ސެމްސަންގް ގެލަކްސީ އެސް10 މަރުކާގައި 5ޖީ ފޯނެއް

ގެލަކްސީ އެސް10ގެ ނަމުގައި، މޮޑެލް ތަފާތު ދެތިން ފޯނެއް ނެރޭނެ ކަމަށް ބުނެވެ އެވެ. ނަމަވެސް، އޭގެ ތެރޭގައި 5ޖީ ނެޓްވޯކް ސަޕޯޓްކުރާ ފޯނެއް ނުހިމެނޭ ކަމަށް ބުނެ ކުރިން ވާހަކަދެކެވުނު ނަމަވެސް، އޭގެ ތެރޭގައި 5ޖީ ފޯނެއް ހިމެނޭ ކަމަށް ބުނާ ބުނުމުގައި މިހާރު އިތުބާރުހިފެން ފަށައިފި އެވެ.


ސެމްސަންގް ގެލަކްސީ އެސް10 އަށް ނިސްބަތްކޮށް ނެރޭ ފޯނުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ ފޯނަށް ކިޔާ ކޯޑް ނަމަކީ "ބިޔޯންޑް އެކްސް" އެވެ. މިއީ އެސް10 ގައި ހިމެނޭ އެންމެ އަގު ބޮޑު އަދި ތަހުޒީބީ ފޯނު ކަމަށް ބުނާތީ ވެސް އިވެ އެވެ.

ދުނިޔޭގެ މުވާސަލާތީ ކުންފުނިތަކުން 5ޖީ މޮބައިލް ނެޓްވޯކް ގަތާލަން މަސައްކަތް ފެށުމުގެ ވެސް ކުރިން، ސްމާޓްފޯން އުފައްދާ ކުންފުނިތަކުން ވަނީ 5ޖީ ފޯނުތައް އުފައްދަން މަސައްކަތް ފަށައިފަ އެވެ. ނަމަވެސް، ގެލަކްސީ އާއިލާ އަށް ސެމްސަންގް 5ޖީ ފޯނުތައް ނިސްބަތްނުކުރާ ގޮތަށް އެއިރު ވާހަކަދެކެވުނެވެ.

ސެމްސަންގް 5ޖީ ފޯނުތަކަށް މުޅިން އާ މަރުކާއެއް ތައާފުރުފުކުރާ ގޮތަށް ވާހަކަދެކެވި ވަނީ ހަމަޖައްސާފަ އެވެ. މަސްރަހުގެ ވާހަކަތައް އޮންލައިން ނޫސްތަކަށް އަރާފައި ވަނީ މި ގޮތަށެވެ. އެހެން ނަމަަވެސް، ޚިޔާލު މުޅިން ބަދަލުކޮށް 5ޖީ ފޯނެއް، ގެލަކްސީ އާއިލާގައި ހިމަނަން ސެމްސަންގް ބޭނުންވީ ކީއްވެ ކަމެއް ނޭނގެ އެވެ.

ސެމްސަންގް 5ޖީ ފޯނުތައް ފަސްކުރި ނަމަވެސް، ވާވޭ، ވަންޕްލަސް އަދި އޮޕޯ ފަދަ ޗައިނާ ކުންފުނިތަކުން ތިބީ ލަސްކުރާ ގޮތަަކަށް ނޫނެވެ. އެހެންކަމުން ބެލެވެނީ ވާދައިގެ ރޭހުގައި ފަހަތަށްޖެހެން ޖެހިދާނެ ކަމަށް ސެމްސަންގް ޖެހިލުން ވަނީ ކަމަށެވެ. މިއީ ކަން އޮތް ގޮތަށް ނުވި ނަމަވެސް، ގެލަކްސީ އާއިލާ އަށް 5ޖީ ފޯނެއް ނިސްބަތްކޮށް ކުރިއާލައި ތައާރުފުކުރުމަކީ ބޭނުންކުރާ މީހުންނަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.