ވަކި މެސެޖަށް ރިޕްލައި ކުރެވޭ ގޮތް ވައިބައިން ވެސް ހަދައިފި

މިއީ މިހާރު އެންމެ މަގުބޫލު މެސެޖިން އެޕްލިކޭޝަންތަކުގައި ބޭނުންކުރާތާ ކިތަންމެ ދުވަހެއް ވެފައިވާ ފީޗާއެކެވެ. އެކަމަކު ވައިބަގެ އެންމެ ފަހުގެ އަޕްޑޭޓާ އެކު ވައިބައަށް ވެސް މި ފަސޭހަ ގެނެސްދިންކަން ރަނގަޅެވެ.


ޓެލެގްރާމާއި ވަޓްސްއެޕް ފަދަ އެޕްލިކޭޝަންތަކުގައި މިހާރުވެސް ހުރި އެހެން ބައެއް ފީޗާތައް ވެސް ވައިބަގެ ފަހުގެ އަޕްޑޭޓްގައި ވަނީ ދީފަ އެވެ. އެއީ މެސެޖަށް ރިޕްލައި ކުރެވޭ ގޮތް ހެދުމުގެ އިތުރުން ވަކި މެސެޖެއް "ޕިން" ކޮށް ކޮންވަޒޭޝަންގެ އެންމެ މަތީގައި އިންނަ ގޮތް ހެދުމާއި "ބްރޯޑްކާސްޓް ލިސްޓް" އަށް އެއްފަހަރާ އެއް މެސެޖެއް ފޮނުވޭ ގޮތް ހެދުމެވެ.

ރިޕްލައި ފީޗާގައި، ކޮންވަޒޭޝަންގެ ތެރެއިން އެ މީހަކު ޖަވާބު ދޭން ބޭނުންވާ ވަކި މެސެޖަކަށް ފިތާލުމުން ރިޕްލައި ފީޗާ ފެންނާނެ އެވެ. އެއީ އެހެން އެޕްލިކޭޝަންތަކުގައި ވެސް ހަދާ ގޮތަށެވެ. އޭރުން، ކޮންވަޒޭޝަންގެ ތެރޭގައި ކިތަންމެ ގިނަ މެސެޖެއް ހުއްޓަސް އޭގެ ތެރެއިން އެ ޖަވާބު ދިނީ ކޮން މެސެޖެކަށް ކަން ފާޅުކޮށް ފެންނަން އޮންނާނެ އެވެ.

ޕިން ކުރެވޭ ފީޗާގައި، ޗެޓް ގްރޫޕްގެ އެޑްމިން އަކަށް އިންނަ މީހާ ބޭނުންވާ މެސެޖެއް އެ ގްރޫޕް ކޮންވަޒޭޝަންގެ އެންމެ މަތީގައި އަބަދުވެސް އިންނަ ގޮތް ހެދޭނެ އެވެ. ޕިން ކޮށްފައި އިންނަ މެސެޖު ބަދަލު ކުރެވޭނީ އެޑްމިން އަކަށެވެ. އެހެންވެ، ވަކި މައުލޫއަކަށް ވާހަކަ ދައްކަން ހަނދާންކޮށްދޭން ބޭނުން ނަމަ އެކަމާ ގުޅޭ މެސެޖެއް ޗެޓް ކޮންވަޒޭޝަންގެ މަތީގައި ލިޔެލާފައި ބޭއްވިދާނެ އެވެ.

ބްރޯޑްކާސްޓް ލިސްޓްގެ ބޭނުމަކީ އެއް މެސެޖެއް އެތައް ބަޔަށް ފޮނުވަންޖެހޭ ހާލަތެއްގައި، އެ އެންމެން ލައިގެން ގްރޫޕެއް ނުހަދައި އެކަމަކު އެ އެންމެންނަށް އެ މެސެޖެއް އެއްފަހަރާ ފޮނުވާލުމެވެ. މެސެޖު ފޮނުވަން ބޭނުންވާ މީހުން ބްރޯޑްކާސްޓް ލިސްޓަށް ލުމަށް ފަހު މެސެޖު ފޮނުވާލުމުން އެ އެންމެންނަށް މެސެޖު ލިބޭނެ އެވެ. ކޮންމެ މީހަކަށް ވެސް މެސެޖު ލިބޭނީ ޕްރައިވެޓްކޮށެވެ. ޖަވާބު ވެސް އަންނަނީ ޕްރައިވެޓްކޮށެވެ.

މިއީ މުހިންމު ފީޗާތަކެއް ކަމަށް ވިޔަސް ފާޑު ކިޔާ މީހުން ބުނަނީ އެންމެ ކުރިން މަޝްހޫރުކަން ހޯދި ޗެޓް އެޕްލިކޭޝަން ކަމަށްވާ ވައިބަ މިހާރު ދުވަނީ އެހެން މީހުންގެ ފަހަތުން ކަމަށެވެ. އާ ފީޗާއެއް ގެނެސް ނުދެވި، ކޮންމެ ކަމެއް ވެސް އެހެން މީހުން ކުރާ ފަހުން ކުރުމުން އެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.