އެންމެ ކުރީގެ ޕްލޭސްޓޭޝަން އެނބުރި އަންނަނީ

ސޮނީން އެންމެ ފުރަތަމަ، 1994 ވަނަ އަހަރު އުފެއްދި ޕްލޭސްޓޭޝަން ކޮންސޯލްގެ ސައިޒު ކުޑަކޮށް އަލުން ބާޒާރަށް ނެރެން ސޮނީން ނިންމައި ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.


އެންމެ ފުރަތަމަ އުފެއްދި ކޮންސޯލަށް ވުރެ 45 ޕަސެންޓް ކުޑަކޮށް، އެކަމަކު ހަމަ ކުރީގެ ސިފަޔަށް ހަދާފައިވާ ޕްލޭސްޓޭޝަން ކްލެސިކް ކޮންސޯލް ވިއްކަން ފަށާނީ ޑިސެމްބަރު 3 އިން ފެށިގެންނެވެ. މިއީ ޕްލޭސްޓޭޝަން އުފެއްދިތާ 24 އަހަރު ފުރޭ ދުވަހެވެ.

އިހުގެ ހަނދާންތަކާ އެކު އަދި އޭރު ކުޅުނު 20 ގޭމަކާ އެކު ކޮންސޯލް ވިއްކަނީ އެންމެ 99 ޑޮލަރަށެވެ.

މި ކޮންސޯލްގައި އެޗްޑީއެމްއައި ޕޯޓެއް ހިމަނާފައި ވާއިރު މި ވިއްކަނީ އެޗްޑީއެމްއައި ކޭބަލަކާއި ވާގަނޑުން ގުޅާ ދެ ކޮންޓްރޯލާ ވެސް އެކުގަ އެވެ. މިއީ ސީޑީ ލައްވަންޖެހޭ ކޮންސޯލެއް ނޫނެވެ. އެކަމަކު ކުރީގެ ޕީއެސްގެ ސިފަޔާއި އިހްސާސްތައް ގެއްލުވައިނުލުމަށް، ސީޑީ ނަގަން ފިތާލާ ބަޓަން ވެސް ހަމަ އެގޮތަށް އިންނާނެ އެވެ.

މި ކޮންސޯލަށް ބެސްޓްބައި، އެމެޒޯން، ވޮލްމާޓް އަދި ގޭމްސްޓޮޕުން ވެސް މިހާރު ޕްރީ އޯޑާކުރެވޭނެ އެވެ.