މަރުވެފައި އޮތް މީހެއްގެ ފިންގަޕްރިންޓުން ފޯނު ހުޅުވަން އުޅެފި

އެމެރިކާގައި ފުލުހުންނަށް ފިލަން އުޅެނިކޮށް ބަޑިޖަހައި މަރާލި މީހެއްގެ ފޯނު ނުހުޅުވިގެން، މަރުވި މީހާ ޖަނާޒާއަށް ގެންގޮސްފައި އޮއްވައި އެ މީހާގެ ފިންގަޕްރިންޓް ޖަހައިގެން ފޯނު ހުޅުވަން ފުލުހުން މަސައްކަތްކޮށްފި އެވެ.


މާޗް މަހުގެ 23 ވަނަ ދުވަހު ލިނަސް ފިލިޕް، 30، މަރުވީ ޕެޓްރޯލް ސްޓޭޝަނަކަށް ދިޔަ ވަގުތު ކާރު ހުއްޓުވަން ފުލުހުން އުޅުމުން ކާރުގައި ފިލައިގެން ދަނިކޮށް ބަޑިޖެހުމުންނެވެ. ފިލިޕް ފާސްކުރަން ފުލުހުން އުޅުނީ އޭނާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ފުލުހުންގެ ތަހުގީގުން މި މައްސަލައާ ގުޅޭ ރަނގަޅު ހެއްކެއް ނުފެނިގެން ދެން ނިންމީ ފިލިޕްގެ ފޯނު ހުޅުވައިގެން އޭގައި ހުރި މައުލޫމާތު ބަލާށެވެ. އެކަމަކު ފޯނު ހުޅުވެން އޮތް ގޮތަކީ ފިލިޕްގެ ފިންގަޕްރިންޓް ޖެހުމެވެ. ނަމަވެސް ފިލިޕްގެ ހަށިގަނޑު ދައުލަތުގެ ބެލުމުގެ ދަށުން ދޫކޮށްލައި، އޭރު ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ.

ފިލިޕްގެ އަނބިމީހާ ބުނީ ފޯނު ހުޅުވަން ފިންގަޕްރިންޓް ޖަހައިދޭން އެދި ފުލުން ދިޔައި ފިލިޕް ޖަނާޒާއަށް ގެންގޮސްފައި އޮއްވައި ކަމަށެވެ. ފުލުހުންގެ އަތުގައި އެކަމަށް ބޭނުންވާ ކޯޓު އަމުރެއް ނެތްއިރު ފުލުހުން އަންނަކަން ކުރިން އާއިލާއަށް އަދި ޖަނާޒާ އިންތިޒާމްކުރާ މީހުންނަށް ވެސް ނާންގާ ކަމަށްވެ އެވެ.

ފުލުހުން ކުރަން އުޅުނު ކަންތަކުގައި ގާނޫނީ މައްސަލައެއް ނެތް ކަމަށް ގާނޫނީ ތަޖުރިބާކާރުން ބުނެ އެވެ. އެއީ މީހަކު މަރުވާ ހިސާބުން، އެ މީހަކު ފާސްކޮށް ތަހުގީގެއް ކުރަން ބޭނުންވާ ނަމަ އެކަމަށް ފުލުހުން ކޯޓު އަމުރެއް ހޯދަން ނުޖެހޭނެތީ އެވެ. ނަމަވެސް މިފަހަރު ފުލުހުންނަށް ކާމިޔާބެއް ނުވި އެވެ.