ސެލްފޯން ރޭޑިއޭޝަނަކީ ބޮޑު ނުރައްކަލެއް ނޫން، ބަލައިގެން އުޅުން ބުއްދިވެރި

ސެލްފޯން އުފެއްދެއްދުމުގައި ކުންފުނިތަކުން އަމަލުކުރުން ލާޒިމުކޮށްފައި ހުރި ސަމާމަތީ ފިޔަވަޅުތައް އެ ގޮތުގައި ދަމަހައްޓައިފި ނަމަ، ތައްކަތުނުކުރެވޭ ވަރުގެ ނުރައްކަލެެއް ނެތް ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ. އެ އޮތޯރިޓީން މިހެން ބުނި ސަބަބަކީ، ސެލްފޯން ރޭޑިއޭޝަނަކީ މީހުން މަރުވުމަށް ސަބަބެއް ނޫން ކަމަށް، ނޭޝަނަލް ޓޮކްސިކޮލޮޖީ ޕްރޮގްރާމް އިން ދިރާސާކޮށް ނިންމާފައި ވާތީ އެވެ.


ނޭޝަނަލް ޓޮކްސިކޮލޮޖީ ޕްރޮގްރާމް އިން އާންމުކުރި ކަރުދާހުގައި ވަނީ، ސެލްފޯން ގިނައިރު ބޭނުންކުރުމުން ރޭޑިއޭޝަންގެ އަސަރުކުރާ މިންވަރަށް އަލިއަޅުވާލާފަ އެވެ. އާންމު ވަސީލަތެއް ގޮތުގައި މީދާ ބޭނުންކޮށްގެން ކުރި ދިރާސާ އަށް ފަހު، ސެލްފޯން ބޭނުންކުރުމުގައި ސަމާލުވުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި ރައްކާތެރިކަމާ އެކު ބޭނުންކުރުން ބުއްދިވެރިކަމަށް ވަނީ ބުނެފަ އެވެ.

ސެލްފޯން ރޭޑިއޭޝަނަކީ އާންމު ސިއްހަތަށް ނުރައްކާ އެއްޗެއް ކަމަށް ބުނެ މަސްރަހުގައި އަބަދު ވެސް ބަހުސްކުރެވެ އެވެ. ސެލްފޯން ކަންފަތުގައި ޖައްސައި، އޮއްބައިގެން ހުރެ ވާހަކަދެއްކުމަށް ވުރެ، ތަންކޮޅެއް ބޮލާ ދުރުކޮށްލުމަކީ ރައްކާތެރި ގޮތެއް ކަމަށް ބުނެވެ އެވެ. ނިދާއިރު ހަށިގަނޑާ އެހާ ކައިރީގައި ސެލްފޯން ނުބޭއްވުން ރަނގަޅު ކަމަށް ވެސް ބުނެވެ އެވެ.

މި މައުލޫމަށް ކުރެވޭ ދިރާސާތައް ގިނަ ފަހަރު ނިންމާފައި ހުންނަނީ، ސެލްފޯނަކީ އަބަދު އުރާލައިގެން ގެންގުޅެން ރައްކާތެރި އެއްޗެއް ކަމަށް ދޭހަވާ ގޮތަށެވެ. އެހެން ނަމަވެސް ފަޓުލޫނު ޖީބުގައި ފޯނު ގެންގުޅޭ ބައެއް މީނުން ބުނާ ގޮތުގައި، ފައިގައި ފޯނު ޖެހޭ ހިސާބު ހިރުވައި، ކަހައި އަދި ދިލަނަގާ ގޮތް ވެސް ވެ އެވެ.

ސެލްފޯން ރޭޑިއޭޝަނުން އާންމު ސިއްހަތަށް ނުރައްކަލެއް ލިބުނަސް، އެއީ ދެއްކެން ނެތް ވާހަކަ އެކެވެ. ސަބަބަކީ އެއީ މިހާރު ބިޔަ ވިޔަފާރިއަކަށް ވެފައި ވުމެވެ. ސެލްފޯނާ މެދު މީހުން ބިރުގަންނަ ޒާތުގެ ވާހަކަތައްދެއްކުން ވާނީ ވިޔަފާރި އަށް އެޅޭ ހިޔަންޏަކަށެވެ. އެހެންކަމުން ލިބޭ ކުޑަ ގެއްލުމަކަށް ވުރެ ތަހުޒީބީ ޒަމާން ފޯރުކޮށްދޭ ފަސޭހަތައް މާ ބޮޑަށް ވެސް މުހިންމެވެ. އެހެންކަމުން މިއީ ދުވަހަކު ވެސް ސާފުވާނެ ކަމެއް ނޫނެވެ. އެންމެ ރައްކާތެރި ގޮތަކީ ފަސޭހަތައް ދޫކޮށްނުލައި، ސެލްފޯނާ ދުރުގައި އުޅުމެވެ.