އަހަރެމެންނަށް 5ޖީ މޮބައިލް ނެޓްވޯކް މާނަކުރެވެނީ ކޮން ގޮތަކަށް؟

މި ދެކެވެނީ 5ޖީ މޮބައިލް ނެޓްވޯކްތަކުގެ ވާހަކަ އެވެ. މުޅި ދުނިޔެ މިސްރާބު އޮތީ 5ޖީ އަށެވެ. ދުނިޔޭގެ މޮބައިލް އިންޓަނެޓް ގުޅުންތަކަށް، އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި، ބުރަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.


5ޖީ އަކީ، 3ޖީ އަދި 4ޖީ އަށް ފަހު، މޮބައިލް އިންޓަނެޓް ގުޅުމަށް ކިޔާ ނަމެވެ. ފަސް ވަނަ ޖީލަށް މި ނަން ނިސްބަތްވުމުގެ މާނަ އަކީ، ދަރަޖަ މަތިވުމެވެ. ބާރުގަދަވެ، ދުވެލި ހަލުއިވުމެވެ. އެހެންކަމުން، 3ޖީ އަދި 4ޖީ އަށް ވުރެ ވެސް 5ޖީ ހަލުއިވާނެކަން އަހަރެމެން ގަބޫލުކުރަންވީ އެވެ.

ގައުމުތަކުގެ މެދުގައި 3ޖީ، 4ޖީ އަދި 5ޖީ މާނަކުރުމުގައި ތަފާތެއް ނެތެވެ. ނަމަވެސް، ތަޖުރިބާކުރުމުގައި ފަރަގު ބޮޑެވެ. މި ގޮތަށް ކަންތައް ވުމަށް ސަބަބުތަކެއް މެދުވެރިވެ އެވެ. މިސާލެއް ބުނެދޭނަމެވެ.

"ރޯޑް ރޭހެއް" ގައި އެއްވަނަ ހޯދި ކަމަށް، ރޭސް އިންތިޒާމްކުރި ފަރާތުން ކަނޑައަޅަނީ، ފުރަތަމަ ރޭސް ނިންމި ފަސް މީހުން ކަމަށެވެ. އެ ގޮތުގައި، އެ ފަސް މީހުން ކުރެ ކޮންމެ މީހަކަށް ވެސް "އެއްވަނަ" ދަރަޖަ ދެވެ އެވެ. މި މިސާލުގައި ވިިސްނާލަން އޮތް ތަންކޮޅަކީ، ފުރަތަމަ ރޭސް ނިންމި ފަސް މީހުންގެ ތެރޭގައި ވެސް، އެންމެ ފުރަތަމަ ރޭސް ނިންމި މީހަކު ހުންނާނެ ކަމެވެ. އޭނާ އެ ރޭސް ނިންމީ ދެން ތިބި މީހުންނަށް ވުރެ ބާރަށް ދުވެގެން ކަމެވެ. އޭނާގެ ދުވެލި ބާރީ އެވެ.

ގައުމުތަކަށް 5ޖީ ނެޓްވޯކް ތައާރުފުކުރުމުން، ބޭނުންކުރާ މީހުންނަށް ކުރެވޭ ތަޖުރިބާ ވެސް ވާނީ މި ބުނި ކަހަލަ ރޯޑް ރޭހަކަށެވެ. 5ޖީ ނެޓްވޯކް ލިބޭ ކަމަށް 5ޖީ ޑިވައިސްއަކުން ދެއްކި ނަމަވެސް، ސްޕީޑަށް ބަދަލުތަކެއް އަންނާނެ އެވެ.

5ޖީ ނެޓްވޯކްގައި ކަނޑައަޅަނީ، 5ޖީ ނެޓްވޯކެއް ކަމަށް ބަލާނީ، އެވެނި ސްޕީޑަކަށް ވުރެ އިންޓަނެޓް ގުޅުން މަތިވި ނަމަ ވެސް، މި ވެނި ސްޕީޑަކަށް ވުރެ ދަށް ވެގެން ނުވާނެ ކަމަށެވެ. މި ގޮތަށް ދާއިރާ ކަނޑައެޅުމުން، ދާއިރާގައި ހިމެނޭ އެންމެ ދަށް ސްޕީޑް ވެސް ވާނީ 5ޖީ އަށެވެ. އިންޓަނެޓް ގުޅުން އެއް ޖީލަކަށް ނިސްބަތްވި ނަމަވެސް، ތަޖުރިބާކުރުމަށް ބަދަލު އަންނަ ގޮތަކީ މި އެވެ.

ދިވެހިރާއްޖެ އަށް 5ޖީ ނެޓްވޯކް ތައާރުފުކުރާނެ އެވެ. އެ އުފާވެރިކަން އެންމެ ކުރިން ލިބޭ ގައުމުތަކުގެ ތެރޭގައި އަހަރެމެން ވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެވެ އެވެ. އެހެން ނަމަވެސް، ގަބޫލުކުރެވޭތޯ ބަލަންވީ އަހަރެމެންނަކީ ފަގީރު ގައުމެއް ކަމެވެ. އަދި އާބާދީ ކުޑަ ގައުމެއް ކަމެވެ. ބޮޑު އާބާދިއަކަށް އިންވެސްޓްކުރަން ކުންފުނިތަކުން ބިރު ނުގަތެއް ކަމަކު، އާބާދީ ކުޑަ އަދި ފަގީރު ގައުމަކަށް އިންވެސްޓްކުރަން ޖެހިލުންވެވޭނެ އެވެ.

5ޖީ މޮބައިލް ނެޓްވޯލްގެ ޚިދުމަތް ލިބުމުގައި ވެސް މި ތަފާތަށް އަހަރެމެންނަށް ފެނި އަދި ތަޖުރިބާ ވެސް ކުރެވޭނެ އެވެ. އެ ކަމަށް ރުހެވޭތޯ އަމިއްލަ ނަފުސަށް ވިސްނައިދެން ވެސް ވާނެ އެވެ.