ގޫގުލް ޕިކްސެލް ފޯނު ލަސްތަކެއް ނުވެ މާކެޓަށް

ހާޑްވެއާ އުފެއްދުމަކީ ގޫގުލުން ކުރަން ބޭނުން ކަމެއް ނޫން ކަމަށް ބުނެވުނެވެ. ގޫގުލުން ސްމާޓްފޯން ހާޑްވެއާ މާކެޓަށް ނުވަންނާނެ ކަމަށް ބުނާތީ ވެސް އެހީމެވެ. އެކަމަކު ގޫގުލްގެ އަމިއްލަ ފޯނެއް އުފައްދަން އުޅޭ ކަމަށް ބުނެވޭ ވާހަކަތައް ގިނަވެއްޖެ އެވެ.


ގޫގުލުން ހާޑްވެއާ މާކެޓަށް ނުވަންނާނެ ކަމަށް ބުނި ނަމަވެސް ފެންނަނީ އެހެން މަންޒަރެކެވެ. ނެކްސަސް މަރުކާގެ ފޯނުތަކެއް އުފެއްދުމަށް ގޫގުލުން ވަނީ ހިތްވަރުދީފަ އެވެ. އޭގެ ބައެއް ފޯނުތައް ގޫގުލްގެ އަމިއްލަ އައުޓްލެޓްތަކުން ވެސް ވަނީ ވިއްކާފަ އެވެ. ގޫގުލް ގްލާސް އަކީ ވެސް އެ ކުންފުނިން ހާޑްވެއާ އުފައްދާ ކަމުގެ ހެއްކެވެ. އާންމު ބާޒާރަށް އަދި ނުނެރުނު ނަމަވެސް ގޫގުލުން ގްލާސް އަށް ބޮޑު ތަރުހީބެއް ލިބޭނެ އެވެ. ގޫގުލް ކްރޯމްކާސްޓް، ކްރޯމްބުކް ޕިކްސެލްސް އަދި ޕިކްސެލް ސީ އަކީ ވެސް ހާޑްވެއާ މާކެޓަށް ނުވަދެ އުފެއްދެން ނެތް ޑިވައިސްތަކެކެވެ.

ގޫގުލް ޕިކްސެލް ފޯނުގެ ވާހަކަ ކުރިން ވެސް ވާނީ އަޑުއަހާފަ އެވެ. ގޫގުލުން އުފައްދާ ފޯނަކީ އެއީ ކަމަށް ވުން ވެސް ގާތެވެ. މި އަހަރު ނިމުމުގެ ކުރިން އެ ފޯނެއް މާކެޓަށް ނެރޭނެ ކަމަށް ވެ އެވެ. އެ ކަމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް ގާތްގަނޑަކަށް ނިމިއްޖެ އެވެ. އޮޕަރޭޓަރުންނާ މަޝްވަރާކޮށްފި އެވެ. ނެޓްވޯކް އޮޕަރޭޓަރުން މެދުވެރިކޮށް އެ ފޯނު ވިއްކާނެ އެވެ. ގޫގުލްގެ އަމިއްލަ ޗެނަލްތަކުން ވެސް ވިއްކާނެ އެވެ.

ހާޑްވެއާ ކުންފުނިތައް ލައްވައި ގޫގުލުން ނެކްސަސް ފޯނުތައް އުފެއްދުމަކީ އެ ކުންފުނިތަކުން އެހާ ރުހޭ ކަމެއް ކަމަކަށް ނުވެ އެވެ. ސަބަބަކީ ގޫގުލުން އެ ފޯނުތަކަށް ދޭ އަހަންމިއްޔަތަށް ކުރާ ޖާޗު ބޮޑުވުމެވެ. ވިކޭ ކޮންމެ ފޯނަކުން ނަގާ ބައި ބޮޑުވުމެވެ.

އެންޑްރޮއިޑް ފޯނުތައް އުފައްދާ ކުންފުނިތައް އެހާ ގިނައިރު، ހަމައެކަނި ފޯނު ވިއްކައިގެން ލިބޭ ނަފާއަކުން ކުންފުނިތައް އުފަލެއް ނުވެ އެވެ. އެކަން އެހެން އޮއްވައި ނެކްސަސް ފޯނުތައް އުފައްދާ ކުންފުނިތަކުން ނަގާ އަގަކީ އެ ބްރޭންޑްގެ ފޯނުތައް އުފައްދަން ބައެއް ކުންފުނިތަކުން ދެކޮޅު ހަދާ ކަމެކެވެ.

ގޫގުލުން ޕިކްސެލް ސްމާޓްފޯން އުފައްދަނީ އެޗްޓީސީ ލައްވައި ކަމަށް ބުނެވޭ ވާހަކަތަކެއް ވެސް އުޅެ އެވެ. އެކަމަކު އެ ފޯނުގައި އެޗްޓީސީ ލޯގޯ ނުވަތަ ހާޑްވެއާ އުފެއްދި ކުންފުނީގެ ނަން ފެންނަން ނުހުންނާނެ އެވެ. ސަބަބަކީ އެއީ ގޫގުލްގެ އަމިއްލަ ފޯނަކަށް ވުމެވެ.

ގޫގުލުން އަމިއްލަ ސްމާޓްފޯނެއް އުފައްދަނީ އެންޑްރޮއިޑްގެ މައްޗަށް އޮތް ކޮންޓްރޯލް އަމިއްލަކުރުމަށް ކަމަށް ބުނެވެ އެވެ. ގޫގުލްގެ އެޕްލިކޭޝަންތައް ގޫގުލް ބޭނުންވާ ގޮތައް ތައްގަނޑުކޮށް ހިންގުން ކަމަށް ވެސް ބުނެ އެވެ. އެންޑްރޮއިޑަކީ ގޫގުލްގެ އެއްޗެއް ނަމަވެސް ގިނަ ބަޔަކަށް އެކަމެއް ނޭނގެ އެވެ. ސަބަބަކީ ސެމްސަންގް އާއި އެލްޖީ އަދި ވާވޭ ފަދަ ކުންފުނިތަކުގެ އެންޑްރޮއިޑް ކޮންޓްރޯލްކުރާ ވަރަށް ގޫގުލް އަށް ނުވުމެވެ. އެހެން ނަމަވެސް އަމިއްލަ ފޯނަކާ އެކު މަންޒަރު ބަދަލުވެގެން ދާނެ ކަމަށް ބެލެވެ އެވެ.