ވަންޕްލަސް ޖާސޫސްކުރަނީތަ؟

ޖާސޫސްކުރަނީ ވަންޕްލަސް އެކަންޏެއް ނޫނެވެ. ފަރުދީ މައުލޫމާތު އެއްނުކުރާ ސްމާޓްފޯނެއް ނެތެވެ. ސްމާޓް އިލެކްޓްރޯނިކްސް ވަށައި އިންސާނުން ދައުރުވަމުން ދާއިރު، ސްމާޓް އާލާތްތަކުން ފަރުދީ މައުލޫމާތު އެއްކުރަނީ ޖާސޫސްކުރުމުގެ ނިޔަތުގައެއް ނޫނެވެ. އެއީ ބޭނުންކުރާ މީހުންނަށް އެހީތެރިވުމަށް ކުރެވޭ ދިރާސާއެކެވެ. ކުންފުނިތަކުން ބުނަނީ އެހެންނެވެ.


ޖީމެއިލް ބޭނުންކުރާ މީހުން ވެސް މި ކަހަލަ ވާހަކައެއް ދެއްކި އެވެ. ޖީމެއިލް އިންބޮކްސް ތެރޭގައި ގޫގުލްއިން ކުރާ އިސްތިހާރުތައް، އިންބޮކްސްގައި ހުންނަ އީމެއިލްތަކާ ގުޅުން ހުންނަ ކަމަށް ބުނެ އެވެ.

ގޫގުލްއިން ފަރުދީ މައުލޫމާތުތައް ހާވައި، ބަލާ ކަމަށް ބުނެ ދެކެވުނު ވާހަކަތަކަށް ގޫގުލުން ދިނީ ގަބޫލުކުރެވިދާނެ ރައްދެކެވެ. ގޫގުލްއިން ބުނި ގޮތުގައި އެއީ ވެސް ބޭނުންކުރާ މީހުންނަށް ފަސޭހަކޮށްދިނުމަށް ކުރާ ކަމަކޭ އެވެ. އެ މީހެއްގެ ޝައުގުވެރިކަން ހުންނަ ވިޔަފާރި މުދަލާއި ޚިދުމަތްތައް އަތުޖެހޭ ފަށަށް ގެނެސްދެނީ އެވެ.

ސްމާޓްފޯނަކަށް އެޕްލިކޭޝަނެއް އަޅާ ނަމަ ގިނަ ޝަރުތުތަކަކަށް އެއްބަސްވާން ޖެހެ އެވެ. އެއީ ވެސް ބޭނުންކުރާ މީހުންނަށް ފަސޭހަކޮށްދިނުމަށް ކުރާ ކަމެއް ކަމަށް ބުނެވެ އެވެ. އެއީ ތެދަކަށް ވެސް ވެދާނެ އެވެ. އެކަމަކު އެހީތެރިކަން ފޯރުކޮށްދިނުން ނޫން ކަމަށް އެ މައުލޫމާތު ބޭނުންކުރުމަކީ ގޯހެކެވެ.

ވަންޕްލަސްއިން ވެސް ބުނަނީ މިހެންނެވެ. ފަރުދީ މައުލޫމާތު އެއްކުރަނީ އެ ކުންފުނިން އުފައްދާ ފޯނުތަކަށް ސެކިޔުރިޓީ އަޕްޑޭޓް ދިނުމަށް އަދި ބޭނުންކުރާ މީހުންނަށް އަމާޒުކުރެވޭ ސޮފްޓްވެއާތަކުގެ ފެންވަރު ރަނގަޅުކުރުމަށެވެ. އެކަމަކު ވަންޕްލަސް އަށް ފާޑުކިޔުން މިހާރު އިތުރުވެގެން އުޅެނީ އެއިން ކަމަކާ ގުޅުމެއް ނެތް މައުލޫމާތު ވެސް އެއްކުރާ ކަމަށް ބުނެ އެވެ.

ވަންޕްލަސްއިން އެއްކުރާ މައުލޫމާތުގެ ތެރޭގައި، ފޯނު "އަންލޮކް"ކުރާ މިންވަރު ވެސް ބަލާ ކަމަށް ބުނެ އެވެ. ބޭނުންކުރާ ސޮފްޓްވެއާ، ވައިފައި ނެޓްވޯކާ ގުޅުން މައުލޫމާތު ވެސް އެތައް ފަހަރަކު ހޯދާ ކަމަށް ބުނެ އެވެ.

ސްމާޓްފޯން ކުންފުނިތަކުން ފަރުދީ މައުލޫމަތު އެއްކުރުން ބޮޑު ކަމަށް ވެގެން އުޅޭއިރު، ވަންޕްލަސްއިން ބުނީ ފޯނު ބޭނުންކުރާ މީހުން ގަބޫލު ނޫން ނަމަ އެ ފަދަ މައުލޫމާތު ނުހޯދާނެ ކަމަށެވެ. އެ ގޮތުގައި "ޖޮއިން ޔޫޒާ އެކްސްޕީރިއެންސް ޕްރޮގްރާމް"އިން ބޭނުންވުމުން އެކަން ހަމަޖެހުނީ ކަމަށް އެ ކުންފުނިން ބުނެ އެވެ. ފޯނުގެ ސެޓިން އަށް ވަދެ "އެޑްވާންސްޑް" ޓެބް ތެރެއިން އެ ފީޗާ އޮފްކުރެވޭނެ ކަމަށް ވެސް ވަންޕްލަސްއިން ބުނެ އެވެ.