ފެންބޯން ހަނދާންކޮށްދޭ ފެންފުޅިއެއް

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފެން ބޯންޖެހެއެވެ. ދުވާލަކު 8 ތަށި ފެން ބޯންޖެހޭ ކަމަށް ސިއްހީ ތަޖުރިބާކާރުންނާއި ޑޮކްޓަރުން ލަފާދެއެވެ.


ފެނުގެ ބަދަލުގައި ތަފާތު އެކި ބުއިންތަކާ މާ ދޯޅުކަމަށްވެސް ފާހަގަކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން، ބޭކާރު ޚަރަދުތަކެއް ބޭހަށް ކުރަންޖެހެއެވެ. މިހާ ހިސާބަށް ހާލަތު ނުދަނީސް ފެން ބުއިމަށް އާދަކުރެވޭނީ ކިހިނެއްހެއްޔެވެ؟ މި އާދަ ރަނގަޅަށް ހިފަން ފަސޭހަކޮށްދޭ ފެންފުޅިއެއް ބާޒާރަށް ނެރުމުން އެކަން ފުރިހަމަވާނެބާއެވެ.

އިކުއާގެ ނަމުގައިސްލޮވީނިޔާ ކުންފުންޏަކުން އުފައްދާފައިވާ މި ފެންފުޅީގެ ޚާއްސަ ސިފައަކީ ފެން ބޯ ވަގުތު ޖެހުމުން ފުޅީގެ ފޫ ދިއްލައިދިނުމެވެ. ހަނދާން ނެތިފައި ހުއްޓަސް ފެންފުޅި ދިއްލެން ފެށުމުން ހަނދާންވާނެ ކަމަށް ބެލެވެއެވެ.

އިކުއާ ފެންފުޅި ފަރުމާކޮށްފައިވަނީ ފެންފުޅި ބޭނުންކުރާ މީހާގެ އިސްކޮޅާއި ބަރުދަނުގެ މައުލޫމާތު، މީގެ ސްމާޓްފޯން އެޕްގައި ރައްކާކުރާ ގޮތަށެވެ. ފެން ބޯންވީ މިންވަރާއި ފެން މަދުވާ ވަރު ފުޅިއަށް ދެނެގަނެވޭނީ މި މައުލޫމާތުގެ މައްޗަށް ރިއާޔަތްކޮށްގެންނެވެ. ފެން ބޮވޭ މިންވަރާ މެދު ޝައްކުވާ ނަމަ ފުޅީގައި މަޑުމަޑުން ކޮށްޓާލުމުން، ދިއްލޭ ދިއްލުމަކުން ޖަވާބު ދޭނެއެވެ. މަޑުމަޑު ދިއްލުމެއް ދިއްލޭ ނަމަ ހާސްކަމެއް ނެތެވެ. އަވަސް އަވަހަށް ދިއްލޭ ނަމަ، ބޯންވާ ވަރަށް ފެން ނުބޮވެނީއެވެ.

އިކުއާ ފެންފުޅިއަށް ބައި ލިޓަރު ފެން އެޅެއެވެ. މިއަށް ހޫނުފެން އެޅުމުން 12 ގަޑިއިރުވަންދެން ހޫނުކަން ހިފަހައްޓައިދެއެވެ. ފިނިކޮށް ނަމަ 24 ގަޑިއިރު ފިނިކޮށް ހުރެއެވެ.