޓާ ޖެހުމުން އެންމެން ޝަކުވާކުރެ އެވެ.

ވަންޕްލަސް 3 އަދި 3ޓީ އަށް ލިބޭނެ އެންމެ ފަހު އަޕްޑޭޓަކީ، އެންޑްރޮއިޑް އޯ ކަމަށް ބުނެ އެ ކުންފުނިން ކުރި އިއުލާނަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. ގޫގުލް އިން ދެން އެންޑްރޮއިޑަށް ގެންނަ އަޕްޑޭޓްތައް ނުލިބޭނެ ކަމަށް ބުނަނީ، ފޯނުތަކުގައި އެހާ ކުޅަދާނަކަން ނެތުމުންތޯ ވަނީ ސުވާލުކޮށްފަ އެވެ. ކަސްޓަމަރުން ކުރާ އާންމު ސުވާލުތަކަށް ޖަވާބުދިނުމުގައި ވަންޕްލަސް އަބަދު ވެސް އުޅެނީ ވަރަށް ފަހަތުގަ އެވެ.

ފޯނުތަކުގެ އުމުރުން އެހާ ގިނަ ދުވަސްތަކެއް ނުވަނީސް، އޯއެސް ސަޕޯޓް ހުއްޓާލުމަކީ ވަންޕްލަސްގެ ކަސްޓަމަރުންނަށް ދެރައެކެވެ. ވަންޕްލައިން ބުނި ގޮތުގައި އޯއެސް ސަޕޯޓް ހުއްޓާލި ނަމަވެސް، އެޕްލިކޭޝަންތަކަށް ސެކިޔުރިޓީ އަޕްޑޭޓް ދޭނެ އެވެ. އަދި ސަލާމަތީ ގޮތުން ފޯނުތަކަށް ދޭންޖެހޭ ޕެޗްތައް ވެސް ދޭވޭނެ އެވެ.