ވަޔަލެސް ޗާޖިން، ވަޔަލެސް ރިވާސް ޗާޖިން!

"ވަޔަލެސް ޗާޖިން" އަކީ ސްމާޓްފޯން ބެޓެރީ ޗާޖުކުރަން ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ. ވަޔަލެސްކޮށް ބެޓެރީ ޗާޖްކުރާ ނަމަ، އެއްވެސް ޒާތެއްގެ ވާގަނޑެއް ފޯނަށް ގުޅާކަށް ނުޖެހެ އެވެ. އެކަމަކު، ވަޔަލެސްކޮށް ބެޓެރީ ޖާޗްކުރަން ތައްޔާރުކޮށްފައި ހުންނަ ޗާޖިން ޕެޑެއްގެ މަތީގައި ފޯނު ބާއްވަން ޖެހެ އެވެ. ފޯނު ކޮޅަށް ބެހެއްޓޭ ޗާޖިން ޕެޑްތައް ވެސް ހުރެ އެވެ.


ޗާޖިން ޕެޑް މަތީގައި ފޯނު ބޭއްވުމުން ބެޓެރީ ޗާޖުވެ އެވެ. އެ ގޮތުގައި ބެޓެރީ ޗާޖުކުރެވެނީ ވަޔަލެސްކޮށް ޗާޖްކުރެވޭ ގޮތަށް، ވަޔަލެސް ޗާޖިން ޓެކްނޮލޮޖީ ހުންނަ ފޯނުތަކުގެ ބެޓެރީ އެވެ.

"ވަޔަލެސް ރިވާސް ޗާޖިން" އަކީ ވެސް ވަޔަލެސްކޮށް ބެޓެރީ ޗާޖްކުރެވޭ ޓެކްނޮލޮޖީއެކެވެ. އެކަމަކު، ވަޔަލެސް ރިވާސް ޗާޖިން ޓެކްނޮލޮޖީގެ ސަބަބުން ޗާޖުކުރެވެނީ، މި ޓެކްނޮލޮޖީ ހުންނަ ފޯނު ނޫން އެހެން ފޯނުތަކުގެ ބެޓެރީ އެވެ.

"ވާވޭ މޭޓް 20 ޕްރޮ" އަކީ ވަޔަލެސްކޮށް ބެޓެރީ ޗާޖްކުރެވޭ ފޯނެކެވެ. މި ފޯނުގައި "ވަޔަލެސް ރިވާސް ޗާޖިން" ޓެކްނޮލޮޖީ ވެސް ހިމަނާފައި ވެ އެވެ. އެހެންކަމުން، ވާވޭ މޭޓް 20 ޕްރޮ ބޭނުންކޮށްގެން، ވަޔަލެސް ޗާޖުކުރެވޭ އެހެން ފޯނެއް ޗާޖުކުރެވިދާނެ އެވެ. މިސާލަކަށް ގެލަކްސީ ނޯޓް 9 އަދި އައިފޯން 10 އެކެވެ. އެ ގޮތުގައި، ވާވޭ މޭޓް 20 ޕްރޮ ބޭނުންކުރެވެނީ ޗާޖިން ޕެޑެއްގެ ގޮތުގަ އެވެ.

ސްމާޓްފޯނުތަކުގައި ވަޔަލެސް ރިވާސް ޗާޖިން ހިމެނި ނަމަވެސް، މިއީ ބިންގުޑާ ވަރުގެ ޓެކްނޮލޮޖީއަކަށް ނުވެދާނެ އެވެ. ސަބަބަކީ، އަމިއްލަ ފޯނުން އެހެން މީހެއްގެ ފޯނު ޗާޖުކޮށްދިނުމުން، އަމިއްލަ ފޯނުގެ ބެޓެރީ ހުލިވުން އަވަސްވާނެތީ އެވެ. އެެހެން ނަމަވެސް، މިއީ ހާލުގައި ޖެހިގެން އުޅޭއިރު ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ.