އެއް އަތުން ކޮށަން އެހީތެރިވާ ކަޓިން ބޯޑެއް

ކޮންމެވެސް ކަމެއް ދިމާވެގެން އެއް އަތުން މަސައްކަތްކުރަންޖެހޭ ފަދަ ގޮތެއް ދިމާވެއްޖެ ނަމަ ނުކުރެވޭނެ ކަންތައްތައް ވަރަށް ގިނަވާނެ އެވެ. ކައްކާ މީހަކަށް މިއީ ހިތަށް ކުޅަދާނަވާމެ ކަމެއް ނޫނެވެ.


ޖޭޒް ކަޓިން ބޯޑަކީ އެއް އަތުން މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ކޮށާ ފިލައެކެވެ. ފިޔާ އާއި އާފަލުން ފެށިގެން އެކި ފާޑުގެ ރޯމަސް ވެސް މި ފިލާ މަތީ ބާއްވައިގެން ކޮށޭނެއެވެ. މި ފިލާ އުފައްދާފައިވަނީ ތިން ފަށަލައަކަށެވެ. އެއީ ސިލިކޯން ތަބަކަކާއި އޭގެ މަތީ ބާއްވާ ކަށި ހެރި ޕްލާސްޓިކް ފިލައަކާއި ލޯވަޅު އެޅި ޕްލާސްޓިކް ފިލައެކެވެ. ލޯވަޅު އެޅި ފިލައަކީ ކަށި ހެރި ފިލައަށް ރަގަޅަށް ފައްތާލެވޭ ގޮތަށް ލޯވަޅު އަޅާފައިވާ ފިލައެކެވެ.

ކަށި ހެރި ފިލާގެ ބޭނުމަކީ ކޮށަން ބޭނުންވާ ތަކެތި ފަރާތަކަށް ވެސް ގުޑާލިޔަ ނުދީ ހިފެހެއްޓުމެވެ. ކަށިތަކުގެ ތެރެއަށް ފައްތާލާފައިވާ ފިލައަކީ ކޮށާ ނިމިގެން ހިއްލާލެވޭ ގޮތަށް ހަދާފައިވާ ފިލައެކެވެ. ބޭނުންވާ ވަރަކަށް ކޮށުމަށް ފަހު އެ ފިލާ ހިއްލާލައިގެން ނަގައި ތަށްޓަކަށް އޮއްސާލަންވީއެވެ. މި ހުރިހައި ކަމެއް އެއް އަތުން ހަމަޖެހިލައިގެން ކުރެވޭނެއެވެ.

މި ފިލާ ބާޒާރަށް ނެރެން ދުވަސްކޮޅެއް އަދި އެބައޮތެވެ. ބެލެވޭ ގޮތުގައި މިއީ އަތްފައިގެ ހަރަކާތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އަމިއްލަ ހާލައިގެން އުޅެވޭތޯ މަސައްކަތްކުރުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.