ގޫގުލްއިން ބެކްގްރައުންޑް ޑޭޓާ ކޮންޓްރޯލްކޮށްދެނީ

ގޫގުލްއިން އަނެއްކާ ވެސް ސަޅި އެޕެއް އާންމުކޮށްފި އެވެ. އެއީ "ޑޭޓާލީ" އެވެ. ބޭނުމަކީ "ބެކްގްރައުންޑް ޑޭޓާ" ކޮންޓްރޯލްކުރުމެވެ. ވާނުވާ ނޭނގި ޑޭޓާ ހުސްވަނީ ކީއްވެކަން އަންގައިދިނުމެވެ. ފޯނު ބޭނުންކުރާ މީހާ އަށް އެނގުމެއް ނެތި، ބެކްގްރައުންޑްގައި ޑޭޓާ ބޭނުންކުރާ އެޕްލިކޭޝަންތައް ކޮންޓްރޯލްކުރުމެވެ.


ފޯނަށް ޑޭޓާލީ އިންސްޓޯލްކުރުމުން، ބެކްގްރައުންޑް ޑޭޓާ ބޭނުންކުރާ ހުރިހާ އެޕްލިކޭޝަނެއް ލިސްޓްކުރެ އެވެ. އެ ގޮތުގައި ބެކްގްރައުންޑް ޑޭޓާ ބޭނުންކުރާ އެޕްލިކޭޝަންތައް ހިފަހައްޓައި ތަޅުލެވެ އެވެ. ނަމަވެސް، ފޯނު ބޭނުންކުރާ މީހާ އަށް ހުރިހާ ކޮންޓޯލެއް އޮވެ އެވެ. ބޭނުން ކޮންމެ އެޕްލިކޭޝަނެއް ޑޭޓާ ބޭނުންކުރުން ހުއްޓުވައި ނުވަތަ ދޫކޮށްލެވެ އެވެ.

ޑޭޓާލީ އެންމެ ބޮޑަށް ބޭނުންޖެހެނީ ޑޭޓާ ހުސްވެދާނެ ކަމަށް ބިރުހީވާ ހާލަތްތަކުގަ އެވެ. އެހެން ނޫނަސް، އަމިއްލަ ކޮންޓްރޯލު ގެއްލި ޑޭޓާ އަށް ވާނުވާ ނޭނގޭ ހާލަތްތަކުގައި ވެސް ޑޭޓާލީ މުހިންމުވެ އެވެ.

ސްމާޓްފޯނު އޭގެ ސްޓައިލްގައި ބޭނުންކުރާ ނަމަ ޑޭޓާލީ މުހިންމު އެޕްލިކޭޝަނަކަށް ނުވުން ވެސް އެކަށީގެންވެ އެވެ. އެއީ ޑޭޓާލީ މެދުވެރިކޮށް ބެކްގްރައުންޑް ޑޭޓާ ކޮންޓްރޯލްކުރުމުން ބައެއް އެޕްލިކޭޝަންތަކުގެ މަސައްކަތްތަކަށް ބުރޫއެރުން އެކަށީގެންވާތީ އެވެ. އެ ފަދަ ހާލަތެއްގައި އެޕްލިކޭޝަންތަކުން ދައްކަންޖެހޭ "ނޮޓިފިކޭޝަން"ތައް ނުފެނި ދިއުމަކީ އެކަށީގެންވެ އެވެ. ބައެއް އެޕްލިކޭޝަންތަކުގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ލަސްވުމެއް އައުމަކީ ވެސް ވެދާނެ ކަމެކެވެ.

ޑޭޓާލީގެ ސަބަބުން މެދުވެރިވެދާނެ ނުރަނގަޅަކަށް ވުރެ، ހާޖަތުޖެހޭ ވަގުތެއްގައި ޑޭޓާލީ ވަރަށް މުހިންމު އެޕްލިކޭޝަނަކަށް ވެ އެވެ. އަނެއްކޮޅުން ޑާޓާލީ މެދުވެރިކޮށް އެޕްލިކޭޝަންތައް ކޮންޓްރޯލްކުރެވުމަކީ ބޮޑު ފައިދާއެކެވެ.

ގޫގުލް ޕްލޭ މެދުވެރިކޮށް ޑޭޓާލީ ވަނީ އާންމުކޮށްފަ އެވެ. އެހެން ނަމަވެސް ބައެއް ފޯނުތަކަށް ސަރަހައްދީ ޝަރުތުތައް މެދުވެރިވެ އެވެ. އެހެންކަމުން އެ ފަދަ ފޯނަކަށް މި އެޕްލިކޭޝަން ގޫގުޕް ޕްލޭއިން އިންސްޓޯލްނުކުރެވުން އެކަށީގެންވެ އެވެ. އެކަމަކު އެއީ ވެސް ގޮތް ހުސްވާ ވަރުގެ ކަމެއް ނޫނެވެ. މުޅި އިންޓަނެޓްގައި "ޑޭޓާލީ ޑޮޓް އޭޕީކޭ" ފައިލް އެބަ އުޅެވެ. ގޮތް ބަލާލުން ހިތާމަކުރަން ޖެހޭ ވަރުގެ ކަމަކަށް ނުވާނެ އެވެ.

ޑޭޓާލީ: ބެކްގްރައުންޑް ޑޭޓާ ކޮންޓްރޯލްކުރުމަށް ތައާރުފެއް