ދެން ކޮން އައިފޯނެއް؟

އައިފޯނު 10 ނެރެފި އެވެ. އެކަމަކު އަދިވެސް އެ ފޯރި ނުކެނޑެ އެވެ. އައިފޯނަށް 10 އަހަރު ފުރޭ އަހަރު ފާހަގަކުރަން، އެޕަލްއިން އައިފޯން 10 ނެރުނުއިރު، އައިފޯން 9 ވީ ތަނެއް ނޭނގެ އެވެ. އެކަމާ ކަންބޮޑުވެގެން މީހަކު ވާހަކަދައްކާތީ ވެސް ނުއިވެ އެވެ.


އަންނަ އަހަރު، 2018 ގައި ވެސް އެޕަލްއިން އައިފޯނެއް ނެރޭނެ އެވެ. އެއީ ކަށަވަރު ކަމެކެވެ. ޔަގީން ނުވަނީ އެއީ ކޮން އައިފޯނެއް ކަމެވެ. އައިފޯން 9 ނުވަތަ އައިފޯން 11 އަށް ވެސް ވެދާނެ އެވެ. އެކަމަކު އައިފޯން 9 އަކަށް ވީ ގޮތެއް އެޕަލްއިން ބުނެ ނުދީފި ނަމަ، އައިފޯން 9 ޗައިނާއިން ނެރޭނެ އެވެ.

އެޕަލްއިން ދެން ނެރޭ އައިފޯނަށް ކޮންމެ ނަމެއް ކީ ނަމަވެސް، އައިފޯން 10 އަށް ވުރެ ބާރުގަދަވާން ޖެހެ އެވެ. މަލަމަތިން ފެންނަނީ ވެސް އެކަހަލަ ސިފަތަކެވެ.

އެޕަލްއާ ކުއަލްކޮމް ޖެހިގެން އުޅޭ ފައިސާގެ މައްސަލާގައި، ދެ ކުންފުނި ހަތުރުންނަށް ވެއްޖެ އެވެ. އެހެންކަމުން ކުރި އަށް ހުރި އައިފޯނުތަކުގައި ކުއަލްކޮމް ޗިޕްތައް ބޭނުންކުރާނެ ކަމަކަށް ނުބެލެވެ އެވެ. އައިފޯނަށް ބޭނުންވާ މޯޑެމްތައް އުފެއްދުމަށް އިންޓެލް އަށް ވަނީ އެޕަލްއިން އޯޑަރު ދީފަ އެެވެ.

އައިފޯނަށް މޯޑެމް އުފައްދަން އިންޓެލް އަށް އޯޑަރުދިން އިރު ވެސް، ކުއަލްކޮމް އަށް ވުރެ އިންޓެލް ބަލިކަށިކަން އެޕަލް އަށް އެނގެ އެވެ. ގޮތްދޫނުކުރުމާއި ބޯހަރުކަން އިޚުތިޔާރުކޮށް އެޕަލް ބޭނުންވަނީ ހަމަ އެ ގޮތުގައި ކުރި އަށް ދާށެވެ.

ކުއަލްކޮމްއިން ޗައިނާ ކުންފުނިތަކާ ގުޅިގެން މިހާރު 5ޖީ ނެޓްވޯކް ޓެސްޓްކުރަނީ އެވެ. އައިފޯނުތައް ބާރުގަދަކުރުމަށް އެޕަލް ވިސްނަނީ އެހެން ގޮތެކެވެ. އެއީ އައިފޯނުން ޓްރާސްމިޓްކުރާ ޗެނަލްތައް އިތުރުކުރުމާއި، ސިގްނަލް ރިސީވްކުރާ ޗެނަލްތައް އިތުރުކުރުމެވެ. އައިފޯނަށް މި ބަދަލުގެނައުމަށްޓަކައި، ފޯނުގެ ބައްޓަމަށް ކޮންމެވެސް ބަދަލެއް ގެންނާނެ ކަމަށް ފެނެ އެވެ. އެހެންކަމުން ދެން ހުރި އައިފޯނުތައް، އައިފޯން 10 އަށް ވުރެ ސްޕީޑް ބާރުވާނެ ކަމަށް ބެލެވެ އެވެ.