މަސައްކަތަށް ފަރުވާތެރިވާ ވަރު ބެލޭ އެޕެއް

ސްމާޓްފޯނު އާންމުވެފައިވާ މި ޒަމާނުގައި، މަސައްކަތުގައި އުޅޭއިރު ފޫހިވުމުން ނުވަތަ ނިދި އައުމުން އޮށޯވެލާނެ ގޮތެއް ނެތް ނަމަ އެންމެ އަވަހަށް އަތަށް ނަގާނީ ފޯނެވެ. ގިނަ ފަހަރަށް މިއީ މުނިފޫހިފިލުވައިދޭ އެކުވެރިޔެކެވެ. އެކަމަކު ވަޒީފާގެ މާހައުލަކަށް މިއީ އެންމެ އެކަށޭނަ އެކުވެރިޔާއެއް ނޫނެވެ. އެފަދަ ދަނޑިވަޅުތަކުގައި ތިމާގެ ސަމާލުކަން ހުރި މިންވަރު ދެނެގަނެވޭނެ މަގެއް ހޯދުމުގެ މަސައްކަތް އެމެރިކާގެ ކޯނެލް ޔުނިވާސިޓީގައި ކުރިއަށް އެބަދެއެވެ.


ކޯނެލް ޔުނިވާސިޓީގެ އިންފޮމޭޝަން ސައިންސް ޑިޕާޓްމަންޓްގައި ޕީއެޗްޑީއަށް ކިޔަވާ ދަރިވަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ދިރާސާގައި ބަލަމުންދަނީ މަސައްކަތަށް އަހަންމިއްޔަތު ދޭ މިންވަރު، ފޯނުގެ ކެމެރާގެ އެހީގައި ބެލުމަށެވެ. މި ދިރާސާގައި އިސްކޮށް އުޅޭ ދަރިވަރެއްކަމަށްވާ ވިންސެންޓް ޓީސެންގް ބުނާ ގޮތުގައި ފޯނު އަންލޮކްކުރުމަށް ފޯނަށް ބަލައިލާ ވަގުތު، ލޮލުގެ ކަޅު ކަޅިއަށް އައިސްފައިވާ ބަދަލުން އެކަން ދެނެގަނެވޭނެއެވެ. ސަބަބެއްކަމަށް އެވެރިން ބުނަނީ ދުވާލުގެ އެކި ވަގުތުތަކުގައި ކަޅީގެ ބޮޑުމިނަށް ބަދަލު އަންނަމުންދާކަމެވެ. ކުރާ ކަންކަމަށް ސަމާލުވެ ހުންނަ ނަމަ ކަޅި ހުންނާނީ ބޮޑުކޮށެވެ. ސަމާލުކަން ކުޑަވާ ނަމަ ކަޅި ދާނީ ކުޑަވަމުންނެވެ. މީގެ އިތުރުން މާހައުލުގައި ހުރި އަލިކަމެއްގެ މައްޗަށްވެސް މިކަން ބިނާވެފައިވައެވެ. މި ހުރިހާ ހިސާބެއް ޖެހުމަށްފަހު ކަޅިއަށް އަންނަ ބަދަލުން ތިމާގެ ވަޒީފާގައި "ހޭލާ" ހުރި މިންވަރު ވަޒަންކުރެވޭނެއެވެ.

ވަޒީފާގައި ސަމާލުކަން ކުޑަވުމުގެ މައްސަލަ، ސީރިޔަސް ކަމަކަށްވާނީ ޑޮކްޓަރުންނާއި ނަރުހުން ފަދައިން މީހުންގެ ފުރާނައަށް އަސަރުކުރާ ވަރުގެ މަސައްކަތްކުރާ މީހުންނަށް މި ހާލަތާ ކުރިމަތިވުމުންނެވެ. އެފަދަ ނާޒުކު ދަނޑިވަޅެއްގައި ފޯނަށް ނުބެލި ނަމަވެސް ޑޮކްޓަރުންނާއި ނަރުހުން ގެންގުޅޭ އެކި ފާޑުގެ އާލާތްތަކުގައިވާ ކެމެރާތަކުގެ އެހީގައި އެވެރިންގެ ހިއްސުތައް ހޭލާ ހުރި މިންވަރު ބެލިދާނެއެވެ. އަދި އަރާމުކުރަންޖެހޭ ފަދަ ގޮތަކަށް ލޮލުގެ ކަޅިން އިޝާރާތްކުރާނަމަ ވަގުތީ ގޮތުން އެހެން މީހަކު އޭނާގެ ބަދަލުގައި އޭނާ އަދާކުރަމުންދިޔަ މަސައްކަތާ ހަވާލުވާނީއެވެ. އަދި އޭނާއަށް އަރާމުކުރާނެ ވަގުތު ދޭނީއެވެ. މި ގޮތަށް ކަންތައް ކުރުމަކީ އެހެން މީހެއްގެ ފުރާނައަށް ވެސް ހުރި ރައްކަލެކެވެ.

މި ދިރާސާގައި އިސްކޮށް އުޅޭ ދަރިވަރުން ބުނާ ގޮތުގައި މިފަދަ ދިރާސާއެއް ކުރުމުގެ ބޭނުމަކީ އިންސާނުންގެ އުފެއްދުންތެރިކަމުގެ މިންވަރަށް ދުވާލެއްގެ ތެރޭގައި ބަދަލު އަންނަ ގޮތް ދެނެގަތުމެވެ. ނަތީޖާއެއްގެ ގޮތުން، މުހިއްމު މަސައްކަތްތައް ފުރިހަމަކުރަން އާންމު އިންސާނުންނަށް އެންމެ އެކަށީގެންވާ ވަގުތު ދެނެގަނެވޭނެކަމަށް އެ ދަރިވަރުން ބުނެއެވެ.