އެޕަލް ޕެންސިލް އަށް ވަޔަލެސް ޗާޖިން އަދި ދަގަތްފާނީ ބާރު

އެޕަލް އަށް ޒަމާނީ ބަދަލުތައް އެބަ އާދެ އެވެ. ތަހުޒީބީ އުފެއްދުންތަކުގައި އަދި އެ އަށް ވުރެ ވެސް ތަހުޒީބީ ސިފަތައް އެބަ ޖައްސަ އެވެ. އެޕަލް ޕެންސިލް މިސާލަކަށް ނަގަމާ ހެއްޔެވެ. އެއިން ފެންނަ ދެތިން ކަމަކަށް ބަލައިލާނީ އެވެ.


"އެޕަލް ޕެންސިލް 2" ތައާރަފުކޮށްފި އެވެ. ފުރަތަމަ އަދަދުގައި ހުރި ކޫސަނި އުނދަގޫތައް ވަނީ ފިލުވާލައިފަ އެވެ. މިސާލަކަށް، އެޕަލް ޕެންސިލް މޭޒު މަތީގައި އޮންނައިރު ގުޑުމެއް އެރި ނަމަވެސް، ފުރޮޅި ގޮސް މިހާރު ނުވެއްޓޭނެ އެވެ. އެޕަލް ޕެންސިލްގެ އަރިމަތިން ތަންގަނޑެއް ގާނައި، ފަތާކޮށްފައި ވާތީ، އެ ޑިވައިސް މިހާރު ފުރޮޅެމުންނެއް ނުދާނެ އެވެ.

އެޕަލް ޕެންސިލުން ތަންގަނޑެއް ފަތާކުރުމުގެ ހަމައެކަނި ބޭނުމަކީ އުސްތަނަކުން ވެއްޓިދާނެ ކަމަށް ބަލައި، ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމެއް ނޫނެވެ. އެޕަލް ޕެންސިލް މިހާރު ޑިޒައިންކޮށްފައި ވަނީ އައިޕެޑް ޕްރޮގެ އަރިމަތީގައި ބާއްވާލެވޭ ގޮތަށެވެ.

އައިޕެޑް ޕްރޮއާ އެޕަލް ޕެންސިލް ކައިރިކޮށްލުމުން ދަގަތްފާނީ ބާރުގައި ތަތްވެ އެވެ. އަދި ހަމަ އެއާ އެކު ހިނގައިދާ އަނެއް މަރުހަލާ އަކީ، އެޕްލަ ޕެންސިލް ޗާޖުވާން ފެށުމެވެ. "އެޕަލް ޕެންސިލް 2" ފަރުމާކޮށްފައި ވަނީ ވަޔަލެސްކޮށް ޗާޖުކުރެވޭ ގޮތަށެވެ. އައިޕެޑް ޕްރޮގައި ޖެހިފައި އޮތް ނަމަވެސް، އެޕަލް ޕެންސިލް އަކީ ވަޔަލެސްކޮށް ޗާޖުވާ ޑިވައިސްއެކެވެ.

އެޕަލް ޕެންސިލްގައި އިނގިލިން ދެ ފަހަރު ޖަހާލުމުން، އައިޕެޑް ޕްރޮގެ ސްކްރީން ހުޅުވި، އެޕަލް ޕެންސިލް އަށް ތައްޔާރުކޮށްފައި ހުރި އެޕްލިކޭޝަންތައް އޮޓަމެޓިކުން ހުޅުވެ އެވެ. އަދި ކުރަން ބޭނުންކުރާ ޓޫލްތައް ބަދަލުކުމުގައި ވެސް އެޕަލް ޕެންސިލް އަށް "ޝޯޓްކަޓް"ތައް ވަނީ ދީފަ އެވެ.