ވިންޑޯޒް ފޯނަށް ވުރެ ގިނަ އެންޑްރޮއިޑް ފޯން، މައިކްރޮސޮފްޓް ސްޓޯރުގައި

މައިކްރޮސޮފްޓް ސްޓޯރުގައި، ވިންޑޯޒް ފޯނަށް ވުރެ އެންޑްރޮއިޑް ފޯނު ގިނަ އެވެ. ސެމްސަންގް ގެލަކްސީ މަރުކާގެ ބާރުގަދަ ފޯނުތައް، ސެމްސަންގް ސްޓޯރުން ވިއްކާ އަގުގައި، މައިކްރޮސޮފްޓް ސްޓޯރުން އެބަ ވިއްކަ އެވެ. ޝައުގުވެރިވާ މީހަކު މި ދެ ޖުމުލަ މާނަކުރަންވީ އެވެ.


ސެމްސަންގުން ނެރޭ ބާރުގަަދަ ކޮންމެ ފޯނެއް ކަހަލަ ގޮތަކަށް މައިކްރޮސޮފްޓް އޮންލައިން ސްޓޯރަށް އެބަ ވަދެ އެވެ. އެއީ މައިކްރޮސޮފްޓަށް ޚާއްސަކޮށް ސެމްސަންގުން އުފައްދާ މޮޑެލްތަކެއް ކަމަށް ބައެއް ފަހަރު ބެލެވެ އެވެ. ނަމަވެސް އެކަން އެ ގޮތަށް ނުހިނގާ ކަމަށް ސެމްސަންގް ކަށަވަރުކޮށްދެ އެވެ.

މި އޮތީ ގެލަކްސީ އެސް9 ބޯމަތިވެފަ އެވެ. އެސް9 އަދި އެސް9 ޕްލަސް އަށް، ކުރިއާލައި ޕްރީއޯޑަރުދިން ބައެއް މީހުންނަށް، ފޯނު ލިއްބައިދިނުމަށް ސެމްސަންގުން އެބަ މަސައްކަތްކުރެ އެވެ. ސެމްސަންގުން ފޯނު ވިއްކަން ފަށާ ދުވަހު، މައިކްރޮސޮފްޓް ސްޓޯރުން، ހަމަ އެ އަގުތަކުގައި، ވިއްކާނެ ކަމަށް އެބަ ބުނެ އެވެ.

ސެމްސަންގާ ޚިލާފަށް، ގެލަކްސީ އެސް9 ގަންނަ މީހުން އެހެން ކަމެއް ކޮށްދިނުމަށް ވެސް މައިކްރޮސޮފްޓުން އެދެ އެވެ؛ "މައިކްރޮސޮފްޓް ލޯންޗާ" ފޯނުތަކަށް އެޅުމެވެ.

މައިކްރޮސޮފްޓް ނޫން އެހެން ކުންފުނިތަކުން ވެސް، އެ ކުންފުނިތަކުން އުފައްދާ އުފެއްދުންތައް، ވާދަވެރިންނަށް ވުރެ ރަނގަޅުވާނެ ކަމަށް ބުނެ، އަޖުމަބެލުމަށް އެދެ އެވެ. މި ކަމުގައި އަޖައިބުވާ ވަރުގެ ކަމެއް ނެތެވެ. ސަބަބަކީ ވާދަވެރިންނަށް ވުރެ ޚިދުމަތް ރަނގަޅު ކޮންމެ ބަޔަކަށް އެ ފުރުސަތު އޮތުމެވެ.

މައިކްރޮސޮފްޓް ލޯންޗާ، ކުރިން "އެރޯ ލޯންޗާ" އަށް އެންޑްރޮއިޑް މާކެޓްގައި ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެހެން ލޯންޗާތަކާ ޚިލާފަށް، މައިކްރޮސޮފްޓް ލޯންޗާ ޑިވެލޮޕްކޮށްފައި ވަނީ އެ ކުންފުނީގެ އެހެން ޚިދުމަތްތަކާ ގުޅާލެވޭ ގޮތަށެވެ. މިސާލަކަށް ކޯޓާނާ، ކެލެންޑާ އަދި ވިންޑޯޒް ކޮމްޕިއުޓަރު ހިމެނެ އެވެ.

ގެލަކްސީ މަރުކާގެ ފޯނުތައް ވިއްކުމަށް މައިކްރޮސޮފްޓާ އެކު ޚާއްސަ ޑީލެއް ނުހަދާ ކަމަށް ސެމްސަންގުން ބުނި ނަމަވެސް، މައިކްރޮސޮފްޓް ސްޓޯރުގެ ބޭރުން ނަންބޯޑު ފިޔަފައި ދެން ހުރިހައި ކަމެއް، ސެމްސަންގް މަރުކާ އަށް ބުރަވާތަން ދަނީ ފެންނަމުންނެވެ.