ރައްކާތެރިކަމުގެ ފަށުފޫ

މަގުމައްޗަށް ނުކުމެ އުޅުމަކީ މިހާރު ރައްކާތެރިކަމެއް ނޫނެވެ. އަބަދުވެސް ތިބެނީ ސިހިސިހިއެވެ. އަލަށް މީހަކާ ބައްދަލުވިޔަސް އިތުބާރު ކުރާނީތޯ ނުވަތަ ނޫންތޯ އަބަދުވެސް ހިތަށް އަރައެވެ. މިފަދަ ހާލަތެއްގައި ބޭނުންކުރާނެ ފަށުފުލެއް މިހާރު ލިބެން އެބަހުއްޓެވެ.


ބަލާބެލުމަށް ރީތި މި ފުލަކީ ކަރުގައި އަޅާ ފަށުގައި ނުވަތަ އަތުގައި އަޅާ ކެވެލިކޮޅުގައި ނުވަތަ ދަބަހާއި ތަޅުދަނޑިފުލުގައި ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ނުރައްކަލުގެ ހާލަތުގައި ފުލުހުންނަށް އެންގުމަށް ފޯނުކުރުމަކީ ވާނެ ކަމެއް ނޫނެވެ. މި ފަށުފުލުގެ މޮޅު ކަމަކީ ދެފަހަރަކަށް ފުލަށް ފިތާލީމާ ތިމާ ހުރި ތަން ޖީޕީއެސްއިން އަންގައިދެމުން ސަލާމަތަށް އެދި ފަސް ނަމްބަރަކަށް މެސެޖުދެއެވެ. މި ނަމްބަރުތަކަކީ މީގެ އެޕް މެދުވެރިކޮށް ދުރާލައި މި ޑިވައިސް އަށް ރައްކާކޮށްފައިވާ ނަމްބަރުތަކެކެވެ.

އިންވިސާވެއާގެ މި އުފެއްދުން އަމާޒުކޮށްފައި ވަނީ ކޮލެޖަށްދާ އުމުރުގެ ދަރިވަރުންނަށެވެ. އެކަނި ދަންވަރު ގެއިން ބޭރުގައި އުޅެންޖެހޭ މީހުންނަށްވެސް މިއީ ރައްކަލެކެވެ. މި ފޫ މަސައްކަތްކުރަނީ ބްލޫޓޫތުން ސްމާޓްފޯނާ ގުޅުވައިގެންނެވެ. މި ވަގުތު މީގެ ފަށުފޫ ވަކިން ވިއްކާ އަގަކީ 79 ޑޮލަރެވެ. އިންވިސާވެއާ ފަށުފުލުގެ ދެ ފުލާއި 3 ފުލާއި 5 ފުލާއި 10 ފުލާއި 20 ފުލުގެ ޕެކެޓު ވެސް ވިއްކަން ހުރެއެވެ.