އޮގަސްޓް 2019 އިން ފެށިގެން އެންޑްރޮއިޑް އެޕްތައް 64-ބިޓް އަށް ބަދަލުކުރަނީ

އެންޑްރޮއިޑް އެޕްތައް އުފައްދާ ޑިވެލޮޕަރުންނަށް ވަގުތު އަދި ކުޑަތަނެއް ނުވެ އެވެ. އެޕްތައް ބޭނުންކުރާ މީހުންނަށް ވެސް އެ ފުރުސަތު އެބަ އޮތެވެ. ގޫގުލްއިން ބޭނުންވަނީ، އެންޑްރޮއިޑް މާކެޓްގައި މިހާރު ހުރި 32-ބިޓް އެޕްލިކޭޝަންތައް ޒަމާނުން ފޮހެލާށެވެ. އެއީ އެކަމަކު ޖުލައި 2019 އަށް ފަހު އެވެ.


ގޫގުލްއިން އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމަށް ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން ޑިވެލޮޕަރުންނާ އަބަދުވެސް ވާހަކަދައްކަ އެވެ. އެފަދަ މަޝްވަރާތައް ފަށަނީ ގޫގުލް ޑިވެލޮޕާސް ކޮންފަރެންސްގަ އެވެ. އެ ގޮތުގައި އެންޑްރޮއިޑަށް ގެންނަން ބޭނުންވާ ބަދަލުތައް މަރުހަލާތަކަކަށް ބަހާލައި، ހާސިލްކުރަން އެދޭ ލަނޑުދަތިތައް ކަނޑައަޅަ އެވެ.

އެންޑްރޮއިޑް އެޕްލިކޭޝަންތައް 64-ބިޓް އަށް ބަދަލުކުރަން މަސައްކަތް ފަށާފައި ވާއިރު، އެކަމާ ގުޅޭ ލިޔުންތައް، މިންގަނޑުތައް އަދި ޑިވެލޮޕަރުން އަމަލުކުރަން ޖެހޭ ގަވާއިދު ވަނީ އެ މީހުންނާ ހިއްސާކޮށްފަ އެވެ.

ގޫގުލްގެ ބޭނުންމަކީ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް މިހާރަށް ވުރެ ހަރުދަނާކުރުމެވެ. އެ ވިސްނުމުގައި އެންމެ މުހިންމު ފިޔަވަޅެއް ކަމަށް ގޫގުލް ދެކެނީ އެޕްލިކޭޝަންތަކުގެ ސެކިޔުރިޓީ ވަރުގަދަކުރުމެވެ.

އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް އަދި އެޕްލިކޭޝަންތައް 64-ބިޓް އަށް ބަދަލުވާއިރު، ގޫގުލް ޕްލޭ ވެސް އެ ބީދައިން ބާރު ގަދަކުރާނެ ކަމަށް ގޫގުލް ބުނެ އެވެ.

އެޕަލްއިން ވެސް ވަނީ އައިއޯއެސް 64-ބިޓް އަށް މުޅިން ބަދަލުކޮށްފަ އެވެ. އަދި 32-ބިޓް އެޕްތަކަށް ސަޕޯޓްދިނުން މުޅިން ހުއްޓާލައިފަ އެވެ.

ގޫގުލްއިން އެންޑްރޮޑް އޮޕަރޭޓިން ސިސްޓަމަށް ގެންނަ ބަދަލުތަކާ ގުޅިގެން ހާޑްވެއާ އުފައްދާ ކުންފުނިތަކަށް ފޯރުކޮށްދޭން ޖެހޭ ތަފުސީލުތައް ވަރަށް އަވަހަށް ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ބޭނުމަކީ އެންޑްރޮއިޑް ހުރިހާ ފޯނެއް 64-ބިޓް އަށް ބަދަލުކޮށް އަދި ސްޓޮކް އެޕްލިކޭޝަންތައް ވެސް އެ މިންގަނޑަށް ހެޔޮވަރުކުރުމެވެ.