އެޕަލް އަށް ބައިތައް އުފައްދާ ފެކްޓަރީތަކުގައި ކުޑަކުދިން މަސައްކަތްކުރާ މައްސަލަ ބަލަނީ

އެޕަލްގެ ޑިވައިސްތަކަށް ހާޑްވެއާ ބައިތައް އުފައްދާ ފެކްޓްރީތަކުގައި، ކުޑަކުދިން ލައްވައި މަސައްކަތްކުރުވުމަކީ، ދޭތެރެ ދޭރެއިން ގަދަވާ އަޑެކެވެ. ޗައިނާގައި އައިފޯނު އުފެއްދުމުގައި ވެސް ކުޑަކުދިން ބޭނުންކުރުން ވަރަށް ބޮޑު މައްސަލައަކަށް ވި އެވެ.


އެޕަލް އަށް އަނެއްކާ ވެސް މި އޮތީ ހަމަ އެ މައްސަލަ ބަލަންޖެހިފަ އެވެ. އެކަމަކު މި ފަހަރު ޓައިވާނު ފެކްޓަރީތަކުގަ އެވެ. ފާރާލާ ގުރޫޕުތަކުން ޝައްކުރާކުރާ ގޮތުގައި މިއީ މިހާރު ބޮޑުވެއްޖެ މައްސަލައެކެވެ.

އެޕަލް އަށް ބައިތައް އުފައްދައިދޭ ޓައިވާން ފެކްޓަރީތަކުގައި ކުޑަކުދިން ލައްވައި އަދި ޚާއްސަކޮށް ވަރަށް ގިނައިރު، މަސައްކަތްކުރުވާތީ ވަނީ ފަޅާއަރާފަ އެވެ. އެޕަލް ގަޑިތަކުގައި ބައިތައް އަޅުވައި ރޭވުމުގެ މަސައްކަތްތަކުގައި ކުޑަކުދިން ވަރަށް ގިނައިން ބޭނުންކުރާކަން ވަނީ ކަށަވަރުވެފަ އެވެ.

ސިނާއީ ފެކްޓަރީތަކުގައި ކުޑަކުދިން ލައްވައި މަސައްކަތްކުރުވުމަކީ ބޮޑު ކުށެކެވެ. މި ކަމަށް ފާރަލާ ގުރޫޕްތަކުން ވަނީ ވަކި ވަކި ކުދިންނާ ވާހަކަދައްކައި، އިންޓަވިއުތައް ވެސް ރެކޯޑްކޮށްފަ އެވެ. އެ ކުދިން ބުނާ ގޮތުގައި، ގިނައިރު މަސައްކަތްކުރަން މަޖުބޫރުކުރުވަ އެވެ.

އެޕަލްގެ މަސައްކަތްތަކެއްގައި ކުޑަކުދިން ބޭނުންކުރާ ނަމަ ވާނީ އެޕަލް އިން ކުރުވާ ކަމަކަށެވެ. މި ބަދުނާމުން ސަލާމަތްވުމަށް އެޕަލް ވަނީ ބަޔާންތައް ނެރެ، އަދި އެއް މައްސަލަ ވަރަށް ސީރިއަސްކޮށް ބަލާ ކަމަށް ވެސް ބުނެފަ އެވެ. ޝައްކެތް ނެތް މިންވަރަށް ސާބިތުވެއްޖެ ނަމަ، އެޕަލްގެ ޑިވައިސްތަކަށް ހާޑްވެއާ އުފެއްދުމަށް އެހެން ބަޔަކު އެޕަލް އިން އިޚުތިޔާރުކުރާނެ އެވެ. އެޕަލް އަކީ މި ކަހަލަ މައްސަލަތަކުގައި ވަރަށް ސީރިއަސް ކުންފުންޏެކެވެ.