ވާވޭ އަށް 5ޖީ ކަސްޓަމަރުން އިތުރުވާ ކަމަށް ބުނެފި

"ވާވޭ"އާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވޭ ދުވަސްވަރެކެވެ. ދުނިޔެ 5ޖީ މޮބައިލް ނެޓްވޯކަށް ބަދަލުކުރަން މުވާސަލާތީ ކުންފުނިތަކުން ކުރާ މަސައްކަތްތަކުގައި، ވާވޭ އަށް ކުރިމަތިވަމުންދާ ދަތިތަކާ ބެހޭ ގޮތުން ވެސް އެތައް ފަހަރަކު ވާނީ ލިޔެވިފަ އެވެ.


އެމެރިކާގައި 5ޖީ ނެޓްވޯކް ގާއިމުކުރެވެމުން ދާއިރު، ވާވޭގެ އެއްވެސް އުފެއްދުމެއް ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. އެމެރިކާގެ އެދުމަށް އާއެކޭ ބުނެ، ވާވޭއާ އެކު ވިޔަފާރިނުކުރާނެ ކަމަށް ބުނާ ގައުމުތަކުގެ ލިސްޓް ވެސް ދަނީ ގިދުވަމުންނެވެ. އެ ގޮތުގައި ސާބިތުވެ ތިބިކަން ކަށަވަރުކޮށްދީފައި ވަނީ، އޮސްޓްރޭލިއާ، ޖަޕާން، ނިއު ޒިލޭންޑް، އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން ތިިބީ ދެކޮޅަށް ކިރިކިރި އެވެ.

ވާވޭ އަށް ވެސް އަރައިގަނެވެން އަދި ނެތް ބޮޑެތި އުނދަގޫތަކާ އެކު ވެސް، ވާވޭގެ މުވާލަސާތީ އާލާތްތައް ގަންނާނެ ކަމަށް ބުނާ ގައުމުތައް، މަޑުމަޑުން އިތުރުވަމުން ދާ ކަހަލަ އިޝާރާތެއް، އެ ކުންފުނިން ވަނީ ކޮށްފަ އެވެ.

އިންޓަނެޓް ނޫސްތައް ބުނާ ގޮތުގައި، ވާވޭއާ އެކު ވިޔަފާރި ގުޅުން ދަމަހައްޓާނެ ކަމަށް ބުނެ 22 ކަސްޓަމަރުން ވަނީ ޔަގީންކަން ދީފަ އެވެ. އަދި އިތުރު ތިން ކަސްޓަމަރެއް ލިސްޓްގައި އޮތް ކަމަށް ބުނެވެ އެވެ. އެއީ ކޮން ބައެއްކަން ހާމަނުކުރި ނަމަވެސް، އެ ކުންފުނިތަކާ އެކު 5ޖީ ނެޓްވޯކް ގާއިމުކުރަން މަސައްކަތްކުރަމުން ދާ ކަމަށް ވާވޭ ބުނެ އެވެ.

ވާވޭ އުފައްދާ މުވާސަލާޓީ ސާމާނުތައް ބޭނުންނުކުރަން ބުނާ ގައުމުތަކުން ދައްކާ ބަހަނާ އަކީ، ޗައިނާ ސަރުކާރާ އެކު ވާވޭ ގެންގުޅޭ ގޮތް ނޭނގޭ ގުޅުމެވެ. އެހެން ނަމަވެސް އެއީ ރަނގަޅު ބުނުމެއް ނޫން ކަމަށް ވާވޭ ބުނެ އެވެ. ވާވޭ ބުނާ ގޮތުގައި، ވާވޭއިން އުފައްދައި ވިއްކާ ޓެކްނޮލޮޖީގައި، ޗައިނާ ސަރުކާރުގެ އެއްވެއް ބާރެއް ނޯންނާނެ އެވެ.