އެޕަލް އިން 2020ގެ ކުރިން 5ޖީ އައިފޯނެއް ނުނެރޭނެ

އެޕަލް އިން 5ޖީ އައިފޯނެއް ތައާރުފުކުރުން ލަސްކުރުމުން ވާދަވެރިންނަށް ވާނީ ފައިދާ އެވެ. އެހެން ނަމަވެސް، ލަސްކުރުން ނޫން ގޮތެއް މި ވަގުތު އެޕަލްއަކަށް ނެތެވެ. ސަބަބުތަކެއް ހުރުމުންނެވެ.


މުޅި ދުނިޔެ އަށް 5ޖީ މޮބައިލް ނެޓްވޯކް ތައާރުފުކުރަން އޮޕަރޭޓަރުން އަވަދިނެތި އުޅުނެއް ކަމަކު އެއީ އެޕަލް އަށް ބޮޑު ކަމަކަށް ނުވެ އެވެ. މިއީ އެޕަލްއިން އަބަދުވެސް ކަންކުރާ ގޮތެވެ. މޮބައިލް އޮޕަރޭޓަރުން 3ޖީ އަދި 4ޖީ ތައާރުފުކުރި ޒަމާނުގައި، އަވަސްއަރުވާލުމުގެ ބަދަލުގައި އެޕަލްއިން މަސައްކަތްކުރީ އައިފޯން ހަރުދަނާކުރުމަށެވެ.

ސްމާޓްފޯން އުފައްދާ ކުންފުނިތަކުން 5ޖީ ގާބިލު ފޯނުތައް އުފައްދަން ފަށާފައިވާއިރު، އެޕަލްއިން އަދި އެކަމާ ވިސްނާ ކަމަކަށް ވެސް ނުވެ އެވެ. މަސްރަހުގައި ވާހަކަތައް ހުރި ގޮތަށް ބަލާއިރު، އެޕަލްއިން 5ޖީ ފޯނެއް ނެރޭނެ ކަމަށް ބެލެވެނީ 2020 ލައިގަތުމަށް ފަހު އެވެ.

އެޕަލްއިން 5ޖީ ނެޓްވޯކަށް ވަނުން ލަސްކުރާ ސަބަބުތަކުގެ ތެރޭގައި، 5ޖީ ނެޓްވޯކްތައް ހަރުދަނާކުރަން ވަގުތު ދިނުން ހިމެނެ އެވެ. ޚިދުމަތްތައް ފަށައިގަންނައިރު، ގުޅުން ކަނޑައިގެން ދިއުން ފަދަ ކަމަކުން ލަދުގަންނަންޖެހިދާނެތީ އެޕަލް ދެރަވަނީ އެވެ.

އެޕަލް އަށް ދެން އޮތް ސަބަބަކީ، "ކުއަލްކޮމް"އާ ޒުވާބުކުރަން ޖެހުމެވެ. ކުއަލްކޮމް އުފައްދާ 5ޖީ މޯޑެމްތައް ބޭނުންކުރަން އެޕަލް ބޭނުންނުވުމެވެ. އެޕަލްއިން ނިންމާފައި ވަނީ އިންޓެލްއިން އުފައްދާ މޯޑެމްތައް ބޭނުންކުރާށެވެ. އެހެން ނަމަވެސް، އެޕަލް އަށް ކަމުދާ ފެންވަރަށް 5ޖީ މޯޑެމެއް އުފެއްދޭނެ ތާރީޚެއް އިންޓެލްއަކަށް ނޭނގެ އެވެ. އެހެންކަމުން، ވާދަވެރިން 5ޖީ ފޯނުތައް އުފައްދައި އަޖުމަބަލަމުން ދާއިރު، އެޕަލް އަށް ޖެހޭނީ އަތްއުރާލައިގެން ވާނުވާ ބަލަން ތިބޭށެވެ.