ރޭގަނޑުގެ ނިދި ނަގާލައި ފޯނާ ކުޅޭ ނަމަ ޑިޕްރެޝަންގެ ބިރު އެބައޮތް

އަތުން މޮބައިލް ފޯނު ދޫވި ވަގުތެއް ހަނދާން އެބަ ހުރި ހެއްޔެވެ؟ ބައެއް މީހުން ނިދަން އެނދަށް އަރާ ގޮތަށް ވެސް ފޯނާ ކުޅެލަ ކުޅެލައި އިރު އަރާއިރު ވެސް ތިބެ އެވެ. މިކަން އާދައަކަށް ނަހަދާށެވެ. ސިއްހީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް މީހާ ވެއްޓި ދާނެ އެވެ.


އިނގިރޭސިވިލާތުގެ ގްލާސްގޯ ޔުނިވަސިޓީގެ ޕްރޮފެސަރުންގެ ޓީމަކުން ހެދި ދިރާސާއެއްގައި ބުނީ ރޭގަނޑު ލަސްވާ ފަހުން ފޯނާ ކުޅެން އޮންނަ ނަމަ މީހާ ޑިޕްރެޝަނަށް ހިނގައި ދާނެ ކަމަށެވެ.

އެހެންވެ އެ މީހުން ދޭ އިރުޝާދަކީ ރޭގަނޑު 10:00 ގެ ފަހުން ފޯނާ ކުޅުން މަދުކޮށްލައި، ދަންވާ ފަހުން ފޯނާ ދުރުވާށޭ އެވެ. އަދި ނިދަން އަރާ ގޮތަށް، ނިދި މަރުހޫމްކޮށްލައި ފޭސްބުކާއި އިސްޓަގްރާމް ފަދަ ދުނިޔެތަކުގެ ތެރެއަށް ގެއްލިފައި އޮތުމަކީ މީހާ އެކަނިވެރިކޮށްލައި، ބޭކާރު ވިސްނުންތަކާއި ފިކުރުތަކުގެ ތެރެއަށް ގެންދާނެ ކަމެއް ކަމަށް ދިރާސާގައި ބުންޏެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ރޭގަނޑަކީ އަރާމު ކުރަން އޮންނަ ވަގުތެވެ. އެހެންވެ ރޭގަނޑުގެ އަރާމު ނިދި ނަގައިލުމަކީ މީހާގެ އާންމު ދިރިއުޅުމަށް ވެސް ބުރޫ އަރާނެ ކަމެކެވެ. އޭގެ ސަބަބުން ދުވާލު ގަނޑީގައި މީހާގެ ހަރަކާތްތެރިކަން ކުޑަކޮށްދީ ބައިޕޯލާ ޑިސްއޯޑާގެ ޝިކާރަަކަށް ވެސް ވެދާނެ އެވެ.

"ރޭގަނޑުގެ ނިދި ނަގާލުމަކީ ސިކުނޑި އަށް ލޮޑު ކުރުވާނެ ކަމެއް، ދުވަހުގެ މަސައްކަތުގެ ތެރެއަށް ނުކުތީމަ އެކަން ބޮޑަށް އިހުސާސް ކުރެވޭނީ،" ދިރާސާގައި ޓީމްގައި ހިމެނޭ ޑެނިއެލް ސުމިތު ވިދާޅުވި އެވެ. "އެހެންވެ ރޭގަނޑުގެ ފުރިހަމަ ނިދި ހޯދަން ޖެހޭނެ."